( 18 ސެޕްޓެމްބަރ 2022 އާ ގުޅޭ )
ހަށިފުރާ ފުން ނޭވާއެއް އައިރިކް ދޫކޮށްލިއެވެ. އޭނާ ބޭނުންވަނީ މާޔަލްއަށް ހުރިހާ ކަމެއް ކިޔާދޭށެވެ. މާޔަލްއަށް ޤަބޫލުނުކުރެވެންޏާ ހެކި ވެސް ދައްކާށެވެ. އޭނާގެ އަތުގައި ފޯނުން މާޔަލްއާއި އޭނާއާ ދެމެދު ދެކެވިފައި ހުރި ވާހަކަތައް އެބަހުއްޓެވެ. ދެމެދުގައި ބަދަލުކުރެވުނު ފޮޓޯތައް އެބަހުއްޓެވެ. މުށުތެރޭ އޮތް ފޯނުގައި އައިރިކްއަށް ބާރަށް ހިފަހައްޓާލެވުނެވެ.
"އައި ކާންޓް ލޫސް ހާ އަގައިން. މިއަދު އެއްކޮށްގެން މާޔާ އުޅޭނީ އަހަންނާއެކީ. މިއަދު ހުރިހާކަމެއް ކިޔާދޭނަން." އައިރިކް އަމިއްލަ ނަފްސަށް ބުންޏެވެ.
އަނބިމީހާ ކަމަކާ ފިކުރު ކުރާހެން އިސާކަށް ހީވެއެވެ. އެކަނި އިންނަނަމަ ޝަބްނަމް އިންނަނީ ޚިޔާލެއްގައެވެ. ވިސްނަނީ ކޮންކަމަކާކަމެއް ނުބުނެއެވެ. އިސާކު ސުވާލެއް ނުކުރީ ޝަބްނަމްގެ ފަރާތުން އިޝާރާތެއް ވާނޭކަން އުންމީދުކޮށްގެންނެވެ. ނަމަވެސް ކުރިއެރުމެއް ނުފެނުނެވެ.
"ކާކު ޝައްބޫއަށް އުނދަގޫ ކުރަނީ؟." ހެނދުނުގެ ނާސްތާގައި ބައިވެރިވާން ޝަބްނަމްއާއެކު ކޮޓަރި ނުކުންނަމުން އިސާކު އަހާލިއެވެ. ޝަބްނަމް ބަލާލީ ހައިރާންކަމާއެކުއެވެ. އޭނާއަށް އިސާކު ބުނި އެއްޗެއް ދޭހަނުވީ ކަހަލައެވެ.
"ކަމަކަށް އަބަދު ގެއްލިފަ ތިހުންނަނީ. އަހަރެމެންގެ ދަރީންނާ މެދުތަ ތިވިސްނަނީ. އެއިން ކުއްޖަކު ކަމެއް ކުރީތަ؟." އިސާކު ލަފާކުރިއެވެ.
"އިސާކު ވަރަށް ކުޅަދާނަ. ރަނގަޅަށް ތިހީވީ. އަހަރެން މިހާރު ހިތަށް އަރަނީ ރިއާ ގޮވައިގެން އައިތަން އަހަރެމެންގެ ގާތަށް އަންނާނެނަމައޭ. އެކަމަކު އޭރުން ރިއާގެ މައިންބަފައިން ވަރަށް އެކަނިވާނެ. އެމީހުންގެ ރިއާ ނޫން ދަރިއަކު ވެސް ނެތް. އައިތަން ނާންނަން އެ ހުންނަނީ އެހެންވެކަން އެނގޭ. ދެން ރިކް. އެކުއްޖާއާ މެދު އައިތަންއަށްވުރެ ބޮޑަށް ވިސްނޭ. އިސާކު ގާތު ވާހަކައެއް ވެސް އެބައޮތް ބުނަން. އަހަންނަށް ނިކަން އެހެން ކަހަލަ ކަމެއް ފެނިއްޖެ. އެ ދަރި ކައިރިން ކަމެއް އޮޅުންފިލާތޯ އުޅެ އެކަމެއްނުވި. މީހަކު ވާހަކައެއް ދައްކާނޭ ފުރުޞަތު ވެސް ނުދެނީ." ޝަބްނަމް ބުންޏެވެ.
"އަހަރެން މިހުންނަނީ ރިކްއާ މެދު ވަރަށް ހިތްހަމަޖެހިފަ. އެ ދަރިފުޅު ވަރަށް ބަދަލުވެއްޖެ. ހެޔޮ ބަދަލެއް. އެހެންވެ އެންމެ އުފާވަނީ." އިސާކު ވާހަކަދެއްކި އިރު ހުރެވުނީ ހިނިތުންވެލައިގެންނެވެ.
"އަހަރެން ވެސް އުފާވޭ. އިސާކު، އެ އަންނަ އަންހެންކުއްޖާއާ ބެހޭ ގޮތުން އެއްވެސް ކަމެއް އެނގޭތަ. އެއީ ކޮންގެއަކު ކުއްޖެއް. މީހަކާ އިނދެގެންތަ އުޅެނީ. އެކަހަލަ އެއްވެސް މަޢުލޫމާތެއް އިސާކަށް އެނގޭތަ." ޝަބްނަމް އަހާލިއެވެ.
"ކިހިނެއްވީ. މާޔާގެ ފުށުން ޝަބްނަމް ގަޔާނުވާކަމެއް ފެނުނީތަ؟." އިސާކުގެ އަޑުގައި ކުއްލިއަކަށް ސީރިއަސްކަން އެކުލެވުނެވެ.
"ނޫން.ނޫން. ގޯސް ކުއްޖެއްހެން ހިޔެއްނުވޭ. މަޑުމަޑުން ހުންނަނީ ވެސް. އެކަމަކު... އިސާކު... ޝަހާއާ ރިކް ގުޅެން ބޭނުންނުވާކަން އަހަރެމެން ކައިރީ ބުނީ އޭނާއަށް ކަމުދާ ކުއްޖަކު ހުރީމައޭ މަގޭ ހިތް ބުނަނީ." ޝަބްނަމްއަށް ޔަގީންނުވާ ކަމެއްގެ ވާހަކަދައްކަން އޭނާއަށް އުނދަގޫވިއެވެ. އެހެންވިޔަސް އެ ޚިޔާލުތައް އޭނާގެ ސިކުނޑިކަނީއެވެ. ހީވާހީވުމުގެ ހަޤީޤަތް އެނގެން އޭނާ ވެސް ބޭނުންވެއެވެ.
"ޝައްބޫ ބުނަން ތިއުޅެނީ ރިކްއާއި މާޔާގެ ދެމެދުގައި ގުޅުމެއް އޮތިއްޔޭތަ." އަނބިމީހާގެ ވާހަކަތައް ނަގައިގަތުމުގައި އިސާކު ފިސާރި ކުޅަދާނައެވެ. ވަގުތުކޮޅަކަށް ދެމަފިރިންގެ ނަޒަރު އަމާޒުވެލައިފަ ހުއްޓެވެ. ޝަބްނަމް ޖަވާބެއްގެ ގޮތުން ބޯޖަހާލިއެވެ.
"ހިނގާބަލަ ރިކްއާ އެ ވާހަކަދައްކަން. އިސާކު ވެސް އިނިއްޔާ އެކުއްޖާ ވާހަކަދައްކަފާނެ." ޝަބްނަމް ޚިޔާލު ފާޅުކުރިއެވެ.
"އައިރިކް ބުނަންދެން މަޑުކުރަމާ. ޝައްބޫއާ ކަމެއް ޚިއްޞާނުކޮށް ރިކް ނުހުރޭ. މިވަގުތު ޝައްބޫއަށް އެ ފުރުޞަތު ނުދީގެން އެ އުޅެނީ އޭނާއަށް ވަގުތު ބޭނުންވާތީ ކަމަށް ވެދާނެ." އިސާކުގެ ޚިޔާލު ހުރި ގޮތް ކިޔާދިނެވެ.
"ތިހެން ވެސް ވެދާނެ. އަހަރެން ހިތްއަވަސްވަނީ. އަހަންނަށް ރިކްއާއި މާޔާ ނިކަން ގާތްކޮށް ތިއްބާ ފެނުނީމަ. ރިކްގެ ޢަމަލުތަކުން އަހަރެން ކަންބޮޑުވީ. ކިހިނެއްވާކަމެއްކަން އެނގެން ބޭނުންވީ. އެކަމަކު އަހަރެން މާޔާއޭ ބުނެ އަނގައިގަ އެއްބައި އޮއްވާ އެކުއްޖާ އަހަރެންގެ ކުރިމަތިން ހިނގައްޖެ. ވާހަކައެއްދައްކާނޭ ފުރުޞަތެއް އޭގެ ފަހުން ނުދޭ." ޝަބްނަމް ކަންބޮޑުވަނީ ކީއްވެކަން ހާމަކުރިއެވެ.
"އައިރިކްއަށް އިތުބާރުކުރަމާ. ޝައްބޫގެ އެ ދަރިފުޅަކީ ވިސްނޫންތޫނު ޤާބިލް ދަރިއެއް." އިސާކުގެ އަޑުގައި ދަރިފުޅާމެދު ފަޚުރުވެރިކަން ވިއެވެ.
"އަހަރެންގެ ފިރިމީހާ ކައިރިން ވާރުތަކޮށްފަ." ލުއި ހިނިތުންވުމެއް އިސާކާ ބަދަލުކޮށްލަމުން ޝަބްނަމް ބުންޏެވެ. އޭރު އޭގެ ދެމަފިރިން އައިސް ކާކޮޓަރިއަށް ވަންނަނީއެވެ.
ކާރުގައި އިންއިރު އިރުއިރުކޮޅުން މާޔަލްއަށް އައިތަން ބަލާލައެވެ. ކަމަކާ ހާސްވެގެން މާޔަލް އުޅޭހެން އޭނާއަށް ހީވަނީއެވެ. އަނެއްކޮޅުން އޭނާ ވެސް މާޔަލް ގާތު ވާހަކައެއް ބުނަންވެފަ އެބައޮތެވެ.
"މާޔަލް." އައިތަން ގޮވާލިއެވެ. އެއާއެކު ވަގުތުން މާޔަލް ބަލާލިއެވެ. ބަހެއް ނުބުންޏަސް އެ ދެ ލޯ އައިތަންއާ އަމާޒުކޮށްލައިގެން އިނީ އައިތަން ގޮވާލި ސަބަބު އެނގެން ބޭނުންވެފައެވެ.
"މިއަދު ހަވީރު ނާދެވޭނެ. އަހަރެން ބައްޕައަކަށް ވާން އުޅެނީ." އައިތަން ހިނިތުންވެލިއެވެ. އެހާމަ ފުޅާ ހިނިތުންވުމަކާއެކު އައިތަން ދިން އުފާވެރި ޚަބަރުގައި މާޔަލް ބައިވެރިވިއެވެ. ނިކަން އަވަހަށް ތަހުނިޔާކިޔެވެ.
"ވައިފް ދައްކަން ދާން އެޕޮއިންމެންޓު ލިބުނީ އެހާއިރަށް. އެހެންވެ އިނގޭ." އައިތަން ބުންޏެވެ.
"އިޓްސް އޯކޭ. ހަގީގަތުގައި އައިތަން މިވަރުކޮށްދޭކަށް ނުވެސް ޖެހޭނެ. ވަޒީފާއަށް އައުމާ ދިއުމަކީ އެމީހަކު އަމިއްލައަށް ހަމަޖައްސަންޖެހޭނެ ކަންކަން." މާޔަލް ބުނެލިއެވެ.
އައިތަންއާއެކު ކާރަށް އެރީއްސުރެ މާޔަލް އިނީ ފިކުރުބޮޑުވެފައެވެ. އައިރިކްއަށް މާޔަލް އެނގިއްޖެކަން އައިތަން ކައިރީ ބުނުމާމެދު ދެ ޚިޔާލެއްގައެވެ. އައިތަން ނިންމާނޭ ގޮތެއް އެނގެނީއެއް ނޫނެވެ. މިވަގުތު އައިރިކްގެ ގާތުން ޖަވާބު ހޯދަން ބޭނުންވާ ކިތަންމެ ސުވާލެއް މާޔަލްގެ ހިތާއި ސިކުނޑީގައި ވެއެވެ. މާޔަލް ބޭނުންވެގެން އެއުޅޭ ކަމެއް އޮޅުން ފިލުވާ ދެވޭނެ މީހަކީ ވެސް އައިރިކްއެވެ. އޭނާއަށް އެކްސިޑެންޓްއާ ބެހޭ ގޮތުން އެނގޭވަރަށް އެހެން އެކަކަށް ވެސް ނޭނގެއޭ މާޔަލްއަށް ހީކުރެވެއެވެ. އައިރިކް އޭނާގެ ގާތުގައި ދެއްކި ވާހަކަތަކުންނެވެ. އެ އެކްސިޑެންޓަކީ އިއްތިފާގެއްތޯ ސުވާލު އުފެއްދި ފުރަތަމަ މީހަކީ ވެސް އައިރިކްއެވެ. އެއީ އެ ދެ މީހުން ޝާމިލުވި ނުރައްކާތެރި ހާދިސާއެކެވެ.
ހުޅުވުނު ގޭޓުން އެތެރެއަށް ވަދެގެން އައި ކާރު މަޑުކޮށްލިއެވެ. އެއާއެކު މާޔަލް ކާރުން ފައިބައިފިއެވެ. އައިތަން ފައިބައިގެން އައީ އިރުކޮޅެއް ފަހުންނެވެ. ދެ ޒުވާނުން އެކުގައި ޕޯޓިކޯއާ ދިމާއަށް އައެވެ. މައިދޮރުން ވަދެ ބޮޑުކޮޓަރި ހުރަސްކޮށް ކާކޮޓަރިއާ ދިމާއަށް އައިތަން އައެވެ.
"މާޔާ ދާންވީނު ދޮންބެ ގޮވައިގެން އަންނަން. މިހާރު އަނެއްކާ ސައިބޯން ނާންނަ ވާހަކަ މަންމަ އޮތީ ދައްކާފަ." އައިތަން ބުންޏެވެ.
އައިރިކް ދިރިއުޅޭ ކޮޓަރިއާ ކައިރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއެކު މާޔަލްގެ ހިތުގެ ހިނގުން އައި އަވަސްވަމުންނެވެ. އޭނާގެ ކަންފަތަށް އަމިއްލަ ހިތުގެ ދަޅްކަން އަޑުއިވެމުންދާ ފަދައެވެ. އެބައިގެ ދޮރުފަތް ހުޅުވާލާފައި ހުރިތަން މާޔަލްއަށް ފެނުނެވެ. މަޑުމަޑުން އައިސް އެތެރެއަށް އޭނާ ވަނެވެ. އައިރިކްއެއް ނެތެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ އެތެރޭގައި ހުރި އައިރިކް ނިދާކޮޓަރިއެވެ. އެތަނުގެ ދޮރުފަތް ކަހާލާފައި ހުރިތަން ފެނުނެވެ. ގޮވާލަން މާޔަލް ހިތަށް އެރިއެވެ. އެކަމަކު އެއަށްވުރެ އޭނާ ހުރީ މާބޮޑަށް ޖެހިލުންވެ ނުކެރިފައެވެ. މީހާ އެވަރަށް ފިނިވުންވީ މާޔަލްއަށް ވެސް ޤަބޫލުކުރަން ދަތިވީ ކަމަކަށެވެ.
"މާޔާ... މާޔާތަ؟." ކޮޓަރިތެރެއިން އައިރިކްގެ އަޑު އައެވެ.
މާޔަލް ކުރިޔަށް ހިނގައިގަތެވެ. މަޑުމަޑުން އައިސް އެ ނިދާކޮޓަރީގެ ދޮރުމަތީ ހުއްޓިލިއެވެ. ކޮޓަރިން ނުކުންނަން އައި އައިރިކް ފެނުމުން މާޔަލްއަށް ހިންދިރުވާލެވުނެވެ. އަތް ދިގު ހުދު ގަމީސް ގަޔަށް ހެޔޮވަރުކޮށްލީ ގޮތަށް އޭނާ ނުކުންނަން އައި ކަހަލައެވެ. ގަމީހުގެ އެއްވެސް ގޮށެއް އަޅުވާފައި ނެތެވެ. އެ ހަށިގަނޑުގެ ފޫޅުން ފެށިގެން މަތި ފާޅުވެފައި ވެއެވެ. އެހެން ދުވަސް ދުވަހު އޭނާ އަންނަންއިރު އައިރިކް ހުންނަނީ ރަސްމީ ހެދުމެއްގައި ތައްޔާރުވެގެން ނުކުމެއެވެ. މާޔަލްއާ ދިމާއަށް ހުއްޓިހުރެ އަނެއްކާވެސް މާޔާއޭ އައިރިކް ގޮވާލައިފިއެވެ.
"އެބަހުރިން." މާޔަލް ބުންޏެވެ.
"ކަމް އިންސައިޑް." ނިކަން އަވަހަށް އައިރިކް ބުނެލިއެވެ. ނަމަވެސް އެއީ ރަނގަޅު ޚިޔާލަކަށް ނުވީ މާޔަލްއަށެވެ.
"އަހަރެން މަޑުކޮށްލާނަން." މާޔަލް ބުނެލިއެވެ.
މާޔަލް އެނބުރިލީ އައިރިކް ތައްޔާރުވެގެން ނުކުންނަންދެން ސޯފާތަކުގައި މަޑުކޮށްލާނީއޭ ގަސްދުކޮށެވެ. ނަމަވެސް އޭނާއަށް ހިނގައިނުގަނެވެނީސް އައިރިކް އައިސް އޭނާގެ އަތުގައި ހިފައިފިއެވެ. މާޔަލް ދިޔައީ ސިއްސައިގެންނެވެ. އަޖައިބުވެފައި ބަލާލެވުނީ އައިރިކްގެ ހަރަކާތް އަވަސްކަމުންނެވެ. ދެ ލޮލަށް ނުފެންނަ މީހަކު އެހާ ކުޅަދާނައީ ކިހިނެއްބާއެވެ. ހައިރާންކަމުގެ އަސަރު ނުފިލަނީސް މާޔަލްގެ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް އައިރިކް އޭނާ ވައްދައިފިއެވެ. ގެނެސް އެނދު އަރިމަތީ ބައިންދައިފިއެވެ.
"އަހަރެން ރެޑީވަންދެން ތިތަނުން ނުތެދުވާތި." އައިރިކް ބުންޏެވެ.
އައިރިކް އެދުނު ފަދައިން ބަސް އަހައިގެން އެނދުން ނުތެދުވެ މާޔަލް އިނެވެ. އައިރިކްގެ ހަރަކާތްތަކަށް ބަލަން މާޔަލްއަށް އިނދެވުނެވެ. މަޑުމަޑުން އޭނާގެ ތުންފަތް ދެމިލީ އަމިއްލަ އިޚްތިޔާރެއްނެތިއެވެ.
"ހާދަ ވަރަކަށް ތިބަލަނީ." އައިރިކް ކުއްލިއަކަށް ބުނެލިއެވެ. ވަގުތުން މާޔަލްއަށް މޫނު އަނބުރާލެވުނެވެ.
"ނުބަލަން." ވަގު ހިފުމުން ސަލާމަތްވާން އުޅޭ މީހަކުހެން ނިކަން އަވަހަށް މާޔަލް ބުންޏެވެ. އައިރިކް ހީނލީއެވެ. އޭނާ އެއްއަތުގެ އަތްކުރި މުލައްދަނޑިއާ ހަމައަށް އޮޅަމުން އައިސް މާޔަލްގެ ކުރިމަތީ ހުއްޓުނެވެ. ދެން އަނެއް އަތް އޭނާ ދިއްކޮށްލީ މާޔާއަށެވެ. އެ އަތުގެ އަތްކުރި އޮޅައިދޭން އައިރިކް އެދުނީ މާޔަލްގެ ކައިރީއެވެ. ބަހެއްނުކިޔާ އިނދެ މާޔަލް އެކަން ކޮށްދިނެވެ.
"އޮފީސް ހެދުމުގައި ހުންނައިރު ޓައީ ނާޅަންޏާ ރީތީ އަތްކުރި އޮޅާފަ ބެހެއްޓީމައޭ ބުނި ހަނދާނެއްވޭ." ހިނިތުންވެ ހުރެ އައިރިކް ވާހަކަދެއްކިއެވެ. މާޔަލްގެ ނަޒަރު އައިރިކްގެ މޫނަށް ހުއްޓުނެވެ.
"ކާކު ބުނީ؟." މާޔަލް އަހާލިއެވެ.
"އަހަރެންގެ ލޯބިވެރިޔާ." އައިރިކްގެ ހިނިތުންވުން އިހުނަށްވުރެ ފުންވެގެން އައެވެ.
"މާޔާ ސުވާލެއް ނުކުރާނަންތަ؟. އަހަރެން ލޯބިވީ އެންމެ ފަހަރަކު. ހަޔާތަށް އައީ ވެސް އެންމެ ލޯބިވެރިއެއް." އައިރިކް ވާހަކަދެއްކިއެވެ. އޭނާގެ ޠަބީޢަތާއި މިޒާޖު ރަނގަޅު ދުވަހެއްހެން ހީވެއެވެ.
"ނިމުނީ... ރިކްގެ ފެމެލީ ތިބީ އިންތިޒާރުގަ. ސައިބޯން ރިކް ގޮވައިގެން އަންނާށޭ ބުނެ އަހަރެން ފޮނުވީ." މާޔަލް ބުންޏެވެ.
"އެހެންވީރު ލަސްކުރާކަށް ނުވާނެ. އަވަހަށް ހިނގާ. އަހަރެމެންގެ ވާހަކަ ކުރިޔަށް ގެންދާނީ ސައިބޮއެގެން އައިސް." އައިރިކް ބުންޏެވެ. އޭނާގެ ހިނިތުންވުން ފެނި މާޔަލްއަށް ތަފާތު އިޙްސާސް ކުރެވުނެވެ. އައިރިކްއަށް އައިސްގެން އެ އުޅެނީ ކޮން ބަދަލެއްބާއޭ މާޔަލް ހިތަށް އެރިއެވެ.
މާޔަލް ތެދުވިއެވެ. އެ ކޮޓަރިން ނުކުންނަން އައެވެ. ދޮރުން ނުނިކުމެވެނީސް އައިރިކް އޭނާ ހިފެހެއްޓިއެވެ. ދެއަތުގެ މުލައްދަނޑީގައި އައިރިކް ހިފަހައްޓާލާފައި ހުރިއިރު ދޮރު ކައިރީ ފާރުގައި މާޔަލްގެ ބުރަކަށި ޖެހުނެވެ. އައިރިކްގެ އެފަދަ ކުއްލި ހަރަކާތްތަކުން މާޔަލްގެ ހަށިގަނޑުގައި ހީނލިކެރުވުމެއް އުފަދައްދައެވެ. އަވަސްވަމުންދޭ ހިތުގެ ތެޅުމާއެކު ނޭވާގައި ހޫނުކަމެއް އެކުލެވިގެންދެއެވެ. ދެ ނޭވާ ގުޅުނެވެ. އޭގެ އަމިއްލަ ޒާތުގައި ކަހަލަ ގޮތަކަށް މަޑުމަޑުން މާޔަލްގެ ދެ ލޯ ވެސް މެރިއްޖެއެވެ. ވިސްނުމުގެ ބާރު ކެނޑި ސިކުނޑިއަށް ހިމޭންކަމެއް ވެރިވެގެން ދިޔަ ފަދައެވެ. މުޅި ނަފްސު ބެހިގެންދަނީއެވެ. ނަމަވެސް މާޔަލްގެ ފަރުވާލެއް ނެތެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅު ނިމުމަކަށް އައުމާއެކު މާޔަލްގެ މެރިފައިވި ދެ ލޯ ވެސް ލަސް ހަރަކާތުގައި ހުޅިވިއްޖެއެވެ.
