ކުޅިވަރު

ރާއްޖޭން ފުރަތަމަ ފަހަރަށް ބްރޫނާއީ ބަލިކޮށްފި

ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމުން ފުރަތަމަ ފަހަރަށް ބްރޫނާއީގެ ފުޓްބޯޅަ ޓީމު ބަލިކޮށްފި އެވެ.

ބްރޫނާއީގެ ސުލްތާން ހަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި މިއަދު މެންދުރުފަހު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ.

މެޗަށް ނުކުތްއިރު ބްރޫނާއީ އޮތީ އެންމެ ފަހުން ނެރުނު ރޭންކިންގެ 190 ވަނައިގަ އެވެ. ރާއްޖެ އޮތީ 156 ވަނައިގަ އެވެ.

ބްރޫނާއީއާ ރާއްޖެ މީގެކުރިން ވާދަކުރީ 2003 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފީފާގެ ކަލަންޑަރާ އެއްގޮތަށް ރޭވި އެކުވެރިކަމުގެ ދެ މެޗަށް އަލަށް ނެގި ހަތަރު ކުޅުންތެރިންގެ ތެރެއިން އަހުނަފް ރަޝީދު (އަހުއްކޮ) އަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ. އެކަމަކު އޭނާއަށް އަނިޔާވުމުން ފުރަތަމަ ހާފުގައި ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގައި ރާއްޖޭގެ ފުރަތަމަ ގޯލު 35 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އޭރިޔާ ތެރެއިން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ދިން ބޯޅަ ހޯދުމަށްފަހު އިއްބެ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލަށް ބޯޅަ ވައްދާލާފަ އެވެ.

ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރަން ބްރޫނާއީއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ރާމްލީ ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ މާމަތިން ބޭރަށެވެ. މިއީ ރާއްޖޭގެ ޑިފެންޑަރު ހައިޝަމް ހަސަން ބްރޫނާއީގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެކަމަކު ވީޑިއޯ ރީޕްލޭ އިން ފެނުނު ގޮތުގައި ހައިޝަމް ފައުލް ކުރީ އޭރިއާގެ ބޭރުންނެވެ. ޕެނަލްޓީ ދިނުމުން ރާއްޖޭން އެކަމަށް އެޕީލް ވެސް ކުރި އެވެ. އެކަމަކު ފައުލްއާ ގުޅިގެން ހައިޝަމް އަށް ރީނދޫ ކާޑެއް ދެއްކުމަށް ފަހު ރެފްރީގެ ނިންމުން ދެމެހެއްޓީ އެވެ.

ރާއްޖޭގެ ދެވަނަ ގޯލު 73 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭރިއާގެ ބޭރުން ހަމްޕު ފޮނުވާލި ހިލޭޖެހުން ވަނީ ގޯލުގެ މަތީ ކަނަށެވެ. ރާއްޖޭގެ ފަހު ގޯލު އިތުރު ވަގުތުގައި ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ހަންނަ އަށް ލިބުނު ބޯޅަ ބްރޫނާއީގެ ކުޅުންތެރިޔާ ކައިރިން ކަޓުވާލުމަށްފަހު ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ.

މިއަދުގެ މެޗަކީ މިއަހަރު ރާއްޖޭން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. މިއަހަރުގެ ކުރީކޮޅު މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވީ 0-2 އިންނެވެ.

އެކުވެރިކަމުގެ ދެވަނަ މެޗުގައި މި ހަފްތާ ރާއްޖެ ނުކުންނާނީ ލާއޯސްއާ ދެކޮޅަށެވެ.