މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތްތަކަކާ ގުޅޭގޮތުން ސުވާލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އިމްރާން މިއަދު ކޮމިޓީއަށް ހާޒިރުކުރީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ހަދަންޖެހޭ ގަވައިދުތަކެއް ހަދާފައި ނުވާތީ އެެވެ.
ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެެވެ. ހުށަހެޅުމަށް ޕީޕީއެމްގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ތާއީދުކުރައްވާ އަދި އެކަމަށް މެންބަރުންގެ އަގުލަބިއްޔަތު ލިބުމުން ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.
ފުލުހުންނާ ގުޅޭ ގަވައިދުތަކެއް ނިންމާފައި ނުވާތީ ކޮމިޓީގެ ކުރީގެ ބައްދަލުވުމަކަށް ޕޮލިސް ބޯޑު ވެސް ހާޒިރުކޮށްފައިވެ އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު އެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ.
ގާނޫނުގައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭ އެތައް ގަވައިދެއް ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ތެރޭގައި އެކުލަވާލާ ގެޒެޓް ކުރަން ބުނެފައިވެ އެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ ލަފާގެ މަތިން ގަވައިދުތައް ހަދަންޖެހެނީ ހޯމް މިނިސްޓަރެވެ. ގިނަ ގަވައިދުތައް ނިންމާފައިވީ ނަމަވެސް އަދިވެސް ނުނިމޭ ބައެއް ގަވައިދުތައް އެބަހުއްޓެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރުމާ ގުޅިގެން ކޮމިޓީގައި ހިނގާދިޔަ އެއްވެސް ކަމެއް ސާފުވާ ގޮތެއް ނުވި އެެވެ.