މާލޭ ސިޓީ ކައުންސިލް

ޗައިނާ އިން މާލެ ސިޓީ ކައުންސިލަށް 3،000 މަގު ބައްތި ހަދިޔާކޮށްފި

Sep 19, 2022
2

ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް 3،000 މަގު ބައްތި ހަދިޔާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާގެ މީޑިއާ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލައިޓްތައް ހަދިޔާކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލީ ޖިން އެވެ. ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މިރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާކުރި ލައިޓްތަކަކީ މާލޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ މަސައްކަތަށް ވަރަށް މުހިއްމު ތަކެތި ކަމަށެވެ.


"މާލޭގައި ޒަމާންތަކެއް ވަންދެން ބަދަލުނުކުރެވި ހުރި މަގު ބައްތިތަކެއް އެބަހުރި. މިއަދު މިލިބުނު ލައިޓްތަކާ އެކު ޒަމާނަށް ފެތޭ އަލި ހެޔޮވަރު ލެޑު ލައިޓްތަކަކަށް ލައިޓްތައް ބަދަލުކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ޗައިނާ އަކީ ރާއްޖެއަށް އަބަދުވެސް އެހީވެދޭ ދެގޮތަށް ނުވާ އެކުވެރިއެއް ކަމަށެވެ. ޗައިނާ ފޯރުކޮށްދޭ އެހީތަކަށް މުއިއްޒު ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.