ފުލުހުންގެ ޑީއެންއޭ ލެބޯޓްރީން މައިޓްރޮ ކޮންޓްރިއަލް ޑީއެންއޭގެ ހިދުމަތް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ. މި ހިދުމަތާ ބެހޭ ޓްރެއިނިން ޕްރޮގްރާމެއް މިހާރު ވަނީ ފަށާފައެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ހަފުތާއަކަށް ކުރިއަށްދާ ތަމްރީން ޕްރޮގްރާމުގައި ޑީއެންއޭ ލެބޯޓްރީގައި މަސައްކަތްކުރާ އަށް މުވައްޒަފަކު ބައިވެރިވެއެވެ. މި ތަމްރީން ޕްރޮގްރާމަކީ ފޮރެންސިކް ސާވިސަށް ޑައިރެކްޓްރޭޓްގެ ޑީއެންއޭ ލެބޯޓްރީން މިހާރު ޑީއެންއޭ އަނަލިސިސް ހަދަން ބޭނުންކުރާ ކޮންވެންޝަނަލް އެސްޓީއާރް މެތަޑްގެ އިތުރުން މައިޓްރޮ ކޮންޑްރިއަލް ޑީއެންއޭ ޕްރޮފައިލިންގެ ހިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ލެބޯޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމާގުޅޭ ތަމްރީން ދިނުމަށްޓަކައިި ހިންގާ ޕްރޮގްރާމެކެވެ.
މީގެއިތުރުން މި ތަމްރީން ޕްރޮގްރާމަކީ ފުލުހުންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަރުދަނާ ގޮތެއްގައި ކުށުގެ ވެށި ތަހުގީގު ކުރުމާއި ކުށުގެ އަމަލު ހިންގާ މީހުން ހޯދައި ތަހުގީގުކުރުމަށް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފޮރެންސިކް ޑައިރެކްޓްރޭޓްގެ ހިދުމަތްތައް ތަރައްގީކުރުމުގެ ގޮތުން ހިންގާ ތަމްރީން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ ރޯޔަލް ތައި ޕޮލިސްގެ އިންސްޓިޓިއުޓް އޮފް ފޮރެންސިކް މެޑިސިންގެ ތަޖުރިބާކާރެކެވެ.
ތަމްރީން ޕްރޮގްރާމުގެ ސަބަބުން ޑީއެންއޭ ލެބޯޓްރީގައި ދެމުންދާ ޑީއެންއޭ ޕްރޮފައިލިންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބި، މިހާރު ޑީއެންއޭ ލެބޯޓްރީގައި ޑީއެންއޭ އެނަލިސިސް ހަދަން ބޭނުންކުރާ ކޮންވެންޝަނަލް އެސްޓީއާރު މެތަޑްގެ އިތުރުން މައިޓްރޮ ކޮންޑްރިއަލް ޑީއެންއޭ ޕްރޮފައިލިން ހިދުމަތް ފެށިގެން ދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެކުރިން މައިޓްރޮ ކޮންޑްރިއަލް ޑީއެންއޭ ހެދުމަށް ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ކުރަމުން އައި ތަހުލީލުތަކަށް ނިމުމެއް އައިސް މި ތަހުލީލުތައް ފުލުހުންގެ ޑީއެންއޭ ލެބޯޓްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މައިޓްރޮ ކޮންޑްރިއަލް ޑީއޭންއޭގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގެނަމުގެ މަސައްކަތާއި އެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރަމުންނެވެ.