ހައި ސްޕީޑް ފެރީގެ ހިދުމަތަށް ބޭނުންވާ އުޅަނދުތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާނެއް ކޮށްފި އެވެ.
ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި، އެމްޓީސީސީއާ ހަވާލުކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ބޮޑު ސަރަހައްދެއް އެކުލެވިގެންވާ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރު ކުރެވޭނެ އަވަސް ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.
އެމްޓީސީސީއާ ހަވާލުކުރި ފިޔަވަހީގެ ދަށުން އެއްބަސްވުމާއެކު އެންމެ ފުރަތަމަ ހިދުމަތް ދޭނީ ހއ. އާއި ހދ. އަދި ށ. އަތޮޅު ގެ ރަށް ތަކަށެވެ.
އެމްޓިސީސީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، އެންމެ ލަސްވެގެން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ އަތޮޅު ތަކަށް ހިދުމަތް ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށެވެ.
އެމްޓީސީން ވަނީ އެ ފިޔަވަހީގެ ދަށުން ބޭނުންވާ 17 ހައި ސްޕީޑް ފެރީ، ޓާން ކީ އުސޫލުން ނުވަތަ ވަގުތުން ފަށައި ގަނެވޭ ގޮތަށް ފޯރުކޮށް ދޭނެ ފަރާތެއް ހޯދަން މިދިއަ އާދީއްތަ ދުވަހު އިއުލާނުކޮށްފަ އެވެ.
އެ އިއުލާނުގައިވާ ގޮތުން، ކޮންމެ ފެރީއެއްގައި 50 ފަސިންޖަރުންނާއި ހަތަރު ކްރޫއާއި، ބަލި މީހުންނަށް ހާއްސަ ދެފުރޮޅުގެ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރެއް ބެހެއްޓޭނެ ޖާގަ ހުންނަންޖެހެ އެވެ.
އަދި ކޮންމެ ފަސިންޖަރަކަށް 20 ކިލޯގެ ލަގެޖު އުފުލުމާއެކު ޖާގަ ތަނަވަސްވާނެ ގޮތަށް ގޮނޑިޖެހުމާއި ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ފެރީއަށް އެރޭގޮތަށް ހުންނަންޖެހޭނެކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. މީގެ އިތުރުން، ހިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ވަސީލަތްތަކާއި، އުޅަނދުގެ ބާރުމިނުގައި ހުންނަޖެހޭނެ މިންވަރާގުޅޭ ތަފްސީލްތައްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
އެމްޓީސީސީން ބުނީ އެ ފެރީތައް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏާ ހަވާލުކުރަންޖެހޭނެ ކަމަށެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިކަމަށް ޝައުގުވެރިވާކަމުގެ ލިޔުން އެމްޓީސީއަށް ހުށައެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭންގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާކޮށްފައިވާ ވިއުގަ އެކެވެ.