އިންޑިޔާގެ ސަރުކާރުގެ ސްކޫލެއްގެ ކްލާހެއްގައި ކިޔަވައިދޭ ވަގުތުތަކުގައި ދަރިވަރުންނާއެކު އިތުރު މެހެމާނެއް ވެސް ބައިވެރިވާން ފަށައިފި އެވެ.
އެއީ ރާމާމަކުނެކެވެ. ފާއިތުވީ ފަސް ދުވަހު ވެސް މި ރާމާމަކުނު ކްލާހަށް އައިސް ވަރަށް ޝައުގުވެރިކަމާއެކު ޓީޗަރު ކިޔަވައިދޭ އެއްޗެތި އަޑުއަހަން އިނދެ އެވެ.
ޖަރްކަންޑްގެ ދަނުއާ އަވަށުގައި ހުންނަ މި ކްލާހުގައި ރާމާމަކުނު ވަރަށް ޝައުގުވެރިކަމާއެކު ބޯޑަށް ބަލަން އިންދާ ނަގާފައިވާ ފޮޓޯތަކާއި ވީޑީއޯތައް މިހާރު ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ.
ކޮންމެ ދުވަހަކުވެސް ރާމާމަކުނު އިށީންނަނީ އެންމެ ކުރީ ގޮނޑިބަރީގައި ހުރި މޭޒެއް މަތީގަ އެވެ.
އެ ސްކޫލް މުވައްޒަފަކު ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ކްލާހަކަށް ވަދެ ޓީޗަރު ކިޔަވައިދޭ އެއްޗެތި އަޑުއަހަން ރާމާމަކުނު އިނދެ އެވެ. އެގޮތުން އެ ސޮރު ގިނައިން ދަނީ ގްރޭޑް 7ގެ ކުދިންނަށް ކިޔަވައިދޭ ކްލާހަކަށެވެ. ނަމަވެސް އެންމެ ފަހު ދުވަހު ވަނީ ގްރޭޑް 9ގެ ކްލާހަކަށެވެ.
ކްލާހަށް ވަދެ އިނަސް މި ރާމާމަކުނު އެ ކްލާހުގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް އުނދަގުލެއް ނުކުރެ އެވެ. އަދި ކުދިން ކައިރިއަކަށް ނުވެސް ދެއެވެ. ސްކޫލް ތެރޭގައި ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތައިގެން އުޅޭ ގޮތަށް މިސޮރު ވެސް މިސޮރު ކުރާކަމެއް ކޮށްފައި ދަނީ އެވެ.
މި ސޮރު ކޮންމެ ދުވަހަކަށް ސްކޫލަށް ވަންނާތީ މިސޮރަށް ބިރުދައްކައިގެން ސްކޫލަށް ނުވަދޭތޯ މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.
އެ އަވަށުގެ ސީނިއާ ފޮރެސްޓް ޑިޕާޓްމަންޓް އޮފިޝަލް އަޔޫބް އަންސާރީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ސްކޫލަށް މި ރާމާމަކުނު ވަންނަ ޚަބަރު ލިބިގެން ފޮރެސްޓް އޮފިސަރުން ގޮސް މި ސޮރު ހިފަން ވަރަށް މަސައްކަތް ކޮށް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. މޭވާ އާއި އެނޫންވެސް އެއްޗެތި ދީގެން އެސޮރު ކައިރިއަށް ގެންނަން މަސައްކަތް ކުރުމުން ވެސް އެ ސޮރު ކްލާހުން ނުކުންނާނެ ގޮތެއް ނުވި އެވެ.
ފޮރެސްޓް އޮފިސަރު ބުނި ގޮތުގައި ލަފާ ކުރެވެނީ ރާމާމަކުނު ކްލާހަށް ވަންނަނީ ކުދިން ގެންގުޅޭ ކާއެއްޗެތި ފެނިގެން އެޔަށް ދަހިލަވައިގެންނެވެ. އަދި އެއްވެސް މީހަކު މި ސޮރަށް ކާން ނުދިނުމަށް ފޮރެސްޓް އޮފިސަރު އެދިފައި ވެއެވެ.