ބޮލީވުޑް

ސޮނާކްޝީ އާ ވައްތަރުވުމީ އަޖައިބު އިއްތިފާގެއް: ރީނާ ރޯއީ

ރީނާ ރޯއީ އަކީ 1970ގެ އަހަރުތަކުގައި ވަރަށް ވިދާލި ބަތަލާ އެކެވެ. ރީނާގެ އެންމެ ރަން ޒަމާނުގައި އޭނާ އާއެކު އޭރު ފިލްމު ކުޅުނު ޝަތުރޫގަން ސިންހާ އާ ރައްޓެހިވެގެން ވަރަށް ގިނަ ދުވަސްތަކަކު އުޅެފައި ވެއެވެ. އެ ދެ މީހުންގެ ލޯތްބަށް ނިމުން އައީ ޝަތުރޫގެ އަނބިމީހާ ޕޫނަމް ސިންހާގެ ވަރަށް މަސައްކަތުންނެވެ.

އޭގެ ފަހުން އެތައް އަހަރެއް ފާއިތުވީ އިރުވެސް ރީނާ އާއި ޝަތުރޫގެ ލޯބީގެ މަތިން ގިނަ ބަޔަކު ހަނދާން ހުރެ އެވެ. އަދި ޝަތުރޫގަން ސިންހާ އާއި ޕޫނަމް އަށް ލިބުނު އަންހެން ދަރިފުޅު ސޮނާކްޝީ ސިންހާ އާއި ރީނާ ރޯއީ ވައްތަރު ކަމުން އަނެއްކާވެސް އެ ލޯބި ގިނަ ބަޔެއްގެ ހަނދާނަށް އަންނަން މެދުވެރިވި އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ސޮނާކްޝީ އާއި ރީނާ ވަރަށް ވައްތަރެވެ. ސޮނާކްޝީ ހީވަނީ ހަމަ ރީނާގެ އުފަން ދަރިއެއް ހެންނެވެ. އަދި ސޮނާކްޝީ އަކީ ރީނާ އާއި ޝަތުރޫގެ ދަރިއެއް ކަމަށް ވެސް މަދު ބަޔަކު ގަބޫލު ކުރެ އެވެ.

މިހާތަނަށް މި ކަމާ ގުޅޭ ގޮތުން ރީނާ އެއްވެސް އެއްޗެކޭ ނުބުނެ ހުރެފައި ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި މި ވާހަކައަށް ވެސް ޖަވާބު ދިނެވެ.

ފަސްޓްޕޯސްޓް އަށް ދިން އިންޓަވިއު އެއްގައި ރީނާ، 66. ބުނީ އޭނާ އާއި ސޮނާކްޝީ އާ ވައްތަރުވުމަކީ ވަރަށް އަޖައިބު އިއްތިފާގެއް ކަމަށެވެ. މިސާލަކަށް އޭނާ ނެގީ ޖީތެންދުރަގެ މަންމަ އާއި ޚުދް އޭނާގެ މަންމަ އެވެ. އެ ދެ މީހުން ވައްތަރުކަމުން ހީވަނީ ހަމަ އެއްމާބަނޑު ދެބެން ހެން ކަމަށް ރީނާ ބުންޏެވެ.

ފިލްމު ޕްރޮޑިއުސަރު ޕެހެލަޖް ނިހަލާނީ ލިޔެފައިވާ ޝަތުރޫގަން ސިންހާގެ ހަޔާތުގެ ވާހަކަ ލިޔެފައިވާ މެމޮއާގައި ރީނާ އާއި ޝަތުރޫގެ ލޯބީގެ ވާހަކައަށް އަލި އަޅުވާލާފައި ވެއެވެ. އެ ފޮތުގައިވާ ގޮތުން އެ ދެ މީހުންގެ ލޯތްބަށް ނިމުން އައީ ރީނާ އާ ކައިވެނިކުރަން އޭނާ ޝަތުރޫ އަށް މަޖްބޫރުކުރަން ފެށުމުންނެވެ. އަދި އެންމެ އަށް ދުވަހުގެ ތެރޭގައި ކައިވެނި ނުކޮށްފިނަމަ އެހެން މީހަކާ ކައިވެނިކުރާނެ ކަމަށް ޝަތުރޫ އަށް ރީނާ އެންގި ކަމަށް ވެއެވެ. އޭރު ވެސް ޝަތުރޫ އުޅެނީ ޕޫނަމް އާ ކައިވެނިކޮށްގެންނެވެ. އެހެންވެ ކިތަންމެ ލޯބިވިޔަސް ރީނާ އާއި އޭނާއަށް ކައިވެނި ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ޕެހެލަޖްގެ ފޮތުގައިވާ ގޮތުން އޭނާ އުފެއްދި "ހަތުކަޅީ"ގައި ލީޑް ރޯލު ކުޅެން އޭނާ ބޭނުންވީ ޝަތުރޫގަން ސިންހާ އާއި ރީނާ ރޯއީ އަދި ސަންޖީވް ކުމާރެވެ. ނަމަވެސް ރީނާ އެ ފިލްމު ކުޅެން ދެކޮޅު ހެދި އެވެ. ރީނާ ބުނީ އޭނާ އެ ފިލްމު ކުޅެން އެއްބަސްވާނީ ޝަތުރޫގަން ސިންހާ އޭނާ އާ ކައިވެނިކުރަން އެއްބަސްވަންޏާ އެވެ. އަށް ދުވަސް ތެރޭ ކައިވެނި ނުކޮށްފިނަމަ އެހެން މީހަކާ ކައިވެނި ކުރާނެ ކަމަށެވެ.

ޕެހެލަޖް އެ ވާހަކަ ޝަތުރޫގަން ސިންހާ ކައިރީ ބުނުމުން އޭނާ ދެރަވެގެން ގޮސް ލޮލުން ކަރުނަ އައިތަން ފެނުނުކަމަށް މި ފޮތުގައި ވެއެވެ.

"އެ ދުވަހު އޭނާ ރީނާ އަށް ގުޅައިގެން ތުއްތު ކުއްޖެއް ރޯހެން ވަރަށް ގިނައިރުވަންދެން ރުއި. އެހާ ވެސް ބޮޑަށް ރީނާ ދެކެ އޭނާ ލޯބިވި،" ޝަތުރޫގަން ސިންހާގެ މެމޮއާގައި ޕެހެލަޖް ލިޔެފައި ވެއެވެ.

ޕެހެލަޖް ބުނި ގޮތުގައި އެނޫނީ ދުވަހަކުވެސް ޝަތުރޫގަން ސިންހާ ރޮނިކޮށް އޭނާއެއް ނުދެކެ އެވެ. ރީނާ އެހެން މީހަކާ ކައިވެނިކުރަން ދިޔަ ދޭން އެ ދުވަހު ޝަތުރޫގަން ސިންހާ އަށް އޭނާ މަޝްވަރާ ދިން ކަމަށް ވެސް ޕެހެލަޖް ލިޔެފައި ވެއެވެ.

ރީނާ ކައިވެނިކުރީ އޭރު ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމަށް ކުޅުނު ވަރަށް މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ މުހްސިން ޚާން އާ އެވެ. އަދި ކައިވެންޏަށްފަހު ބޮލީވުޑަށް އަލްވަދާއު ކިޔައި މުހްސިން އާއެކު ޕާކިސްތާނަށް ދިރިއުޅުން ބަދަލުކުރި އެވެ.

މުހްސިން އާއި ރީނާ އާއި އަންހެންދަރިއަކު ލިބުނު ފަހުން ދެ މީހުން ވަރިވެ ރީނާ އެނބުރި އިންޑިޔާ އަށް އައިސް ފަހުން ދިރިއުޅެމުން ދިޔައީ އިންޑިޔާ ގައެވެ. ނަމަވެސް ވިދާ ބަބުޅާ ފިލްމީ ދުނިޔެއާ ދުރުގަ އެވެ. އަދި އޭނާގެ ދަރިފުޅު ސަނަމް ޚާން ވެސް ފިލްމީ މަސައްކަތް ކުރާތީ އެއް ނުފެނެ އެވެ.

ރީނާގެ މިފަހަރުގެ އިންޓަވިއުގައި އަލުން ފިލްމު ކުޅެން ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. އަދި އޭނާއަށް ލިބޭ ފިލްމު ކުޅުމުގެ ފުރުސަތުތަކަށް ވިސްނައި ރޯލުތައް ގަބޫލުކުރާނެ ކަމަށް ބުންޏެވެ.