ގާދޫ

ގާދޫގެ 17 އާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފި

ލ. ގާދޫ މީހުން ފޮނަދޫއަށް ބަދަލު ކުރުމުގެ މަސައްކަތުގައި މިހާތަނަށް 17 އާއިލާއެއް އެ އަތޮޅު ފޮނަދޫއަށް ބަދަލުކޮށްފި އެވެ. އެ ރަށުގެ މީހުން ބަދަލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ހޯމަ ދުވަހު ވަނީ ގާދޫގެ ފަސް އާއިލާއެއް ފޮނަދޫއަށް ބަދަލުކޮށް، އެމީހުންނަށް އެޅި ގެތަކަށް އާއިލާތައް ވައްދާފައެވެ. އަދި އިއްޔެ ދެ ބުރެއްގެ މަތިން 12 އާއިލާއެއް ފޮނަދޫއަށް ބަދަލުކުރި އެވެ.

މީހުން ބަދަލު ކުރާ ގާދޫގައި 108 އާއިލާ ދިރިއުޅެވެ.

ގާދޫން މިހާތަނަށް ބަދަލުވި މީހުންނަށް ފޮނަދޫއިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މީހުން ބަދަލުކުރުމުގައި މިނިސްޓްރީގެ މުވައްޒަފުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ގާދޫ ރައްޔިތުންނަށް ފޮނަދޫގައި އަޅާފައިވަނީ، 85 ގެއެވެ. ގާދޫގައި 108 އާއިލާ ދިރިއުޅޭއިރު ގެތައް އަދި ހަމަނުޖެހޭ އާއިލާތައް ދިރިއުޅޭނީ ކުއްޔަށް ދޭ ގެތަކެއްގައި ކަމަށް މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކުލި ދައްކައިދެނީ ސަރުކާރުންނެވެ. އެއް އަހަރު ތެރޭގައި އެ އާއިލާތަކަށް ވެސް އަމިއްލަ ގެއަށް ވަދެވޭނެ އެވެ.

މިއަދު ވެސް ގާދޫގެ ރައްޔިތުން ފޮނަދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ގާދޫގެ ރައްޔިތުން ގެންގުޅޭ ހިފާ ސާމާނު ސިފައިން ފޮނަދޫއަށް ބަދަލުކޮށްދޭއިރު ތަކެތި ގަތުމަށް ސަރުކާރުން ވަނީ ކޮންމެ އާއިލާއަކަށް 60،000ރ. ދީފައެވެ. އަދި ގާދޫގައި އޮތް ކޮންމެ ގޯއްޗަކަށް ފޮނަދޫން ގޯއްޗެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. ގޯތީގައި ވަށާ ފާރާއި ވަޅެއް ހުރިނަމަ އޭގެ ބަދަލުގައި 10،000ރ. ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.