ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބާއި އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓްތައް ފްރީޒް ކޮށްފި

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އޭނާގެ އާއިލާގެ ބައެއް މީހުންގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް ފްރީޒް ކޮށްފައިވަނީ އެ އާއިލާގެ ކޮން ބައެއްގެ އެކައުންޓްތަކެއްކަމެއް މިނިސްޓަރ ވިދާޅެއްނުވެއެވެ. އެނގިފައިވާ ގޮތުން ފްރީޒްކޮށްފައި ވަނީ އަދީބްގެ އެކައުންޓާއި އޭނާގެ ދެ އަނބިކަނބަލުންގެ އެކައުންޓެވެ. މީގެ އިތުރުން އަދީބުގެ މަންމަ އާއި ބައްޕަގެ އެކައުންޓްތައް ވެސް ފްރީޒް ކޮށްފައިވާ ކަމަށް ވެއެވެ.

ރައީސް އަބްދުﷲ ޔާމީން ދަރިތުފުޅުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލިކަމުގެ ތުހުމަތުގައި އަދީބު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައީ މިދިޔަ އޮޓޫބަރު މަހުގެ ތެރޭގަ އެވެ.

މިހާތަނަށް ފަސް ފަހަރެއްގެ މަތިން އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވާއިރު މުއްދަތުގެ މަޖިލިސް ކުރިޔަށް ގެންދަވާފައިވަނީ ދޫނިދުއާއި ކްރިމިނަލްކޯޓާ ދެމެދު ވީޑިއޯ ކޮންފްރެންސް މެދުވެރިކޮށެވެ. ނަމަވެސް އޭނާގެ މައްޗަށް ހިންގަން ފެށީ ޝަރީއަތަށް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ރިޔާސީ ލޯންޗުގައި ބޮމެއް ގޮއްވާލުމުގެ އިތުރަށް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލު ހިންގުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތު އަދީބަށް ކުރެވެއެވެ.