ގްރީން ޓެކްސް

ގްރީން ޓެކްސް އަލުން ނަގަން ފަށައިފި

Sep 21, 2022

ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހަކާ ގުޅިގެން ޖުލައި މަހު ގްރީން ޓެކްސް ނެގުން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް އަލުން ގްރީން ޓެކްސް ނަގަން ފަށައިފި އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރަނގަޅު އާމްދަނީއެއް ލިބެމުން ދަނިކޮށް ޓޫރިޒަމް ގާނޫނަށް ޖުލައި މަހުގެ ތެރޭގައި އިހްމާލެއްގެ ތެރެއިން ގެނެވުނު އިސްލާހަކާ ގުޅިގެން މިއަދާ ހަމައަށް ގްރީން ޓެކްސް ނެގުން އޮތީ ސުވާލު އުފެދި، ޒާތަކަށް ހުއްޓިފަ އެވެ.

ސަރުކާރުން ގްރީން ޓެކްސްގެ ރޭޓު މުރާޖައާ ކުރަން ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅުމުން މަޖިލީހުން އެ އިސްލާހު ޖުލައި މަހުގެ ތެރޭގައި ފާސްކުރީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސް ނެގޭ ގޮތަށެވެ.

ސަރުކާރުން ހެދި ގޯސް އިސްލާހުކޮށް އަލުން ގްރީން ޓެކްސް ނަގަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހެޅީ މިމަހު އެވެ. މިއިސްލާހު މަޖިލީހުން ފާސްކުރީ މިއަދު އެވެ.

އިސްލާހު ފާސްކުރިތާ މާގިނައިރު ތަކެއް ނުވަނީސް ރައީސް ސޯލިހް ވަނީ ގްރީން ޓެކްސް ނެގޭ ގޮތަށް އޮތް ޓޫރިޒަމް ގާނޫނުގެ 12 އިސްލާހު މިއަދު ތަސްދީގު ކުރައްވާފަ އެވެ. އިސްލާހު އޮތް ގޮތުން އެ އިސްލާހު ތަސްދީގު ކުރައްވައި ގެޒެޓް ކުރުމާ އެކު ގްރީން ޓެކްސް ނެގޭނެ އެެވެ.

މަޖިލީހުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އިސްލާހަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާނަމަ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވެސް ޖެހެ އެވެ.

ގާނޫނުގައި ބުނާ ބައެއްގެ އަތުން ފިޔަވައި އެހެން ބައެއް އަތުން ގްރީން ޓެކްސް ނަގާފައިވާނަމަ ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާ އޮތް ނަމަ އެ ބަޔަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމުގައިވެސް ބުނެފައިވެ އެވެ.

ޖުލައި މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 61 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.