( 15 ސެޕްޓެމްބަރ 2022 އާ ގުޅޭ )
"އަހަރެމެން ދެ މީހުން އެކްސިޑެންޓްވުން އެއީ އިއްތިފާގެއްކަމަށް މާޔާއަށް ޤަބޫލުކުރެވޭތަ." އައިރިކް ސުވާލުކުރިއެވެ. ވަގުތުން މާޔަލްގެ ނިތަށް ރޫގިނަވެލިއެވެ. ދެބުމަ ކައިރިކޮށްލެވުނެވެ. ފުން ވިސްނުމަކަށް އޭނާ ގެއްލުނު ފަދައެވެ.
"ރިކްއަށް ކިހިނެއް އެނގުނީ؟. އަހަރެން މީ ކާކުކަން އެނގޭތަ؟... ކޮންއިރަކުން ފެށިގެން." މާޔަލްއަށް އަހާލެވުނެވެ. މި ހުރިހާ ދުވަހު އޭނާއަށް ވިސްނެމުންދިޔައީ އައިރިކްއަށް ހަޤީޤަތް އެނގުނީމާ ވާނޭ ގޮތަކާމެދުއެވެ. އެކަމަކު ދެންމެ އައިރިކް އެ ކުރި ސުވާލުން އޭނާއަށް މާޔަލް އެނގިއްޖެކަން ދޭހަވެއެވެ. އެހެންނޫނީ އެކްސިޑެންޓްގެ ވާހަކަ އައިރިކް ނުދެއްކީހެވެ. އެކަމާ މާޔަލްއާ ގުޅުމެއްވާކަން ވެސް ނޭނގުނީހެވެ.
"ލޯބި އިޙްސާސް ކުރުމަށް ދެ ލޮލުގެ ފެނުން މުހިންމެއްނޫން. އައިތަންއާއެކު އައި ފުރަތަމަ ދުވަހު ވެސް އަހަންނަށް މާޔާގެ އިޙްސާސް ކުރެވުނު. ހިތް ބުނި އަހަރެންގެ ގާތަށް މާޔާ އަތުވެއްޖެއޭ." އައިރިކް ބުންޏެވެ.
"ރިކްއަށް އަހަރެން އެނގޭނަމަ މާޔާއޭ ނުކިޔާނެ." މާޔަލްއަށް ބުނެވުނެވެ. އެހިނދު އައިރިކް ހީނލީއެވެ. އޭނާ ހިފަހައްޓައިގެން އިން މާޔަލްގެ އަތްތިލައިގަ ފިރުމާލިއެވެ.
"ރަނގަޅު ވާހަކައެއް. އެކަމަކު އަހަރެން ކިޔާނީ މާޔާއޭ ބުނީމެންނު." އައިރިކް މިހެން ބުނިއިރު އެ ހަނދާންތަކުގެ ތަސްވީރުތައް އޭނާގެ ސިކުނޑީގައި ކުރެހި ލޮލަށް ސިފަވަމުންދިޔައެވެ.
"އެކްސިޑެންޓްވީ ކިހިނެއް. ކީއްވެ އިއްތިފާގެއްނޫނޭ ތިބުނަނީ... އަހަންނަށް ރިކްއެއް ނޭނގޭ. އަލަށް ވެސް ދުށީ އައިތަންއާއެކީ. ކިހިނެއް ރިކްއަށް ހުރިހާ ކަމެއް އެނގުނީ. ކިހިނެއް އަހަރެން ހޯދީ. އައިތަން ނުބުނާނެކަން އެނގޭ." މާޔަލްގެ އަޑުގައި ހާސްކަން ވިއެވެ. އެ އަސަރުތައް އައިރިކްއަށް ފާހަގަވިއެވެ.
