ރާއްޖެ ކުޅިވަރު

ހަތަރު ކުޅުންތެރިންޔަކު މުޅިން އަލަށް ގައުމީ ފުޓްބޯޅަ ޓީމަށް

ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން މުޅިން އަލަށް، ޒުވާން ހަތަރު ކުޅުންތެރިންނަށް ފުރުސަތުދީ، ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗަށް މިއަދު ހެނދުނު ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި އެވެ.

23 ކުޅުންތެރިންނާ އެކު ގައުމީ ޓީމު މިއަދު ފުރީ ބްރޫނާއީ އަށެވެ. ފީފާ ރޭންކިންގައި ގުނާ އެކުވެރިކަމުގެ މި ދެ މެޗު ވެސް ކުޅޭނީ ބްރޫނާއީގަ އެވެ. ފުރަތަމަ މެޗުގައި ބްރޫނާއީއާ ދެކޮޅަށް މި މަހުގެ 21 ވަނަ ދުވަހު ކުޅޭއިރު އެކުވެރިކަމުގެ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ލާއޯސްއާ ދެކޮޅަށެވެ.

ސްކޮޑުން މުޅިން އަލަށް ފުރުސަތު ލިބުނީ ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، މާޒިޔާގެ ޒުވާން ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އަދި ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ބައްސާމް (ބައްކު) އަށެވެ.

ނިޝާމް އާއި އަހުނަފް އަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ގަވައިދުން ހިމެނޭ ދެކުޅުންތެރިންނެވެ. ބ. އޭދަފުއްޓަށް އުފަން ނިޝާމް އަށް މިއީ ސީނިއާ ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ޕްރިލިމިނަރީ ސްކޮޑާ އެކު ފަރިތަކުރި ނަމަވެސް އަހުނަފް އަށް ފައިނަލް ސްކޮޑުން ފުރުސަތެއް ނުލިބެ އެވެ.

ޒުވާން ކީޕަރު ޗިކީ ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް މާޒިޔާ އިން ކާމިޔާބު ކުރިއިރު ގޯލު ބަލަހައްޓާފަ އެވެ. ކުރިން ދެ ވަނަ ޑިވިޝަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކީޕަރު މިފަހަރު ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި މާޒިޔާގައި ތަފާތު ދައްކާފަ އެވެ.

ބ. ފެހެންދޫ އަށް އުފަން ބައްސާމް ވަނީ މީގެ ކުރިން ވެސް ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކޮށްފަ އެވެ. އެކަމަކު މިއީ ގައުމީ ފައިނަލް ސްކޮޑުން ބައްސާމަށް ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ތިބި ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާ އެއް ކުޅުންތެރިއަކީ ބައްސާމް އެވެ.

އިޓަލީ އަށް އުފަން ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އެކުލަވާލި ސްކޮޑުން ފުރުސަތު ނުލިބޭ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި މުހައްމަދު އުމެއިރު އާއި އަލީ ފާސިރު (ސެންޓޭ)، އިބްރާހީމް އައިޝަމް އަދި ނާއިޒް ހަސަން (ދާދު) ހިމެނެ އެވެ. ސެންޓޭ އާއި އައިޝަމް ސްކޮޑުގައި ނުހިމެނީ އަނިޔާގެ ސަބަބުންނެވެ. ދާދު މިވަގުތު އާއިލީ ކަމެއްގައި ހުރުމުން ޓީމާ އެކު ދަތުރު ނުކުރެވުނީ އެވެ.

ރާއްޖޭން އެންމެ ފަހުން އެކުވެރިކަމުގެ މެޗެއްގައި ވާދަކުރީ މިއަހަރުގެ ކުރީކޮޅެވެ. މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެ މެޗުން ގައުމީ ޓީމު މޮޅުވީ 0-2 އިންނެވެ.
ފީފާ ރޭންކިންގެ އޮގަސްޓް މަހު ބްރޫނާއީ 190 ވަނައިގައި އޮތްއިރު ލާއޯސް އޮތީ 183 ވަނައިގަ އެވެ. އެންމެ ފަހުގެ ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގަ އެވެ.