އިނގިރޭސި ރާނީ

ރާނީ އެލިޒަބަތު ދޭއްގެ ހަނދާނުގައި

ކުއީން އެލިޒަބަތު ދެއެއް
0%
0%
0%

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއް އަވަހާރަވީ މިމަހުގެ އަށްވަނަ ދުވަހު އެވެ. އެކަމަނާގެ ޖަނާޒާގެ ރަސްމީ ބައިތައް މިމަހުގެ 19 ވަނަ ދުވަހަށް ނިންމާލާފައިވާއިރު އެކަމަނާގެ ހަޔާތާއި ކުރިމަތިވެފައިވާ ކަންތައްތަކަށް ނަޒަރު ހިންގާލުމަށް މިވެސް ރަނގަޅު ވަގުތެކެވެ.

މިގޮތުން ކުއީން އެލިޒަބަތު ދޭއްގެ ހަޔާތުގެ މައްޗަށް އެތައް ފިލްމަކާއި ސިރީޒް އަދި ޑޮކިއުމެންޓަރީތައް ހަދާފައިވާއިރު، ތިރީގައި އެވަނީ މީގެން އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމާއި ސިރީޒް އަދި ޑޮކިއުމެންޓަރީ ތަކެވެ.

1
 

ދަ ކްރައުން

ދަ ކްރައުން ސީރީޒް

"ދަ ކްރައުން" އަކީ ރާނީ އެލިޒަބަތުގެ ހަޔާތަށާއި އިނގިރޭސި ޝާހީ އާއިލާގެ އިތުރުން ރަސްކަމުގެ ކަންތައްތައް ބައްޓަން ވެގެން ދިޔަ ކަންތައްތަކަށް ބިނާކޮށްފައިވާ ސީރީޒެކެވެ. މި ސީރީޒްގައި ކުއީންގެ ރޯލު އަދާކުރަނީ ކްލެއާ ފޯއި އާއި އޮލީވިއާ ކޯލްމަން އެވެ.

މި ސީރީޒްގައި ތާރީހީ ބައިތައް ގެނެސްފައިވާ ގޮތާ މެދު ކްރިޓިކްސްގެ މެދުގައި ބޮޑެތި ސުވާލުތަކެއް ހުރިއިރު މި ސީރީޒް އަކީީ އާންމުންގެ ތެރޭގައި ނުހަނު މަގްބޫލު ސީރީޒް އެކެވެ. މިހާރު ޝޫޓްކުރަމުންދާ "ދަ ކްރައުން"ގެ ހަވަނަ ސީޒަނަކީ މި ސީރީޒް ނިންމާލާ ސީޒަނެވެ.

2
 

އަ ޓްރިބިއުޓް ޓު ހާ މެޖެސްޓީ ދަ ކުއީން

މިއަހަރު ނެރުނު ބީބީސީގެ ޑޮކިއުމެންޓަރީ "އަ ޓްރިބިއުޓް ޓު ހާ މެޖެސްޓީ ދަ ކުއީން" އިން ގެނެސްދެނީ ކުއީން އެލިޒަބަތުގެ ތިން ފިރިހެން ދަރިކަލުންނާއި ދަރިކަބަލުންގެ ދުލުން މަންމާފުޅުގެ ހަނދާންތަކާއި އެކި ހާދިސާތަކެވެ. އަދި ކުއީންގެ ބައެއް ޒާތީ ކަންތައްތަކާއި އާންމުކޮށްފައިވާ ކަންތައްތައްވެސް ނެރޭޓާއެއް މެދުވެރިކޮށް ކިޔައިދެ އެވެ.

3
 

ހާ މެޖެސްޓީ ދަ ކުއީން

ރާނީ އެލިޒަބަތު

ޗެނަލް ފޯއިން މިއަހަރު ތައްޔާރުކޮށްފައިވާ "ހާ މެޖެސްޓީ ދަ ކުއީން" ހުށަހަޅައި ދެނީ ޖޯން ސްނޯ އެވެ. ޖޯން ސްނޯ، ކުއީންއާ ގުޅުވައިގެން އޭނާގެ އަމިއްލަ ހަނދާންތަކުގެ ވާހަކަތައް ހުށަހަޅައިދޭއިރު، އެހެން މީހުންގެ ހަނދާންތަކާއި ތަޖުރިބާތަކާއި ރާނީ އެލިޒަބަތު ތަހުތުގައި ހޭދަކުރެއްވި 70 އަހަރުގެ ތާރީހީ ހާދިސާތައްވެސް ގެނެސްދެ އެވެ. މީގެ ތެރޭގައި ކުއީންގެ ކުރީގެ ލޭޑީ އިން ވެއިޓީން އެއްވެސް ހިމެނެ އެވެ.

