އެމްއެންޕީ ކޮންގްރެސް 2022

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފަށައިފި

Sep 23, 2022

ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ސިޔާސީ ޕާޓީ -- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ކޮންގްރެސް ފަށައިފި އެވެ.

އެމްއެންޕީގެ ކޮންގްރެސް މިރޭ ތާޖުއްދީން ސްކޫލުގައި ފައްޓަވައިދެއްވީ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު އެވެ.

ކޮންގްރެސް ހުޅުއްވައިދެއްވުމަށްފަހު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނާޒިމާއި ޕާޓީގެ އިސް ބޭފުޅުން ވާހަކަދައްކަވާފައިވެ އެވެ. މިރޭ މައިގަނޑު ގޮތެއްގައި އޮތީވެސް ކޮންގްރެސް ފެށުމުގެ ގޮތުން އެމްއެންޕީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވުމެވެ.

އެމްއެންޕީގެ ކޮންގްރެސް މިރޭ ރަސްމީކޮށް އިފްތިތާހު ކުރި ނަމަވެސް ކޮންގްރެސްގެ މައިގަނޑު މަސައްކަތްތައް ކުރިއަށްދާނީ މާދަމާ ހެނދުނާއި މެންދުރުފަހު އަދި ހަވީރު އެވެ. މާދަމާ އޮންނަ ދަންފަޅިތަކުގައި އެމްއެންޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމާއެކު އެމްއެންޕީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ބައެއް މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުންވެސް ކުރިއަށްދާނެ އެވެ.

"ދަ ނެޝަނަލް ކޮންވެންޝަން 2022"ގައި ނަމުގައި ކުރިއަށްދާ ކޮންގްރެސް، ރަސްމީކޮށް ނިންމާލުމަށް ހަމަޖައްސާފައިވަނީ މާދަމާ ރެ އެވެ.

އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ނާއިބު ރައީސުން ބައިވެރިވެ އެވެ. އަދި ގައުމީ ހިންގާ ކައުންސިލް މެންބަރުންނާއި ޕާލިމެންޓަރީ ގުރޫޕްގެ މެންބަރުންގެ އިތުރުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންްގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ މެންބަރުން ވެސް ކޮންގްރެސްގައި ބައިވެރިވެ އެވެ.