ބޮލީވުޑް

"ޑަަބަލް އެކްސްއެލް" ފަލަ މީހުންނަށް ހާއްސަ

ސޮނާކްޝީ ސިންހާ އާއި ހުމާ ގުރޭޝީގެ އާ ފިލްމު "ޑަބަލް އެކްސްއެލް"ގެ ޓީޒާ އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ.

މި ފިލްމުގައި ސޮނާކްޝީ އާއި ހުމާ ކުޅެނީ ބަރުދަން އިތުރަސް އެމީހުންގެ ހަށީގަނޑު ހުރި ގޮތާ މެދު ހިތްހަމަޖެހިގެން އުޅޭ ދެ އަންހެނެއްގެ ރޯލެވެ.

މިއީ ފަލަ މީހުންނަށް މުޖުތަމައުގައި ކުރިމަތިވާ މަލާމާތާއި ފުރައްސާރައަށް އެމީހުން ވަރަށް ހެއްވާ މަޖާކޮށް އަދި އެހާމެ ފުރިހަމައަށް ޖަވާބު ދީފައިވާ ފިލްމެކެވެ.

ޓީޒާގައި ސޮނާކްޝީ ސުވާލުކުރަނީ ފިރިހެނުން ފަލަވިޔަސް މަލާމާތްނުކޮށް އަންހެނަކު ފަލަވެއްޖެނަމަ މަލާމާތްކުރަނީ ކީއްވެތޯ އެވެ.

މި "ކޮމެޑީ-ޑްރާމާ ކުޅެން ވެގެން ސޮނާކްޝީ އާއި ހުމާވެސް ވަނީ ގަސްތުގައި ބަރުދަން އިތުރުކޮށްފަ އެވެ. ދެ ބަތަލާ އިން ވެސް މިހާރު ތިބެނީ ވަރަށް ލޫޅާފަތިކޮށް ކަމަށް ވާތީ އެމީހުން ފަލަވެގެން ނޫނީ އެމީހުން ކުޅޭ ކެރެކްޓާ އަށް ފިޓްނުވާނެތީ އެވެ.

މި ފިލްމުގެ ބަތަލަކީ ސޮނާކްޝީގެ އަސްލު ލޯބިވެރިޔާ ކަމަށް ބުނާ ޒަހީރް އިގްބާލް އެވެ.

އޮކްޓޯބަރު 14 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ބޫޝަން ކުމާރާއި ކްރިޝަން ކުމާރު، ވިޕުލް ޑީ ޝާހް، ރާޖޭޝް ބާލް، އަޝްވިން ވަރްޑޭ، ސާގިބް ސަލީމް، ހުމާ ގުރޭޝީ އަދި މުދައްސަރު އަޒީޒެވެ.