ތައުލީމާއި ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި 25 ޕްރިންސިޕަލުން މެލޭޝިއާ އަށް ހިނގައްޖެ އެވެ.
މި ބޭފުޅުން މެލޭޝިއާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ އަމީނުއްދީން ބަކީ އިންސްޓިޓިއުޓުން އިންތިޒާމު ކުރާ 14 ދުވަހުގެ ވޯކްޝޮޕެއްގައި ބައިވެރިވާނެ އެވެ.
އަމީނުއްދީން ބަކީ އިންސްޓިޓިއުޓާ ގުޅިގެން ދަތުރުގެ ހުރިހާ ކަމެއް އިންތިޒާމު ކުރީ ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.
ރާއްޖޭގެ 50 ޕްރިންސިޕަލުން ދާދި ފަހުން ވަނީ މިފަދަ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އިންޑިއާއަށް ވެސް ގޮސްފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ހުރިހާ ހަރަދެއް ކުރާ ގޮތަށް ދިވެހި ޕްރިންސިޕަލުންތަކެއް މިހާރުވެސް ގެންދަނީ މެލޭޝިއާގައި އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންނެވެ.
ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޕްރިންސިޕަލުން ނުލިބުމުގެ މައްސަލަ ބޮޑެވެ. އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ގެންދަނީ ޕްރިންސިޕަލުން ތަމްރީން ކުރުމަށާއި ޕްރިންސިޕަލުންނަށް ތަޖުރިބާގެ ދަތުރުތައް ހޯދައިދިނުމަށް އެކި ގައުމުތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ.