އެމްޓީސީސީ

ހައި ސްޕީޑް ފެރީ ބަންނަން ގަލްފް ކްރާފްޓަށް

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫއަށް ބޭނުންވާ ހައި ސްޕީޑް ފެރީ ބަންނަން ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލު ކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ގަލްފް ކްރާފްޓްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން މުހައްމަދު އަރްޝާލީ އެވެ. މި އެގްރިމެންޓްގެ ދަށުން 17 ފެރީއެއް ގަލްފް ކްރާފްޓުން ބަނދެދޭނެ އެވެ.

އާޒިމް ވިދާޅުވީ ބަންނަން ހަވާލުކުރި ފެރީތަކަކީ އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ތިން ގުނަ ދުވެލި ބާރު ފެރީތައް ކަމަށެވެ.

"މިއީ ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރުމަށް ދިވެހި ސަރުކާރުން އެކުލަވައިލި ނެޓްވޯކެއް. މި ފެރީތަކުން މަތިންދާ ބޯޓެއްގައި ލިބޭ ފެންވަރުގެ ހިދުމަތް ލިބޭނެ. ކުރޫން ފަސެންޖަރުންނާ މުހާތަބު ކުރާނީ ހިނިތުންވުމާ އެކުގައި." އޭނާ ވިދާޅުވި އެވެ.

މި ފެރީތަކުން މަތިންދާ ބޯޓެއްގައި ލިބޭ ފެންވަރުގެ ހިދުމަތް ލިބޭނެ. ކުރޫން ފަސެންޖަރުންނާ މުހާތަބު ކުރާނީ ހިނިތުންވުމާ އެކުގައި،
އާދަމް އާޒިމް | އެމްޓީސީސީގެ ސީއީއޯ

މި މަޝްރޫއަށް 107 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަލަށް ބަންނަ މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އަދި ގަޑިއަކު 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެ ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާ ކުރަނީ ދަތުރުތައް ކުރަން އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް މި ފެރީތަކުގައި ހުރެ އެވެ.

ފެރީ ނެޓްވޯކްގެ ދަށުން ހަދާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އެގޮތުން 40 ފެރީ ސްޓޮޕެއް ހަދާނެ އެވެ.

ހައި ސްޕީޑް ފެރީގެ ހިދުމަތް މި އަހަރުގެ ނޮވެމްބަރު މަހު ފަށަ އެވެ. ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރާއިރު ފުރަތަމަ ހިދުމަތް ފަށާނީ އުތުރުގެ ތިން އަތޮޅެއްގަ އެވެ. އެ ޒޯންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅެވެ.