ބޭރު ކުޅިވަރު

ހާލަންޑަށް ދޫނުދީ ލެވަންޑޯސްކީ ވެސް ލަނޑު ޖަހަނީ

ސްޕެނިޝް ލީގުގައި ރޭ ރޮބާޓް ލެވަންޑޯސްކީގެ ގޯލުތަކާ އެކު ބާސެލޯނާ އިން އަމިއްލަ ދަނޑުގައި 0-3 އިން އެލްޗޭ ބަލިކޮށްފި އެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ފޯމުގައި ހުރި ރޮބާޓް ލެވަންޑޯސްކީ އެވެ.

ބަޔާން މިއުނިކްގައި އަށް ސީޒަން ހޭދަކުރުމަށް ފަހު ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ މި ސީޒަނުގަ އެވެ. ބާސެލޯނާ އަށް ބަދަލުވެ ލެވަންޑޯސްކީ އަންނަނީ އޭނާގެ ގޯލު ޖެހުން ތަކުރާރު ކުރަމުންނެވެ.

މި ސީޒަނުގައި ބާސެލޯނާ އަށް ކުޅުނު އަށް މެޗުގައި ލެވަންޑޯސްކީ ވަނީ 11 ގޯލު ޖަހައިފަ އެވެ. ސީޒަނުގެ ކުރީކޮޅު ލެވަންޑޯސްކީއާ އެކު ގޯލު ޖެހުމުގެ ރޭހުގައި އުޅޭ ޔޫރަޕްގެ އަނެއް ކުޅުންތެރިއަކީ މެންޗެސްޓަރ ސިޓީގެ އާލިން ބްރައުޓް ހާލަންޑެވެ. ހާލަންޑް ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު ނުވަ މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. މިފަހަރުގެ ޔޫރަޕްގެ ރަން ބޫޓަށް ވާދަކުރާނެކަމަށް ބެލެވެނީ މި ދެކުޅުންތެރިންނެވެ.

ރޭގެ މެޗަކީ ލެވަންޑޯސްކީ ލީގުގައި ޖެހިޖެހިގެން ގޯލު ޖެހި ފަސް ވަނަ މެޗެވެ. މެޗުގެ ފުރަތަމަ ގޯލު އޭނާ ޖެހީ 34 ވަނަ މިނެޓުގަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 41 ވަނަ މިނެޓުގައި ޖެހީ މެމްފިސް ޑިޕާއި އެވެ. މިއީ މި ސީޒަނުގައި ޑިޕާއި ޖެހި ފުރަތަމަ ލަނޑެވެ. ބާސެލޯނާގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީ އެވެ. ބާސެލޯނާގެ ޕެޑްރީ މެޗުގައި ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ.

މެޗުގައި އެލްޗޭގެ ގޯލާ އަމާޒުކޮށް ބާސެލޯނާ އިން 25 ހަމަލާ ފޮނުވާލި އެވެ. އެލްޗޭ އަށް މެޗުގައި އުނދަގޫވީ 14 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ގޮންޒާލޯ ވާޑޫއާ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ ލެވަންޑޯސްކީ އަށް ކުރި ފައުލަކަށް ރެފްރީ އޭނާ އަށް ދެކި ރަތެކެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ ހަ މެޗުން 16 ޕޮއިންޓް ހޯދައި ލީގުގެ އެއް ވަނަ މަގާމަށް ޖެހިލާފަ އެވެ. 15 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ ނުކުންނާނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ރެއާލަށް އަލުން އެއް ވަނަ ލިބޭނެ އެވެ. 10 ޕޮއިންޓާ އެކު އެތުލެޓިކޯ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.
ސްޕެނިޝް ލީގުގެ އެހެން މެޗުތަކަށް ބަލާއިރު ރޭ ވެލެންސިއާ ވަނީ އަމިއްލަ ދަނޑުގައި 0-3 އިން ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ. އެތުލެޓިކް ބިލްބާއޯ އަމިއްލަ ދަނޑުގައި 2-3 އިން ރަޔޯ ވަޔެކާނޯ ބަލިކުރިއިރު މަޔޯކާ ވަނީ 0-1 އިން އަލްމެއިރާ ބަލިކޮށްފަ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރެއާލްއާ ދެކޮޅަށް އެޓީމު ނުކުންނާނީ މިރޭ ދަންވަރު 12 ޖަހާއިރު އެވެ.