މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ގެއްލުނު ފައިސާތައް ހޯދަން މަޖިލީހުގެ ތެެރެއިން މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ނިންމަވައިފި އެވެ. މެންބަރު ޔާމީން ވަނީ އެމްއެމްޕީއާރްސީގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާ ކުއްލި މަސައްލައެއްގެ ގޮތުގައި މަޖިލީހަށް މައްސަލަ ހުށަހެޅުމަށް ނިންމަވައި މިއަދު ބަޔާނެއް އާންމު ކުރައްވާފައެވެ.
އޭނާގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީއަށް ވަދެފައިވާ ފައިސާގެ ތެރެއިން 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއް ވީނުވީއެއް ނޭނގި ގެއްލިފައިވުމަކީ ގާނޫނު އަސާސީއާ ގާނޫނުތަކުން ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތައް ތަންފީޒު ކުރެވެމުން ނުދާކަން ދައްކައިދޭ ކަމެއް ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ސަރުކާރު ހިންގާ ޕާޓީއާ ގުޅުނީ، ދިވެހިރާއްޖޭގެ އިގްތިސޯދީ ގޮތުން ތަރައްގީކޮށް އިޖުތިމާއީ ގޮތުން ދުޅަހެޔޮ ކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރާކަމަށް ހެޔޮހިތުން ގަބޫލުކޮށް، އެ މަސައްކަތައް ވާގިވެރިވުމުގެ މަގުސަދުގައެވެ. އެހެންނަމަވެސް ސަރުކާރުގެ ތެރޭގައި ރައްޔިތުންނަށް ސިހުން ލިބޭވަރުގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވަމުންދާއިރު، އެކަންކަމުގެ ތުހުމަތު ސަރުކާރުގެ އެކި ފަރާތްތަކަށް ނިސްބަތްވަމުންދާކަމީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާކަމެކެވެ." ޔާމީންގެ ބަޔާނުގައިވެއެވެ.
ޔާމީން ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ބޮޑު މިންވަރެއް ގެއްލިގެން ގޮސްފައިވާއިރު، އެ ފައިސާ އަނބުރާ ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ހަރުދަނާކުރުމަށް އެ ފައިސާއަށް ހަގީގަތުގައި ވެފައިވާ ގޮތް ގާތުން ބަލައި އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރުމަށް އޭނާ ނިންމާފައިވާ ކަމަށެވެ.
"މި މަސައްކަތައް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ އެހީތެރިކަން ހޯދުމަށް އަޅުގަނޑު އެ ބޭފުޅުންނާ ވާހަކަ ދައްކަވަމުން ގެންދާ ވާހަކަ ވެސް ދަންނަވަމެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރެވޭ ބަހުސްގެ ތެރެއިން މިކަމުގައި ހައްލެއް ހޯދުމަށާއި މުސްތަގުބަލުގައި މިފަދަ އިތުރު މައްސަލަތައް ކުރިމަތިނުވާނޭފަދަ ގޮތަކަށް ދައުލަތުގެ މުދަލާ ފައިސާ ރައްކާތެރިކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އަދި ރައްޔިތުންގެ ފައިސާއަށް އިހުމާލުވި ހަގީގީ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ ވެސް މި މަސައްކަތުން ހާސިލުކުރުމަށް ބޭނުންވާ ނަތީޖާއެކެވެ." ޔާމީން ވިދާޅުވިއެވެ.
މެންބަރު ޔާމީން ރަޝީދު ވަނީ، އެމްއެމްޕީއާރްސީއާ ގުޅޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ކުރެވޭއިރު އެ މައްސަލާގައި އޭސީސީގެ ތަހުގީގު ނިމުމުން ނޫނީ ދައުވާކުރުމާމެދު ގޮތެއް ނުނިންމުމަށް ޕްރޮސިކިއުޓާއިން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާފައެވެ.