ދުނިޔެ

ޖަރުމަން، ޔޫއޭއީ ގޭސް ޑީލެއްގައި ސޮއިކުރަނީ

ޖަރުމަންގެ ޗާންސެލަރު އޯލަފް ޝޯލްޒް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަންނަވަނީ އެވެ. ޚަބަރުތައް ބުނާ ގޮތުން އަންނަ އާދީއްތަ ދުވަހު އެ ދަތުރު އޮންނާނެ އެވެ.

ޗާންސެލަރު ޔޫއޭއި އަށް ވަޑައިގަންނަވަނީ ޚަބަރުތައް ބުނާ ގޮތުން ގޭސް ކޮންޓްރެކްޓެއްގައި ސޮއިކުރެއްވުމަށެވެ.

ޖަރުމަނަށް އެންމެ ރަނގަޅު ގޮތެއް -- ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތުމުގައި ލިބިފައި އޮތީ ޔޫއޭއީ އިން ކަމަށް ބުނެވެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ފެބްރުއަރީ 24 ގައި އަރައިގަތުމާ ގުޅިގެން ޖަރުމަނުން ވަނީ އަމިއްލަ އަށް ރަޝިއާ އިން ގޭސް ގަތުން މަނާވެގެންފަ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ރަޝިއާގެ ގޭސް ނުގަންނަ ގޮތަށް ނިންމާފައި އޮތުމުން ޖަރުމަނަށް ވެސް އެކަން މަނާވާން ޖެހުނީ އެވެ.

ޖަރުމަނުގެ އިކޮނޮމީ މިނިސްޓަރު ރޮބާޓް ހަބާކް ވިދާޅުވި ގޮތުގައި ރަޝިއާ ނޫން ގައުމުތަކުން ވެސް ގޭސް ލިބޭނެ ގޮތް ހަމަޖެހޭނެ އެވެ. އެކަމަށް ވަގުތު ބޭނުންވި ނަމަވެސް ގޭސް ލިބެން ހުރި ގައުމުތަކުގެ ލިސްޓް ދިގުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮބާޓް ހަބާކް ގަތަރަށާއި ޔޫއޭއީ އަށް މާޗްގައި ދަތުރެއް ކުރެއްވި އެވެ. ބޭނުމަކީ ޖަރުމަނަށް ބޭނުންވާ ގުދުރަތީ ގޭސް ހޯދުމެވެ.

ވަޒީރު ވިދާޅުވީ ގަތަރާއި ޔޫއޭއީ އަދި ގަލްފުގެ ބައެއް އެހެން ގައުމުތަކުން ވެސް ގޭސް ލިބޭނެ ކަމަށެވެ.

ރޮބާޓް ހަބާކް މިހެން ވިދާޅުވި ނަމަވެސް ރަޝިއާ އިން ތެޔޮ ލިބޭހާ ހެޔޮ އަގުގައި ގަލްފު ގައުމުތަކުން ތެލެއް އަދި ގޭހެއް ވެސް ނުލިބޭނެ އެވެ.

ޔޫރަޕަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ރަޝިއާ އިން ޖަރުމަނަށް މިހާރު ވެސް އޮތީ ގޭސް ހޮޅި އަޅާފަ އެވެ. އެހެންނަމަވެސް ގަލްފުން އަދި މެދުއިރުމަތިން ގޭސް ގަންނަނަމަ ޓޭންކް ބޯޓުތަކަށް ގޭސް ބަރާކޮށްގެން ކަނޑުތައް ހުރަސްކޮށް ދަތުރުކުރަން ޖެހޭނެ އެވެ.

އަންނަ ފިނި މޫސުމުގައި ޖަރުމަނު ގަނޑުވެދާނެ ކަމުގެ ބިރުހީވެފައި އޮތްއިރު ރަޝިއާ އިން ގޭސް ގަތުމަށް ވުރެ ރައްކާތެރި އަދި ފަސޭހަ ގޮތެއް ޔޫރަޕަށް އަދި ޖަރުމަނަކަށް ވެސް ނެތެވެ.