"ވައި ޑިޑް ޔޫ ޑޫ ދެޓް." ސިއްރެއް ބުނެލާހާ މަޑުން މާޔަލް އަހާލިއެވެ. އައިރިކްގެ ތުންފަތް ދެމިލިއެވެ.
"ބޭނުންވީމަ." ޖެހިލުމެއްނެތި ހަޤީޤަތް އައިރިކް ހާމަކުރިއެވެ.
"އައި ހޭވް މިސްޑް ޔޫ." މާޔަލް އިތުރު އެއްޗެއް ނުބުނުމުން އައިރިކް އިތުރުކޮށްލިއެވެ. މަޑުމަޑުން މާޔަލްގެ ކޯތާފަތުގައި ފިރުމާލިއެވެ. އެ ބީހިލުމުގައި މާޔަލްގެ ތިރީ ތުންފަތުގައި ވެސް އައިރިކް ބޮޑުވައި އިނގިލި ޖައްސާލިއެވެ.
"އަދި މިސްވާހާ ވަގުތެއް ނުވެއެއްނު." މާޔަލް ބުނެލިއެވެ.
"މާޔާ އަހަންނާއެކު ނުވާ ކޮންމެ ހިނދުކޮޅަކީ އަހަރެން މާޔާގެ މަތިން ހަނދާންކުރާނޭ ވަގުތެއް. ވަރަށް ލޯބިވޭ..."
އައިރިކްގެ ވާހަކައަށް ހުއްޓުމެއް އައެވެ. އެބަޔަށް މީހަކު ވަދެއްޖެކަން އޭނާއަށް އެނގުނީއެވެ. މާޔަލްއާ ދުރަށް ޖެހިލުމާއެކު އޭނާގެ ކުރިޔަށް ހުރެ ކޮޓަރިން އައިރިކް ނުކުތެވެ. އެއާއެކު އޭނާއަށް ގޮވާލީ އައިތަންއެވެ. މާޔާގެ ނަން އައިތަން ކިޔާލިއިރު އައިރިކްގެ ފަހަތުން ނުކުންނާތީ ފެނުނެވެ. އޭނާ އައީ އޭގެ ދެ މީހުން ނައިސް ލަސްވާތީއެވެ.
"ހިނގާ ދާން." އިތުރު ވާހަކަތަކެއް ދައްކަން އައިތަންއަށް ފުރުޞަތު ނުދީ އައިރިކް ބުންޏެވެ. މިހާރު އެ މޫނުގައިވީ ސީރިއަސްކަމެވެ. އެ އަސަރުތަކުން އޭނާއަކީ ހަރުކަށި މީހެއްގެ ގޮތުގައި ސިފަކުރެވެއެވެ.
* * * * *
ރީނާގެ މަރަކީ ގުދުރަތީ މަރެއްކަމުގައި ޑަކްޓަރުން ވަނީ ނިންމާފައެވެ. އޭނާ މަރުވީ ފިޓުޖެހިގެންކަމެވެ. ދުވާލުގެ ވަގުތުގައި ޖާބިރު އައިސް ކުދީންގެ އެޕާޓްމެންޓުގައި އުޅެއެވެ. ނަމަވެސް ނިދަން ދަނީ އޭނާ ހިފާފައި ހުންނަ ކޮޓަރިއަށެވެ. އިނާޔާ އަންނާނެ ދުވަހެއް އެކަކަށް ވެސް ނޭނގެއެވެ. މައިރާއާއި އިރުފާއާ ވެގެން ރީނާގެ އެއްޗެހި ފޮށިފޮށްޓަށް އަޅައި ބަންދުކުރަމުން ދިޔައެވެ. އޭނާގެ ކިޔަވަމުންދިޔަ ކޮލެޖަށް ވެސް ރަޒާވަނީ ކޮއްކޮގެ ކުއްލި މަރުގެ ޚަބަރު އަންގާފައެވެ. ޖަނާޒާގައި ބައިވެރިވާން ރީނާގެ ބައެއް ރައްޓެހިކުދީން އައިތަން ރަޒާ ދުށްޓެވެ. ރަޒާ ދެ ހަފްތާގެ ޗުއްޓީ ނެގީ ގޭތެރޭގެ ހާލަތު ހަމައަކަށް އެޅޭންދެން ގޭގައި މަޑުކުރާން ވެގެންނެވެ. ގޭތެރެއިން މިހާރު އަބަދުމެ އިވެނީ ޤުރުއާނުގެ އަޑެވެ. ހުރިހާ ވަގުތަކު ހުންނަނީ ޤުރުއާން ޖަހާފައެވެ. ނަމަވެސް އެގޭ ތެރޭގައި އަލިކަމެއްނެތެވެ. ތިންވަނައަށް ވީ ދުވަހު އެމީހެއްގެ ކަމެއްގައި އެމީހަކު މަޝްޢޫލުވެއްޖެއެވެ. ވަކިވެގެންދިޔަ މީހާ ވަކިވެގެން ދިޔައީތާއެވެ. އޭނާ ދެން އެނބުރިއެއް އެމީހުންގެ ތެރެއަކަށް ނާންނާނެވިއްޔާއެވެ. އެހެންވެ އޭނާގެ މަތިން ހަނދާންކުރުން މުހިންމުކަމަކަށް ނުވަނީއެވެ. ކޮންމެ އިންސާނަކަށް ވެސް ނިމުން އަންނާނެއެވެ. ދުވަސްކޮޅަކު އޭނާ ވަކިދިއުމުން އެ ވާހަކަދައްކާ އުޅެދާނެއެވެ. ނަމަވެސް އިޙްލާސްތެރި ހިތެއް މަދުވާނެއެވެ. ހެޔޮ ނިޔަތުގައި ބަހެއްބުނެ ފުރާނައަށް ދުޢާކޮށްދޭނޭ ދޫތައް މަދެވެ. މީސްމީޑިއާގެ މަންސަތަކުގައި އެންމެންގެ ލޯތަކުގައި އަޅައިގަންނަވަރުގެ "ބޮޑު ސްޓޭޓަސް" އެއް ލިޔެލުމުން އެވީ އެންމެ ހެޔޮއެދޭ މީހާއަށެވެ. ރީނާގެ ޢާއިލާއަށް ވެސް ނުހުއްޓުވުނީ އެފަދަ މަންސަތަކުގައި ޚިއްޞާކުރަމުން ދިޔަ "ޕޯސްޓް"ތަކެވެ. ގޭގައި އެންމެން އުޅެނިކޮށް ފާޚާނައިގަ މަރުވެފައި އޮންނަތާ އެތައް ދުވަހެއްފަހުން އެއްބަނޑުއެއްބަފާ ކޮއްކޮ ފެނުނުކަމުގެ ޚަބަރު ދައުރުވާން ފެށީ އަލިފާން ފަދައިންނެވެ.
"މައި... ރަނގަޅުތަ؟." ފާޚާނާ ތެރެއަށް ރަޒާ ބޯދިއްކޮށްލީ މައިރާ ހޮޑުލާ އަޑު އިވިގެންނެވެ. މައިރާ ޖަވާބެއް ނުދިނެވެ. ރަޒާ ވަދެގެން އައިސް މައިރާއާ ގާތްވެލިއެވެ. އަނބިމީހާގެ ބުރަކަށީގައި ރަޒާ ފިރުމާދޭން ފެށިއެވެ.
"ނުގުޅޭ އެއްޗެއް ކެވުނީހެން ހީވަނީ." އަނގަދޮވެލާފައި ފިރިމީހާ ކުރި ސުވާލަށް މައިރާ ޖަވާބު ދިނެވެ.
(ނުނިމޭ)