ރައީސް އޮފީސް

އަހަރު ނިމޭއިރު އަންދާޒާކުރި އަދަދު އެސްޑީއެފްގައި ހުންނާނެ: މިއުވާން

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކުރި އަދަދު ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެސްޑީއެފް އެއްކޮށް ހުސްވެއްޖެ ކަމުގެ އަޑުތައް ފެތުރިފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަންޑުން ފައިސާތަކެއް ގެއްލުނީ ނޫން ކަމަށާއި ފަންޑްގައި ހުންނަ ފައިސާއަކީ އިންވެސްޓް ކުރަމުންދާ ފައިސާ ކަމަށެވެ.

"ބަޖެޓު އެކުލަވާލިއިރު އޮންނާނެ އޭގައި ބަޔާންކޮށްފަ މި އަހަރު ނިމޭއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގައި އޮންނާނެ ކަމަށް ދައުލަތުން ލަފާކުރާ އަދަދު. އަހަރު ނިމޭއިރު އެވަރު ހުންނާނެ" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަންޑްގެ އަދަދުތަކަށް އަހަރުގެ ތެރޭގައި މަދުވުމާއި ގިނަވުން އަންނާނެ ކަމަށެވެ.

މި އަހަރު އެސްޑީއެފް ފަންޑަށް 769.2 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ބަޖެޓުގައި ޖަހާފައިވެ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފަންޑަށް ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.