ބޮލީވުޑް

ބޮލީވުޑްގެ އާ ޖޯޑަކީ ޕްރަބާސް އާއި ކްރީތީ

ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ފަހުން އަޅުވާ ކިޔަން ފަށާފައިވަނީ ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ކްރީތީ ސެނޯން އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕްރަބާސް އާއި ކްރީތީގެ ގުޅުން ބަދަހިވާން ފެށީ ދެ މީހުން އެކުގައި ކުޅޭ "އަޅިޕުރުޝް"ގެ ޝޫޓިންގްގައި އެކުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ފުރުސަތު ލިބުމުންނެވެ.

ޕްރަބާސް އަކީ އޭނާގެ ލޯބީގެ ހަޔާތް ވަރަށް ސިއްރުކޮށްގެން އުޅޭ ލަދުވެތި މިޒާޖެއްގެ މީހެކެވެ. އަދި ކްރީތީ އަކީ ވެސް އޭނާ ރައްޓެހިވެގެން އުޅޭ މީހުންގެ ވާހަކަ ކިޔައިދޭ މީހެއް ނޫނެވެ.

ޕްރަބާސް އާއި ކްރީތީ އަދި ސައިފް އަލީ ޚާން ކުޅޭ "އަޅިޕުރުޝް" އިއުލާންކޮށްފައިވަނީ 2020ގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް ކްރީތީ މި ފިލްމުގައި ބައިވެރިވާކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު އެވެ.

"އަޅިޕުރުޝް"ގެ ޝޫޓިންގް ނިމި މިހާރު ކުރިއަށް ދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޕްރަބާސް އާއި ކްރީތީގެ ހިތުގައި އެކަކު އަނެކަކަށް ޚާއްސަ ކަނެއް ދެވިފައި އޮތްކަން އިހްސާސް ވިޔަސް މާއަވަސް އަރުވާލައިގެން އުޅޭކަށް އެމީހުން ބޭނުމެއް ނުވެ އެވެ. މިހާރު އެމީހުންގެ ގުޅުން އޮތީ އެކަކު އަނެކަކު ދަސްކުރުމުގެ މަރުހަލާގައި ކަމަށް މި ޚަބަރުގައި ބުނެފައިވެ އެވެ.

ފިލްމާ ގުޅުން ހުރި މީހަކު ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ނިމުނުތާ އެތައް މަހެއް ފާއިތުވެފައިވީ ނަމަވެސް ކްރީތީ އާއި ޕްރަބާސްގެ ގުޅުން އޮތީ ވަރަށް ހަރުދަނާ ކޮށެވެ. އެކަކު އަނެކަކަށް ފޯނުކޮށް މެސެޖުކޮށް ހަދާ ކަމަށެވެ.

އެކުގައި ފިލްމެއް ކުޅެން ފަށާއިރަށް އެ ފިލްމުގެ ލީޑް އެކްޓަރުން އަޅުވާ ކިޔުމަކީ ބޮލީވުޑްގައި ވަރަށް އާދައިގެ ކަމެކެވެ. ނަމަވެސް ކްރީތީ އާއި ޕްރަބާސްގެ ގުޅުން މިއާ ތަފާތެވެ. އެ ދެ މީހުންގެ މެދުގައި ވަރަށް ވަރުގަދަ ލޯބީގެ ގުޅުމެއް އަންނަނީ އުފެދެމުންނެވެ. އަދި މި ގުޅުން މަޑުމަޑުން ތަރައްގީވަމުން ދިއުމަށް އެ ދެ އެކްޓަރުން ވެސް އެދެ އެވެ.

ކްރީތީ އާއި ޕްރަބާސްގެ ލޯބީގެ ވާހަކަ މާގަދައަށް މިހާރު ދެކެވެން ފަށާފައިވަނީ ކްރީތީ ދާދިފަހުން ބައިވެރިވި "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑުގައި ފިލްމު ކުޅޭ އެކުވެރިންނަށް ގުޅަން ޖެހޭ ސެގްމެންޓްގައި އޭނާ ފުރަތަމައިނުން ވެސް ޕްރަބާސް އަށް ގުޅީމަ އެވެ. އަދި ކްރީތީ ގުޅުމާއެކު ކަހަލަ ގޮތަށް ޕްރަބާސް ފޯނު ނެގީމަ އެވެ.

"އަޅިޕުރުޝް"ގެ ސެޓުގައި މަސައްކަތްކުރި މީހަކު ބުނި ގޮތުގައި ފިލްމުގެ ޝޫޓީންގް ކުރިއަށް ދިޔަ ދުވަސްތަކުގައި ވެސް ޕްރަބާސް އާއި ކްރީތީ އެކުގައި ހުރިހާ ވަގުތެއް ހޭދަކުރި ކަމަށާއި ދެ މީހުންގެ މެދުގައި އޮތް ގުޅުން ފިލްމު ސެޓުގައި އުޅުނު މީހުންނަށް ފެނިފައިވާ ކަމަށެވެ.