"މާޔާ. ހަމަޖެހިބަލަ. ތިވަރަށް އަދި ހާސްވާކަށް ނުވޭ. އަހަންނަށް އެނގިފައި އޮތް ކަމެއް އައިތަން ކިޔާދޭކަށް ނުޖެހޭނެ. މިބުނަނީ އަހަންނަށް މާޔާއަކީ ކާކުކަން އެނގެޔޭ. އެކްސިޑެންޓްގެ ވާހަކަ އަހަރެން ކިޔާދޭނަން. އެކަމަކު މިރެއަކުނޫން." އައިރިކް ބުންޏެވެ. ހުރިހާ ކަމެއް ކިޔާދޭން އައިރިކް ބޭނުމެވެ. އެއާއެކު އޭނާ ބިރު ވެސް ގަނެއެވެ. މާޔަލްއަށް ކަމެއް ވެދާނޭތީއެވެ. އެއްވެސް ވަރަކަށް އޭނާގެ މަތިން މާޔަލް ހަނދާންނެތްއިރު އެ ހަނދާންތައް މާޔަލްއަށް ލިބޭ ކުއްލި ޝޮކަކަށް ވާން އައިރިކް ނޭދެއެވެ. މިފަހަކަށް އައިސް އައިރިކް ވިސްނާ ކަމަކީ އެއީއެވެ. މާޔަލްއަށް ހުރިހާކަމެއް ކިޔާދޭނެ ގޮތެކެވެ. މާޔަލްގެ ހަޔާތުން ހަމައެކަނި ފުހެލާފައިވާ ހަނދާންތަކުގެ ވެރިޔަކީ އައިރިކްކަން ހާމަކުރާނޭ ގޮތެކެވެ.
"ކީއްވެ މިރޭ ކިޔާނުދޭންވީ. ހުރިހާކަމެއް އެނގެންޏާ ކިޔާދީބަލަ. އަހަރެން އެނގެން ބޭނުން. ރިކް ޕްލީޒް." މާޔަލްއަށް އައިރިކްގެ އަތަށް ބާރުކޮށްލެވުނެވެ. އެހިނދު އޭނާގެ ކޯތާފަތުގައި އައިރިކްގެ ވައަތްތިލަ ގެނެސް ޖައްސާލިއެވެ.
"ކާމްޑައުން. ކިޔާދޭނަމޭ... ލިސެން ޓު މީ މާޔާ. އައި ޕްރޮމިސް. އަހަންނަށް އެނގޭ ހުރިހާކަމެއް ކިޔާދޭނަން. ވަރަށް އަވަހަށް." އައިރިކް ބުންޏެވެ.
އައިރިކްއާ ދުރަށް މާޔަލްގެ ދިމާ ކުރިމައްޗަށް ވާހެން މޫނު އަނބުރާލިއެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލުމާއެކު އައިރިކްގެ އަތާ އަތްވަކިކޮށްލައި އުނގުގައި ދެއަތްތިލަ ބާއްވާލައިގެން މާޔަލް އިނެވެ. ބަހެއްނުކިޔާ އޭނާ އެގޮތުގައި އިންނަތާ އިރުކޮޅެއް ވުމުން އޭނާއާ ކައިރިޔަށް އައިރިކް ޖެހިލިއެވެ. މާޔަލްގެ އުނަގަނޑުގައި ދެއަތް ވަށާލުމާއެކު ގާތްކޮށްލިއެވެ. އަދި މާޔަލްގެ ކަނާތު ކޮނޑުގައި އައިރިކް ނިތްކުރި ގެނެސް ޖައްސާލިއެވެ.
"ރުޅި އައީތަ؟. މާޔާ... އައި ލަވް ޔޫ." އައިރިކް މަޑުމަޑުން ވާހަކަދެއްކިއެވެ.
"ލޯބިވަންޏާ މިހާރު މިވަގުތު އަހަންނަށް ހުރިހާކަމެއް ކިޔާދޭނެ." ޝަކުވާގެ ރާގެއްގައި މާޔަލް ބުނެލިއެވެ. ބޯ ހިއްލާލައި މާޔަލްގެ މޫނަށް އައިރިކް ބަލަން އިނެވެ. ދެން އޭނާ މޫނު ކައިރިކޮށްލިއެވެ. މާޔަލްގެ ކޯތާފަތުގައި ބޮސްދިނެވެ.
