ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް"ގެ ރަށްތައް އިއުލާންކޮށްފި

Sep 22, 2022

ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ ޖޫން މަހު އިފްތިތާހު ކުރި ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާންކޮށްފި އެވެ.

މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އިފްތިތާހު ކުރި ޕްރޮޖެކްޓެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި ތައާރަފްކުރި ބީއެމްއެލް ފެހި ޕްރޮޖެކްޓް ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ހިންގުމަށް ބީއެމްއެލް އިން ނިންމާފައިވެ އެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން މިއަހަރު ހޮވުނު ފަސް ރަށަކީ ނ. މާފަރު، ޅ. ހިންނަވަރު، މ. ދިއްގަރު، ތ. ގުރައިދޫ އަދި ގދ. ގައްދޫ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހޮވުނު ރަށްތަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ނިންމާފައިވެ އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ އެވެ. މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި، ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ދަށްކުރުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ބީއެމްއެލް އިން ދެކެ އެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.