4
 

ކުއީންސް ކޮރޮނޭޝަން އިން ކަލާ

"ކުއީންސް ކޮރޮނޭޝަން އިން ކަލާ" އަކީ ކުއީން އެލިޒަބަތު ތާޖު އަޅުއްވުމުގެ ރަސްމިއްޔާތު ކުލަކޮށް ގެނެސްދޭ ޑޮކިއުމެންޓަރީ އެކެވެ. މި ޑޮކިއުމެންޓްރީ ދައްކަނީ އައިޓީވީ އިންނެވެ. މި ޑޮކިއުމެންޓަރީގައި މި ރަސްމިއްޔާތުގެ ފަހުގެ ފުޓޭޖުތަކާއި ކުއީން ދޫކޮށްފައިވާ މުހިއްމު ބައެއް ހަނދާންތަކުގެ އިތުރުން އެކަމަނާގެ މެއިޑް އޮފް ހޮނާސް އާއި އެކި ފަރާތްތަކުގެ އިންޓަވިއުވެސް ހިމެނެ އެވެ. އެލެކްސާންޑާ އާމްސްޓްރޯން ހުށަހަޅައިދޭ މި ޑޮކިއުމަންޓްރީގައި އަމިއްލަ ފަރާތްތަކުން މަގުމަތީގައި އަދި އެކި ތަންތާންގައި އެދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕާޓީތަކުގެ ފުޓޭޖްވެސް ހިމެނެ އެވެ.

ކުއީން އެލިޒަބަތުގެ ތާޖު އެޅުއްވުން
5
 

އެލިޒަބަތް އާރް – އަ އިޔާ އިން ދަ ލައިފް އޮފް ދަ ކުއީން

ބީބީސީ އިން 1992 ގައި ނެރުނު މި ޑޮކިއުމަންޓަރީއަކީ ފިލްމް ހެދި ފަރާތްތަކަށް ވަރަށް ހާއްސަކޮށް ކުއީންގެ ހަޔާތްތުގެ ކަންތައްތައް ގާތުން ބަލައި، ވީޑިއޯ ކުރުމަށް ހުއްދަ ލިބިގެން ހެދި ޑޮކިއުމެންޓަރީ އެކެވެ. މިގޮތުން މި ޑޮކިއުމެންޓަރީގައި ދައްކުވައިދެނީ 1990 އިން 1991 އަށް އެކަމަނާގެ ހަޔާތް، އެކަމަނާގެ އަޑުން، ރަސްމީ އަދި ނުރަސްމީ މަންޒަރުތައް، އެކަމަނާގެ އެކި ގަނޑުވަރުތަކުގައި ބޭއްވި އެކި ބައްދަލުވުންތަކެވެ.

6
 

އެލިޒަބަތު: އަވާ ކުއީން

ޗެނަލް ފަހަކުން 2018 ގައި ނެރުނު މި ޑޮކިއުމެންޓަރީ އަކީ ހަތަރު ބަޔަކަށް ބަހާފައިވާ ހަތް ގަޑިއިރާ ބައިގެ ޑޮކިއު-ސީރީޒެކެވެ. މީގައި ކުއީން އެލިޒަބަތުގެ ހަޔާތް ތަފްސީލުކޮށް ގެނެސްދީ، އެކަމަނާއާ ކުރިމަތިވި އުފާވެރި އަދި ހިތާމަވެރި ކަންތައްތަކާއި އިނގިރޭސި ވިލާތުގައި އެކަމަނާގެ މުހިއްމު ދައުރުގެ ވާހަކަ ގެނެސްދިނެ އެވެ.

މި ސީރީޒްގައި ނޫސްތަކުގެ އާކައިވްތަކާއި ކޮމެންޓަރީގެ އިތުރުން ހިސްޓޯރިއަންތަކާއި ސިޔާސީ މީހުންނާއި ރޯޔަލް ސާކަލްގެ މެންބަރުން އެކަމަނާއާ ގުޅިގެން ދައްކާފައިވާ ވާހަކަތައް ހިމެނެ އެވެ.

"ދަ ކުއީން" ފިލްމްގައި ހެލަން މިރަން ކުއީން އެލިޒަބަތުގެ ރޯލުގައި
7
 

ދަ ކުއީން

2006 ގައި ނެރުނު "ދަ ކުއީން" ބިނާކޮށްފައިވަނީ ޕްރިންސަސް ޑަޔާނާ އަވަހާރަވުމާ ގުޅިގެން ދުނިޔެ އާއި މީޑިއާގެ ސަމާލުކަން ޝާހީ އާއިލާއަށް ހުރިއިރު، ކުއީން އެލިޒަބަތުއަށް ރާނީއެއްގެ ހައިސިއްޔަތުން ކުރިމަތިވި އެންމެ ބޮޑު އެއްގޮންޖެހުމާ ކުރިމަތިލި ގޮތުގެ މައްޗަށެވެ.

މި ފިލްމުގައި ކުއީން އެލިޒަބަތުގެ ރޯލް އަދާކޮށްފައިވަނީ ޑޭމް ހެލެން މިރަން އެވެ. މި ފިލްމުގައި އޭނާ ދެއްކި އެކްޓިންއަށް އޮސްކާ އެވޯޑް ލިބިފައިވެ އެވެ.

މީގެ އިތުރުން 2015 ގައި ނިކުތް "އަ ރޯޔަލް ނައިޓް އައުޓް" އަދި އެމެޒޯން ޕްރިމް ވީޑިއޯ ޑޮކިއުމެންޓަރީ "އެލިޒަބަތު: އަ ޕޯޓްރޭޓް އިން ޕާޓްސް" އަކީ ހަގީގަތާ ގިނަ ކަންތައްތައް ދުރު ނަމަވެސް ބަލާލަން ކަމުދާ ދެ ފިލްމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910