"ކުޑަކުދީން ކުރާކަހަލަ ޝަރުތު ތިކުރަނީ. ބައެއްފަހަރު ލޯބިވާލެއް ބޮޑުކަމުން އެ ލޯބި ގެއްލިދާނެތީ ވެސް ކަންކަން ހާމަކުރާން ޖެހިލުންވާ ފަހަރު އަންނާނެ. ހަޤީޤަތް އަޑު އަހާނޭ ހިތްވަރު ހުއްޓޭ ހީވިޔަސް އެ ވާހަކަތައް އަޑު އިވުމުން ތިމާގެ ހުރި ހުރިހާ ހިތްވަރެއް ގެއްލޭ ފަހަރު މަދެއްނޫން. އިންސާނުން ކަންކަން ސިއްރު ކުރަނީ ހުރިހާ ފަހަރު އޮޅުވާލަކަށްނޫން. ބައެއްފަހަރު ބުނުމަށްވުރެ ނުބުނުން ރަނގަޅުވާ ފަހަރު އާދޭ. އެހެނެއްނޫންތަ މާޔާ... ކެތްތެރިވެގެން ގެއްލުމެއްނެތް. އަހަރެން މާޔޫސްވެ ގޮތް ހުސްވީ ވަގުތު އަހަރެންގެ ގާތަށް މާޔާ އައުމަށް މެދުވެރީ ގޮތަށް މާޔާއަށް ވެސް ހުރިހާކަމެއް އަދި އެނގޭނެ." އައިރިކްގެ އަޑުގައިވީ ލޯތްބާއި އޯގާތެރިކަމެވެ. މާޔަލް އެނބުރިލިއެވެ. އައިރިކްއަށް ބަލާލިއެވެ. ދުރުދުރުގައި ދިއްލާފައި ހުރި ބޮކިދަނޑިތަކުން ޕާކުތެރެ އޮތީ ދިއްލާފައެވެ. އެހެންވެ ސާފުކޮށް އައިރިކްގެ މޫނު މާޔަލްއަށް ފެނެއެވެ. އަޅާފައިވާ ކަޅު އައިނުން އެ ދެ ލޯ ފޮރުވާލެވިފައި ވިޔަސް އެ މޫނުގެ ފުރިހަމަކަން އެންމެ ތަންފުކެއް ވެސް އުންޏެއްނުވެއެވެ. މާޔަލްއަށް ތުންފިއްތާލެވުނެވެ. އޭނާއަށް އެ ސޫރަދެކެ ލޯބިވެވިއްޖެކަން އެނގޭ ހާލުއެވެ. އައިރިކްގެ ކޮންމެ އަދާއެއް ބަލައިގަނެވިއްޖެއެވެ. ހައިރާންވެ ސުވާލު އުފެދެނީ އެ އިޙްސާސްގައި ބީރައްޓެހިކަމެއް ނުވީމައެވެ. އެ ހިތުގައި އަލަށް އުފެދުނު ޖަޒުބާތަކޭ ހީނުވަނީއެވެ. މާކުރީން ވެސް އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުމެއް އިޙްސާސް އަލުން އެ ހިތަށް ވެރިވީ ފަދައެވެ. މަޑުމަޑުން އައިރިކްގެ ގާތަށް މާޔަލްއަށް ގުދުވެވުނެވެ. އޭނާ އައިސް އައިރިކްގެ ކަރުދޮށުގައި ކޮނޑުގައި ބޯ އަޅާލިއެވެ. އެހިނދު އެ ހަށިގަނޑުގައި އައިރިކްގެ ދެ އަތުން ހިފަހައްޓާލައި ގަޔާ ކައިރިކޮށްލިއެވެ.
"ރިކް. މިކަމަކާ ހުރެ އަހަރެން ވަރުބަލިވެއްޖެ." މާޔަލް ބުނެލީ ނިކަން މަޑުންނެވެ. ދެ ލޯ މަރާލީ ބޮލުގައި ރިއްސަންފެށީމައެވެ.
ހިތުގައި ހިނގާ ހަޤީޤީ އިޙްސާސްތައް ހާމަކުރާން މާޔަލް ވަނީ ޖެހިލުންވެފައެވެ. އޭނާއާއި އައިރިކްއާ ދެމެދުގައި މިވާ ގުޅުމަކީ އަޖައިބެއް ފަދަ ގުޅުމެކޭ މާޔަލް ހިތަށް އަރައެވެ. އައިރިކްއާ މެދު ގޯސްކޮށް ނުދެކެވެންވީ ސަބަބެއް އޭނާ ވިސްނާވިސްނާ ވެސް ނޭނގުނެވެ. އައިރިކްއާއެކު ބޭއްވޭ ގާތްކަމާމެދު ޚުދު އޭނާ ވެސް ހައިރާންވެއެވެ. ހަޔާތަށް އައި ހަމައެކަނި ލޯބިވެރިޔާއަށް ވެސް ނުދޭ ފުރުޞަތު އައިރިކްއަށް ދެވެނީ މާޔަލްގެ އިޚްތިޔާރެއް ނެތް ފަދައިންނެވެ. އެހެން އެވާ ސަބަބެއް އޭނާގެ ހިތާއި ސިކުނޑިއަކަށް ނުވިސްނެއެވެ. އައިރިކްއާ ޖެހިއްޖެނަމަ މާޔަލްގެ ޟަމީރު ވެސް އޭނާ ހުއްޓުވަން ނޫޅޭ ފަދައެވެ. މާޔަލް އެންމެ ހާސްވަނީ އެކަމާއެވެ. ޖަވާބެއްނެތި ސުވާލުތައް ފުނިޖެހެމުންދަތީއެވެ. ހަޤީޤަތް ހޯދުމަށް އެނބުރެންވީ ކޮންދިމާއަކަށް ކަމެއް ނޭނގުނެވެ.
"މާޔާ... ރޮނީތަ؟." އައިރިކްއަށް މާޔަލްގެ ރޯކަން އެނގުނު ހިނދުން ސުވާލުކޮށްލިއެވެ. ނިކަން އަވަހަށް މާޔަލް ދުރުކޮށްލައި މޫނުގައި ހިފާލަން އޭނާ އުޅުނެވެ. ނަމަވެސް އައިރިކްއާ ދުރަށް ޖެހިލަން ބޭނުންނުވީ މާޔަލްއެވެ.
"ރިކް... އެއްވެސް މީހަކަށް ނުވިސްނޭ. ހަދަންވީ ކިހިނެއްކަމެއް އަހަންނަކަށް ވެސް ނޭނގޭ. މިހެން މިވަނީ ކީއްވެކަމެއް ބުނާކަށް ނޭނގޭ. ވައި އިޒް މައި ލައިފް ސަޗް އަ މެސް އެންޑް އައި ފީލް އެމްޓީ. އައި އޭމް ޓްރައިން ޓު ބީ ސްޓްރޯންގ އެންޑް ޔެޓް އައި އޭމް ލޫސިން އިޓް. ރިކް... އައި އޭމް އެންގޭޖްޑް އެންޑް ހިއާ އައި އޭމް ވިތް ޔޫ... ވިތް ޔޫ އެވްރިތިން ސީމްސް ޕާފެކްޓް. އައި ފީލް ގިލްޓީ... ގިލްޓީ ފޯ ދިސް ފީލިންގްސް." މާޔަލް ބުންޏެވެ.
"އިޓްސް ޔޯ އެންޒައިޓީ ޓޯކިން. އައި ވިލް ފިކްސް އެވްރިތިން. ސްޓޮޕް ވޮރީން. މާޔާ. މަޑުމަޑުން ހުރިހާ ކަމެއް ދެން ދާނީ ރަނގަޅު މިސްރާބުން." އައިރިކް ބުންޏެވެ. އޭނާއަށް މާޔަލްގެ ވާހަކަތަކުން އަސަރު ކުރިއެވެ. މާޔަލްއަށް ވާގޮތް އޭނާއަށް އެނގެއެވެ. ހަނދާންނެތުނު ނަމަވެސް އިޙްސާސްގެ އަސަރު ނުފިލާ ހުރެއެވެ. މާޔަލްއަށް ނުވިސްނިގެން އެ އުޅެނީ އެކަމެވެ. އޭނާ ހަނދާންނެތިއްޖެއެވެ. އެހެންވިޔަސް އޭނާ ތަޖުރިބާކުރި އެ އިޙްސާސްތައް އޭނާއާ ވަތްކެއް ނުވެއެވެ. މާޔަލްގެ ބޮލުގައި އައިރިކް ތުންފަތް ޖައްސާލިއެވެ. ދެ އަތުގެ ތެރޭ މާޔަލް ހިފަހައްޓާލައި ނުހަނު ގާތްކޮށްލައިގެން އިނދެ ނުރޮއެ ހުއްޓާލުމަށް އައިރިކް އެދުނެވެ.
