ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދައުވާ އެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ދައުލަތުން ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި ދެ ޝަރީއަތުގައި ވަނީ ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގާފަ އެވެ.
އެގޮތުން ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.
ޝަރީއަތުގައި ހެކިބަސް ދެއްވަމުން މުހައްމަދު އިސްލާއީލް ވިދާޅުވީ ބޭންކް ރޭޓުގައި ޑޮލަރު ގަންނާނެ މީހަކު ހޯދުމަށް ރައީސް ޔާމީން އެދިވަޑައިގަތުމާ ގުޅިގެން ޔޫސުފް ނައީމަށް ގުޅުއްވައި އޭނާ އެކަމަށް އެއްބަސްވުމުން ރައީސް ޔާމީނަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. ހެކިބަސް ދެއްވަމުން ނަރީޝް ވަނީ އެއްމިލިއަން ޑޮލަރަށްވާ އަދަދަށް ދިވެހި ރުފިޔާ ޔޫސުފް ނައީމަށް ގެންގޮސްދިން ކަމަށް ވިދާޅުވެފަ އެވެ.
ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ނެގުން ކުރިއަށް ގެންގޮސްފައިވަނީ އެއް ދުވަހު އެވެ.