ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ތިލަދުންމަތީގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ރައީސްގެ އެ ދަތުރުފުޅުގައި ހދ. ނައިވާދޫ، ހދ. ފިނޭ، ހއ. ދިއްދޫ އަދި ހއ. އުތީމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.

"ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާ ރަށްރަށުގެ ހާލަތު ބައްލަވާލައްވާނެ،" މިއުވާން ވިދާޅުވި އެވެ.

ރައީސް ސޯލިހް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއުވާން އިތުރަށް ވިދާޅުވި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި ރަށްރަށުގެ ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރައްވާނެ އެވެ. މީގެއިތުރުން އެ ސަރަހައްދުގައި ކާމިޔާބު ކަމާއެކު ކުރިއަށްދާ އާރްޓީއެލް ފެރީ ނިޒާމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލައްވާނެ ކަމަށްވެސް ވިދާޅުވި އެެވެ.

ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް ސަރުކާރުން ގެންނަމުންދާކަން ވެސް މިއުވާން ފާހަގަކުރެއްވި އެވެ. އެގޮތުން ބޮޑު ތިލަންދުންމަތީގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ޖޫނިއާ ކޮލެޖާއި ރަށްރަށުގެ ފެނާއި ނަރުދަމާ މަޝްރޫއުތައް ހިމެނޭ ކަމުގައި ވިދާޅުވި އެވެ.