ހެލްތު މިނިސްޓްރީން ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.
ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރާ ހަތަރު ރަށަކީ ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު އަދި އއ. މަތިވެރި އެވެ.
ޅައިމަގު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯ ހެދުމުގެ އަގަކީ 4.3 މިލިއަން ރުފިޔާ އެވެ. ނަރުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯ ހެދުމުގެ މަޝްރޫއަކީ 4.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި ދެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނަޝިޕަށެވެ.
އއ. މަތިވެރި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯއާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒާ ޕްރައިވެޓް ލިމިޓެޑަށެވެ. އެކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާ އަށެވެ.
ށ. ފީވަކު ސިއްހީ މަރުކަޒު ގޯތިތެރޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް 3.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑަށެވެ.
މި ހަތަރު މަޝްރޫއުވެސް ނިންމުމަށް ދީފައިވަނީ 150 ދުވަހެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދައުލަތުގެ ބަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް މިހާތަނަށް 108.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.