ހައުސިން މިނިސްޓްރީ

ތިން ރަށެއްގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

ތިން ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝަރޫއާއި، ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން، ނ. ހޮޅުދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގަ އެވެ.

ނޭކުރެންދޫ އާއި އިންނަމާދޫގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. މި ދެ މަޝްރޫއުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝަރޫއު

މި މަޝަރޫޢުގެ ދަށުން ނޭކުރެންދޫ ބަނދަރު 22،323 ކިއުބިކް މީޓަރަށް ފުންކުރާނެ އެވެ. އަދި 290 މީޓަރު ބްރޭކް ވޯޓާ ޖެހައި، 76 މީޓަރު ޗެނަލް ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 166 މީޓަރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 212 މީޓަރު ސްކޯރިންގް އެޕްރޮން ޖެހުމުގެ މަސައްކަތާ 212 މީޓަރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް އަދި 19 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މި މަޝްރޫއު ނިމޭއިރު ނޭކުރެންދޫ ބަނދަރުގައި އެކްސެސް ޕްލެޓްފޯމް އަޅައި 1859 އަކަ މީޓަރު ޕޭވްމަންޓެއް ވެސް ހެދިގެން ދާނެ އެވެ. އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 47.6 މިލިއަން ރުފިޔާ އަށެވެ.

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝަރޫއުގެ ދަށުން އެ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށުގައި 45 މީޓަރުގެ 8 ޓީ-ގްރޮއިން ގާއިމުކުރާނެ އެވެ.

މިމަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 220 ދުވަހުގެ ތެރޭގަ އެވެ. މަސައްކަތުގެ އަގަކީ 15.7 މިލިއަން ރުފިޔާ އެވެ.

ނ. ހޮޅުދޫ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު

ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. ހޮޅުދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) އަށެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

މި އެއްބަސްވުމުގެ ދަށުން އާރްޑީސީން ހޮޅުދޫގެ 4.3 ކިލޯމީޓަރު މަގުގައި ތާރު އަޅާނެ އެވެ. އަދި ހޮޅުދޫ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަގުބައްތި ޖަހާނެ އެވެ.

މަސައްކަތް ނިންމަން ދީފައިވަނީ 450 ދުވަހެވެ. މަސައްކަތުގެ އަގަކީ 71.9 މިލިއަން ރުފިޔާ އެވެ.