* * * * *
ދުރުގައި ބަލަން ހުރި ޒުވާނާ މަލަކްއާއި ދައްޔާނަކަށް ނުފެނެއެވެ. އޭނާ އެމީހުންގެ ފަހަތުން ފާރަލަމުން އައެވެ. މަލަކް ގޮވައިގެން ދައްޔާނު އައީ އޭނާގެ ގެއަށެވެ. މަންމައާ ބައްދަލުކޮށްދޭށެވެ. މަލަކް ހުރީ ފިނިވެފައެވެ. ދައްޔާނުގެ ނިންމުމާމެދު ސުވާލު ވެސް އުފެދިފައެވެ.
"މަންމައާ ބައްދަލުކޮށްދޭން ކުއްޖަކު ގެންނާނަމޭ ބުނީމެންނު. މީ މަލަކް... މަލް." ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ މަންމައަށް ދައްޔާނުގެ ލޯބިވެރިޔާ ތަޢާރަފް ކޮށްދިނެވެ. މަލަކް ހުރީ ލަދުންނެވެ.
"މަލް. ކިހިނެއްތަ؟. ހިނގާ ކަމާ. ޔާނު ކައިފިންތަ. މަންމަ ދެންމެ ތަށިތައް ނެގީ." އަނީސާ ހިނިތުންވެ ވާހަކަދެއްކިއެވެ.
"އަހަރެމެން ކައިގެން މިއައީ. މަންމައަށް މަލް ދައްކާލަން މިގެނައީ." ދައްޔާނު ވެސް ހުރީ ރަކި ހިންޏެއް އައިސްފައެވެ.
"ދަރިފުޅު އިންނަން އުޅޭ ކުއްޖާތަ؟." އަނީސާގެ ލޮލުން ފާޅުވީ ސަމާސާގެ ވިދުމެކެވެ.
"އާން. މަންމައަށް ކަމުދޭތަ." ދައްޔާނު ބުންޏެވެ.
ހައިރާންކަމާއެކު މަލަކްއަށް ބަލާލެވުނީ ދައްޔާނަށެވެ. ކައިވެންޏަކީ މަލަކްއަށް އައު ޚަބަރެކެވެ. މަލަކް ބޭނުންވާ ގޮތެއް ނާހާ މަންމަގެ ކައިރީ ކައިވެނީގެ ވާހަކަ ދައްޔާނު އެ ދެއްކީ ކީއްވެބާއެވެ. އެހެންނޫނަސް ކައިވެނީގެ ވާހަކަދައްކަން މަލަކްއަށް އަދި މާ އަވަހެވެ. ދެ މީހުންގެ ގުޅުމަށް މަހެއް ނުވެއެވެ. ދައްޔާނު އެހާ އަވަހަށް ކައިވެނި ކުރާން ބޭނުންވާކަމެއް ކުރިއަކުން ނުބުނެއެވެ. ޢާއިލާއާ ހަމައަށް ގުޅުން ގެންދާނީ ކައިވެންޏާ ހަމައިންކަން ދައްޔާނު ބުންޏެވެ. އެގޮތް މަލަކްއަށް ކަމުދެއެވެ. މައްސަލައަކީ ދައްޔާނު ނިންމުން ނިންމިއިރު މަލަކްގެ ކައިރީ ނުބުނުމެވެ.
