ލ. މާމެންދޫގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއު މިދިޔަ އަހަރުގެ މެދުތެރޭގައި ފަށައި ވަކިހިސާބަކުން މަސައްކަތް މެދުކެނޑުނު ގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ މާމެންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް ހަސަން ރަމީޒު ވިދާޅުވީ މާމެންދޫގައި ކުޅިވަރު ކުޅެން އޮތް ހަމައެކަނި ބިމުގައި ފުޓްބޯޅަ ދަނޑެއް ހަދަން ފަށައި ބިން މިވަގުތު އެހެން ބަޔަކަށް ބޭނުންވެސް ނުކުރެވޭ ގޮތަށް އެމަސައްކަތް ހުއްޓިފައި އޮތުމުން ރަށުގެ ޒުވާނުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.
"މިކަމުގެ ސަބަބުން ރަށު ފެންވަރުގައި މުބާރާތެއް ވެސް ނުބޭއްވި މިދަނީ. އަދި ޕްރެކްޓިސް ކުރާނެ ތަނެއް ނެތީމަ އެހެން ފަރާތްތަކުން ބާއްވާ މުބާރާތްތަކުގައި ވެސް މާމެންދޫގެ ޓީމުތަކަށް ބައިވެރިއެއް ނުވެވޭ،" ރަމީޒު ވިދާޅުވި އެވެ.
މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ޔޫސުފް ޖަޒުލާން އަވަސް އަށް ވިދާޅުވީ ރަށުގެ މެދުގައި އޮންނަ ބިމެއްގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފެށީ 28 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާތާ އެތައް ދުވަހެއް ވުމުގެ ސަބަބުން އެ ބިމުގައި މިހާރު ޖޭމު ފަދަ ގަސްތައް ހެދިފައިވާ ކަމަށެވެ.
ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީގައި މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށްވެސް ޖަޒްލާން މައުލޫމާތު ދެއްވާފައިވެ އެވެ.
"ނަމަވެސް އޭގެފަހުން ހަތް މަސް ފާއިތުވެގެން ދިޔައިރު އެ ކުންފުނިން ވެސް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަން ފާހަގައެއް ނުވޭ،" ޖަޒްލާން ވިދާޅުވި އެވެ.
މާމެންދޫ ޒުވާނުން ބޯޅަ ކުޅުމަށް ދަނޑެއް ނެތުމުގެ ސަބަބުން ރަށުގެ ޒުވާނުންގެ ފަރާތުން ކެނޑިނޭޅި ޝަކުވާ ލިބޭ ކަންވެސް ކައުންސިލުން ފާހަގަކުރެ އެވެ.
އަވަސް އަށް މައުލޫމާތު ދެމުން މާމެންދޫ ޒުވާނަކު ބުނީ ކުޅިވަރު ކުލެން ދަނޑެއް ރަށުގައި ނެތި ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. މިކަމާ ގުޅިގެން ޒުވާނުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫހު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށްވެސް ބުންޏެވެ.
"ރަށުގެ ޒުވާނުންގެ ހިތްހަމަޖެހުމަށްޓަކައި ރަށު ކައުންސލުން ވަނީ ރަށުގެ ވޮލީ ކޯޓުގައި ކޮންމެވެސް ގޮތެއް ހަދައީދިފައި. އަދި ކައިރީ ރަށްތަކަށް ދަތުރުކޮށް އެ ރަށްތަކުގެ ދަނޑުގައި ވަން ޑޭ ކަޕްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައި،" މައުލޫމާތު ދިން ޒުވާނާ ބުންޏެވެ.
މާމެންދޫ ދަނޑު ސާފުކުރުމުގެ މަސައްކަތް ސަބްކޮންޓެކްޓަރަކާ ގުޅިގެން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފެށި އެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ދަނޑުގައި ވިނަފެޅުން ހުއްޓުވުމުގެ ގޮތުން ކެމިކަލެއް ބޭނުންކޮށްފައިވާ މާމެންދޫ ކައުންސިލުން ބުނެ އެވެ. ރަށުގެ މެދުގައި އޮންނަ ބޯޅަ ދަނޑަކީ ގިނަ އަދަދަކަށް ކުޑަކުދިންނާއި އާންމު ރައްޔިތުން އެއްވާ ތަނަކަށްވާއިރު ދަނޑުގައި ކެމިކަލެއް ބޭނުންކުރުމުގެ ކުރިން ރަށު ކައުންސިލާއި މައުލޫމާތު ހިއްސާ ކުރަންވާނެ ކަމަށް މާމެންދޫ ކައުންސިލަރުން ގަބޫލުކުރައްވަ އެވެ.
"ނަމަވެސް މިފަދަ އެއްވެސް މައުލޫމާތެއް ކޮންޓްރެކްޓަރުގެ ފަރާތުން ކައުންސިލަށް ލިބިފައެއް ނުވެ. ބޯޅަ ދަނޑުގައި ކެމިކަލެއް ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބިގެން ރަށު ކައުންސިލްގެ ބޭފުޅުން އެތަނަށް ގޮސް އެ މަސައްކަތް ހުއްޓުވީ. އެކަމުގެ މައުލޫމާތު އަޅުގަނޑުމެން ވާނީ ސްޕޯޓްސް މިނިސްޓްރީއަށް ހިއްސާކޮށްފައި،" ކައުންސިލަރަކު ވިދާޅުވި އެވެ.
ކުޅިވަރަށް ލޯބިކުރާ މީހުން ގިނަ ލ. މާމެންދޫގެ ހުރިހާ ރައްޔިތުންނާއި ކައުންސިލްގެ ވެސް އުއްމީދަކީ ވީއެންމެ އަވަހަށް ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް، ކުރިން އޮތް ފަދައިން ރަށުގެ ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުން ކަމުގައި މާމެންދޫ ކައުންސިލުން ބުނެފައިވެ އެވެ.