ހައުސިން މިނިސްޓްރީ

މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ ތޮށިލުމުގެ މަސައްކަތްތައް އެމްޓީސީސީއަށް

ހިއްކައިގެން މާލޭ ހުޅަނގު ދެކުނު ފަރާތުގެ ފަޅު ތެރޭފައި ހަދާ "އިންޑަސްޓްރިއަލް ވިލެޖް"ގެ ތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މާލޭ ހުޅަނގު ދެކުނު ސަރަހައްދުން ހަތަރު ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި ކުނި މެނޭޖު ކުރުމާއި އިންޑަސްޓްރިއަލާ ގުޅޭ މަސައްކަތްތަށް އެސަރަހައްދަށް ބަދަލު ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން މިއަދު މިވަނީ އެތަނުގެ އީއައިއޭ އާއި ޑިޒައިނިންގެ މަސައްކަތް ނިމުމަށް ފަހު އިންޑަސްޓްރިއަލް ވިލެޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލޭ ހުޅަނގު ދެކުނު ސަރަހައްދަށް އިންޑަސްޓްރިއަލް މަސައްކަތްތައް ބަދަލު ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެ ސަރަހައްދުގައި މިހާރު ހަދައިވާ ތޮށިގަނޑު އެތެރެއަށް ޖެއްސުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. މީގެ އިތުރުން އެސަރަހައްދުގެ ނެރު ހެދުމުގެ މަސައްކަތް ކުރުމަށް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބޭނުންވާ ޑިޒައިން އަށް ނެރު ހެދުމަށް ވެސް ވާނީ ޖަޕާނު ސަރުކާރާއި އެކު ސްޓަޑީއެއް ހަދައިފަ. އެސްޓަޑީއިން ދައްކަނީ މިކަމަކީ ޓެކްނިކަލީ ކުރެވޭނެ މަސައްކަތެއް ކަމަށް. އެހެންކަމުން ހުޅަނގު ސަރަހައްދުގައި ފުރަތަމަ ކުރެވިގެން ދާނީ ނެރުހެދުމުގެ މަޝްރޫއާއި މިހާރު ހިއްކަން މި އުޅޭ ސަރަހައްދުގެ ބްރޭކް ވޯޓާ ބޭރަށް ޖެއްސުމުގެ މަސައްކަތް. މި ދެ މަޝްރޫއު އެކު އެކީގަ މިމަސް ތެރޭގައި އެމްޓީސީސީ އިން ކުރިޔަށް ގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ހުޅަނގު ދެކުނު ސަރަހައްދަށް އިންޑަސްޓްރިއަލް މަސައްކަތާއި ކުނި މެނޭޖުކުރުމުގެ މަސައްކަތް ބަދަލު ކުރުމަށް ސަރުކާރުން ނިންމެވީ ތޮއްޖެހިފައި އޮތް މާލެ ހިތް ފަސޭހަ ތަނަކަށް ހަދައި މީހުންނަށް ދިރިއުޅެން ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މިކަމަށް 159 މިލިއަން ރުފިޔާ ހަރަދުވާއިރު މުއިއްޒު ވިދާޅުވީ އެ ހަރަދަކީ ސަރުކާރުން ކުރާ އިންވެސްޓްމަންޓެއް ކަމަށާއި މި ޕްރޮޖެކްޓު ނިމުމަށް ފަހު ބިން ކުއްޔަށް ދީގެން ހަތަރު އަހަރު ތެރޭގައި ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި މި މަޝްރޫއުގެ ތެރެއިން މާލޭގައި ހިންގާ ކޮންސްޓްރަކްޝަން ގެ މަސައްކަތް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރެވޭ އިރު ކުނި ކޮއްޓާއި ބޮޑެތި ގަރާޖު ނުވަތަ ވޯކްޝޮޕް ފަދަ ތަންތަން ވެސް އެސަރަހައްދަށް ބަދަލު ކުރާނެ ކަމަށެވެ. އަދި މިއީ މިއަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހިންގާ ޕްރޮޖެޓު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.