ކަނޑުމަތީގެ ހާދިސާ

ގާފަރު މަސް ދޯންޏެއް ފަރަށް އަރައި ބިންދައިގެން ހިނގައްޖެ

ގާފަރު މަސް ދޯނި ހިމިތި ފަރުމަތީގައި -- ފޮޓޯ: ފީއަލި ކައުންސިލް
0%
0%
0%

ރިސޯޓެއް ހަދަން ދޫކޮށްފައިވާ ފ. ހިމިތީ ފަރަށް އެރި ގާފަރު މަސް ދޯންޏެއް ބިންދައިގެން ހިނގައްޖެ އެވެ.

ގާފަރު "ހުދަންބަރު 12" ނަމަކަށް ކިޔާ ދޯނި ފަރަށް އަރާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

އެވަގުތު ދޯނީގައި ބިދޭސީންނާ އެކު ޖުމްލަ 12 މީހަކު ތިބިއިރު 10 ޓަނު މަސް ހުރި ކަމަށް ހިމިތީއާ އެންމެ ގާތުގައި އޮންނަ ފީއަލި ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފީއަލި ކައުންސިލްގެ ރައީސް މޫސާ އަހްމަދު ވިދާޅުވީ 89 ފޫޓުގެ މަސް ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ކައުންސިލަށް ލިބުމާ އެކު ފީއަލީގެ ދެ ދޯންޏެއް އެ ސަރަހައްދަށް ގޮސް ހުދަންބަރު ދޯންޏަށް އެހީވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިވަގުތު ސިފައިން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން މިހާރު އެބަދޭ،" މޫސަ ވިދާޅުވި އެވެ.

ގާފަރު މަސް ދޯނި ހިމިތި ފަރުމަތީގައި -- ފޮޓޯ: ފީއަލި ކައުންސިލް

ފީއަލީގެ ބައެއް މީހުންގެ ފަރާތުން އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ފަރަށް އަރާފައިވަނީ ދޯނީގެ ކެޔޮޅު ނަމާދުކޮށްލުމަށްޓަކައި ބިދޭސީއަކަށް ހުންގާނު ދީފައި ދިޔަ ވަގުތެއްގަ އެވެ.

ދޯނި ފަރަށް އެރުމާ ގުޅިގެން ދޯނީގެ މެދުން ބިންދައިގެން ގޮސް އެއްބައި އަޑިއަށް ގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް ރަސްމީ އިދާރާ އަކުން މިކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ދެ މީހަކަށް ކުދި އަނިޔާވެފައިވާ ކަމަށް ފީއަލި ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345