މަލްކައާމެދު އަނީސާގެ ޢަމަލުތައް ހުރީ ހިތްހެޔޮ އޯގާތެރި މައެއްގެ ފުށުން ފެންނާނޭ ފަދައިންނެވެ. ހުރިހާ ފިރިހެން ދަރީންގެ ތެރެއިން ފުރަތަމަ ކައިވެންޏެއް ކުރާނީ ދައްޔާނު ކަމަށް އަނީސާ ހީނުކުރާކަން ފާޅުކުރިއެވެ. ސީދާ މަލަކް ކަމުދެޔޭ ނުބުންޏަސް މަންމަގެ ހަރަކާތްތަކުން ދައްޔާނަށް ދެނެގަންނަން އެނގުނެވެ. އެމީހުންގެ ކައިރިން އަނީސާ ތެދުވެގެން ދިޔައެވެ. ސިޓިންރޫމުގައި ދައްޔާނާއި މަލަކް އެކަނިވިއެވެ.
"މެރީ ކުރާ ކުއްޖާއޭ." މަލަކް އެއްބުމަ ހިއްލާލަމުން ދައްޔާނަށް ބަލަން އިނދެ ބުންޏެވެ. އެއާއެކު ދައްޔާނު ޖަހާލީ ހިނިގަނޑެކެވެ. ދެން އޭނާ އެނބުރި މަންމަ ދިޔަ ދިމާއަށް ބަލާލިއެވެ. އަދި ސޯފާއިން ތެދުވިއެވެ.
"އާދޭ." ދައްޔާނު ބުންޏެވެ.
"ކޮންތާކަށް." މަލަކްއަށް އަހާލެވުނެވެ.
"ބިރުވެރި ހޮހޮޅައަށް." ދައްޔާނު ބުނެލީ ހެވިފައި ހުރެއެވެ. މަލަކް ލޯ އަޅާލިއެވެ. ގުދުވެލައި މަލަކްގެ އަތުގައި ހިފައި ދައްޔާނު އޭނާ ކޮޅަށް ނެގިއެވެ. އަދި އަތުގައި ހިފައިގެން އައިސް ސިޑިން މައްޗަށް އެރިއެވެ. މަލަކް ގޮވައިގެން އައިސް ދައްޔާނުގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ޖެހިލުންވެ ހިތް އަވަސްވެފައި ހުރެ ވެސް ދައްޔާނާއެކު އެތެރެއަށް މަލަކް ވަނެވެ.
"އަހަރެން ކޮޓަރި މީ." ދައްޔާނު ދޮރު ލައްޕާލައިފަ ބުންޏެވެ.
މަލަކް އެ ކޮޓަރިއަށް ވަށައިގެން ބަލާލިއެވެ. އެގޮތުގައި ހުއްޓާ ދައްޔާނު އައިސް އޭނާގެ ފުރަގަހުން އުނަގަނޑުގައި ހިފައިލާ ބައްދާލިއެވެ. މަލަކްގެ ކަނދުރާގައި ބޮސްދީފައި ވަރަށް ލޯބިވާކަން ހާމަކުރިއެވެ. އަދި މަޑުމަޑުން އޭނާގެ ބާރުގައި މަލަކް ގެނެސް އެނދަށް ދެ މީހުން އެރިއެވެ.
* * * * *
ނިދާފައި އޮތް މާޔަލްއަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. ކޮންމެ ރެއަކު ވެސް ނިދަމުން ޗާޖަށް ޖަހާފައި އޮންނަ ފޯނު އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން ނެގިއެވެ. ދިއްލިގެން ދިޔަ އިސްކުރީނުން ގަޑި ފެނުނެވެ. ފަތިހު ހަތަރުގަޑި ބައިވެއްޖެއެވެ. އިރުކޮޅަކުން ފަތިސް ނަމާދަށް ގޮވާނެކަން މާޔަލްއަށް އެނގެއެވެ. ފެނުނު ހުވަފެނާމެދު ވިސްނާލަން އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ދެފައި ކުރުކޮށްލައިގެން މާޔަލްއަށް އިނެވެ. ފެނުނު ހުވަފެނުގެ އިތުރުން އައިރިކްއާއެކު ރޭގައި ހޭދަކުރި ވަގުތާއި ދެމެދުގައި ދެކެވުނު ވާހަކައާ މެދު ވެސް އޭނާ ވިސްނިއެވެ. ފަތިސް ނަމާދަށް ގޮވަންދެން އޭނާ ފިކުރުތަކަށް ގެއްލިފައި އިނެވެ.
ނަމާދުކޮށްލައިގެން އެހެންޏާ ފައިބާ މާޔަލް މިއަދު މުސައްލަ މަތީ މަޑުކުރިއެވެ. ދުޢާއަށް ދެއަތް އުފުލާލިއެވެ. އޭނާގެ ފުރާނައިގެ ވެރި އިލާޙަށް ދެންނެވިއެވެ. އޮޅުންބޮޅުންވެފައި ހަޔާތުގެ ސަފުޙާތަކުގައިވަނީ ކީކޭކަން އޭނާއަށް ފަހުމްކޮށްދެއްވުމަށް ދެންނެވިއެވެ. އޭނާއަށް ފައިދާ ކުރުވަނިވި ރަނގަޅު މަގެއް ދެއްކެވުމަށް އެދި ދެންނެވިއެވެ. މާޔަލް މިއަދު ދެ އަތް އެ އުފުލާލީ އޭނާއަށް އެއްވެސް ގޮތެއް ނެތިގެންނެވެ. ހަމައެއާއެކު މިހާ ދުވަހު އޭނާ އެދެންވީ ފަރާތް އެނގިހުރެ އެ ފަރާތް މަތިން ހަނދާންނައްތާލީތީ ނަފްސުގެ މައްޗަށް ލަދުވެތިކަމެއް ވެރިވެފައި ވިއެވެ. އެހެންވިޔަސް އެއީ އިންސާނީ ފިޠުރަތެވެ. އިމާންތެރިކަމުގެ އަލި ފަނޑުވަމުން ދާވަރަކަށް އިންސާނާއަށް ދުއްތުރާތަކާއި ތަކުލީފާ ކުރިމަތިލާން ޖެހެއެވެ. އެ ވޮށުގެ އަލި ގަދަވެއްޖެނަމަ އިންސާނާއަށް އޭނާގެ ވެރި އިލާހުގެ އޯގާވަންތަކަން އިޙްސާސް ކުރެވެއެވެ. އަދި އިމްތިހާނުތަކުގެ މުހިންމުކަން ބުއްދިއަށް ވިސްނެއެވެ.
ތައްޔާރުވާން ހުރި މާޔަލް އިރުއިރުކޮޅާ ގަޑި ބަލާލައެވެ. އޭނާ ތައްޔާރު އެވަނީ މަސައްކަތަށް ނުކުންނާށެވެ. އައިތަން އޭނާ ބަލާ އަންނާނެއެވެ. އެކަމަކު އޭގެ ކުރީން އޭނާ ކަމެއް ކުރާން ގަސްދުކޮށްފައި ވެއެވެ. އެންމެ ފަހުގެ ތައްޔާރީއަކަށް އޭނާ އާންމުކޮށް ބޭނުންކުރާ، އައިރިކްއަށް އެންމެ ކަމުދާ ސެންޓު ޖަހާލިއެވެ. އެއަށްފަހު އަތްދަބަހާއެކީ އެނދުމަތީ އޮތް ފޯނު ނެގިއެވެ. އައިމީގެ ނަންބަރަށް އޭނާ ގުޅިއެވެ. ރޭ އޭނާއަށް ހޭލެވުނު ވަގުތުން ފެށިގެން ވަގުތު ގުނަމުން އައީ ހެނދުނުވާނޭ އިރަކަށެވެ.
"ހެލޯ..." އައިމީ ފޯނުކޯލު ނެގުމުން މާޔަލް ގޮވާލިއެވެ.
"ހެލޯ، ގުޑްމޯނިން. ހާދަ ހެދުނާ." އައިމީ އަހާލިއެވެ.
"ވާހަކައެއް އަހާލަންވެގެން. އެންމެންނާއެކީތަ ތި ހުރީ." މާޔަލް އަހާލިއެވެ.
"ނޫން. ކޮޓަރިއަށް އައިސް މިވަނީ. ކިހިނެއްވީ؟." އައިމީ ބުންޏެވެ.
"އެރޭ އައިމީއާއެކު ޕާޓީއަށް ދިޔައިރު އަހަރެން ހުރީ ކޮންކުލައެއްގެ ހެދުމެއް ލާފަ." މާޔަލް ސުވާލުކުރިއެވެ.
އައިމީ ވަގުތުން ކިޔާދިނެވެ. މާޔަލް ފޯނުކޯލު ކަނޑާލީ އޭނާ އޮފީހަށް ދާން ނުކުންނަނީ ކަމުގައި ބުނެފައެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައިވީ ކުރީން ނުވާ އަސަރުތަކެކެވެ. ފިކުރުތަކާއި ޚިޔާލުގެ ދުނިޔެއަށް އޭނާ ދަމާފައި ގެންދަނިކޮށް ފޯނު ރިންގުވާން ފެށިއެވެ. އޭނާ ބަލާ އައިތަން އައީއެވެ. އަވަސް ފިޔަވަޅުގައި އޭނާ ކޮޓަރިން ނުކުތެވެ.
"ދަނީތަ؟." މާޔަލް ފެނުމާއެކު އާމާލް އަހާލިއެވެ. މަންމައަށް ބޯޖަހާލަމުން މާޔަލް ނުކުތީއެވެ.
"އެހެންވީމަ އެއީ ހުވަފެނެއްނޫން. ރޭގަ ފެނުނީ ހަޤީޤަތަށް ވަންޏާ ރިކްއާއެކު އެ ރަތް ހެދުމުގައި ހުރި ހުވަފެނަކީ ވެސް ހުވަފެނެއްނޫން. އެކަމަކު ކޮންއިރަކު... އެއީ ހަޤީޤަތަކަށް ވަންޏާ އަހަންނާއި ރިކް ކުރީން ވަނީ ދިމާވެފަކަން ޔަގީން. އެކްސިޑެންޓަކީ އިއްތިފާގެއްނޫނޭ ރިކް އެބުނަނީ އެހެންވެތަ؟. އަހަރެމެން ކުރީން އެކަކުއަނެކަކަށް އެނގެނީތަ؟. އައި ހޭވް ޓު އާސްކް ހިމް. ރިކްއަށް އަހަރެން އެނގެއޭ އެބުނަނީ އެހެންވެ. އެކަމަކު ކިހިނެއް އަހަރެމެން ދެމީހުން އެކަކުއަނެކަކު ދަންނަނީ." ތިރިއަށް އައިސް ލިފްޓު ހުއްޓި އޭގެ ދޮރު ހުޅުވެންދެން މާޔަލްއަށް ވިސްނެމުންދިޔައެވެ.
* * * * *
ހަށިފުރާ ފުން ނޭވާއެއް އައިރިކް ދޫކޮށްލިއެވެ. އޭނާ ބޭނުންވަނީ މާޔަލްއަށް ހުރިހާ ކަމެއް ކިޔާދޭށެވެ. މާޔަލްއަށް ޤަބޫލުނުކުރެވެންޏާ ހެކި ވެސް ދައްކާށެވެ. އޭނާގެ އަތުގައި ފޯނުން މާޔަލްއާއި އޭނާއާ ދެމެދު ދެކެވިފައި ހުރި ވާހަކަތައް އެބަހުއްޓެވެ. ދެމެދުގައި ބަދަލުކުރެވުނު ފޮޓޯތައް އެބަހުއްޓެވެ. މުށުތެރޭ އޮތް ފޯނުގައި އައިރިކްއަށް ބާރަށް ހިފަހައްޓާލެވުނެވެ.
"އައި ކާންޓް ލޫސް ހާ އަގައިން. މިއަދު އެއްކޮށްގެން މާޔާ އުޅޭނީ އަހަންނާއެކީ. މިއަދު ހުރިހާކަމެއް ކިޔާދޭނަން." އައިރިކް އަމިއްލަ ނަފްސަށް ބުންޏެވެ.
(ނުނިމޭ)