ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދަތުރުފުޅަށް ހަރަދުކުރަނީ ބަޖެޓް ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުތަކަކީ ބަޖެޓްގައި ހިމަނައިގެން ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ ދަތުރުފުޅުތައް ކުރިއަށްދަނީ އަހަރު ފެށޭއިރު ފާސްކޮށްފައި އޮންނަ ދައުލަތުގެ ބަޖެޓުގެ ތެރެއިން ކަމަށާއި ބަޖެޓުގެ ބޭރުން އެއްވެސް ދަތުރުފުޅެއް ނުކުރައްވާ ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމަށާއި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ގިނަ ދަތުރުފުޅުތަކެއް ކުަރައްވަން ޖެހިވަޑައިގަންނަވަ އެވެ.

އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރަށްވެސް ވަޑައިގަންނަވަން ޖެހޭ ކަމަށާއި މީގެތެރޭގައި އެކި ގައުމުތަކުން ދައުވަތު އަރުވައިގެން ކުރައްވާ ދަތުރުފުޅުތައް ހިމެނޭ ކަމަށްވެސް މިއުވާން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ދަތުރުފުޅު ކުރައްވާއިރު ހަރަދުތަކެއް ހިނގާނެކަން ގަބޫލުކުރަން ޖެހޭ ކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ރައީސް އަރިހުގައި އެކިއެކި ބޭފުޅުންނާއި ސެކިއުރިޓީ ބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ.

"ހަރަދުތަކެއް ހިނގާނެ. އެހެންނަމަވެސް މި ހަރަދުތަކަކީ ބަޖެޓް ކުރެވިގެން ކުރިއަށްދާ ދަތުރުތަކެއް. ސަަރުކާރުގެ ދަތުރުކުރުމުގެ ބަޖެޓުގެ ބޭރުން ދަތުރުތަކެއް ނުކުރައްވާނެ" މިއުވާން ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިއުވާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުންނެވިއިރު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ އަދަދު ވެސް ހާމަކުރައްވާފަ އެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިންގަޕޫރަށް ނުވަ ދަތުރުފުޅު، ސައުދީ އަރަބިއްޔާއަށް ހަ ދަތުރުފުޅު، މެލޭޝިއާއަށް ހަތަރު ދަތުރުފުޅު ކުރެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ. ޗައިނާ އާއި އިންޑިއާއަށް ކޮންމެ ގައުމަކަށް ތިން ފަހަރު ދަތުރުފުޅު ކުރެއްވިއިރު ސްރީލަންކާ، ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ދުބާއީ މިއިން ކޮންމެ ގައުމަކަށް އެއް ދަތުރުފުޅު ކުރެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ.