ކްރިމިނަލް ކޯޓް

އަލަމްގީރްގެ މައްޗަށް އުފުލާފައިވާ 40 ދައުވާގެ ޝަރީއަތް ހޮނިހިރު ދުވަހު

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރްގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާގެ ޝަރީއަތް ހޮނިހިރު ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަތައް ތާވަލުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މި މައްސަލަތަކުގައި އަލަމްގިރްގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އަލަމްގިރް މިހާރު ވެސް ގެންދަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. މިއީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާއަށް އިއުތިރާފްވެ ތަންފީޒުކުރަމުންދާ ހުކުމެކެވެ.

އަލަމްގިރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ވަނީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ސާބިތުވެފަ އެވެ.

އެ މައްސަލައިގައި ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ހުކުމްކޮށްފަ އެވެ.

ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ އެއް އަހަރާޢި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. ނަމަވެސް މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ހުރުމާއި ގުޅިގެން ހުކުމުން ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާޢި އެއް މަހާއި 28 ދުވަހެވެ.