ރައްޔިތުންގެ މަޖިލިސް

ހަރަދަށް ޒިންމާވާ ގާނޫނާ ގުޅޭ ގަރާރު ބޭރުކޮށްލައިފި

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކުނެތެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން އެޕްރީލް 26، 2021 އިން ފެށިގެން އެއް އަހަރު ދުވަހަށް ރައްޔިތުންގެ މަޖިލީހުން އިސްތިސްނާ ކުރުމަށް އިތުރުކޮށްދީފައިވާ ހުއްދަ މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން 2023 ޑިސެމްބަރު 31 އާ ހަމައަށް އަނެއްކާވެސް އިތުރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާފައެވެ.

މާއްދާތައް ސަސްޕެންޑް ކުުރުމަށްފަހު މިހާތަނަށް 6.5 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާކަމަށް ގަރާރުގައިވެއެވެ.

މިއަހަރު ރާއްޖޭގެ ޖީޑީޕީ 13 އިންސައްތަ ކުރި އަރާނެ ކަމަށާއި އަންނަ އަހަރު 9.7 އިންސައްތަ ކުރިއަރާނެ ކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވެފައިވާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ކުރިއަށްދަނީ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ޓޫރިސްޓް ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ވާހަކަ ދައްކަވަމުން ރިސޯޓު ކުލި ކުޑަކުރިޔަސް ފައިދާ ބޮޑުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވާތީ މި ހާލަތުގައި އެ މާއްދާތައް ސަސްޕެންޑްކޮށްފައި އޮތުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.