މޯލްޑިވްސް ނޭޝަނަލް ޕާޓީ

ބޯހިޔާވަހިކަން ހައްލުކުރަން ސަރުކާރުތަކުން މަސައްކަތް ނުކުރޭ: ނާޒިމު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ރާއްޖޭގައި ވެރިކަން ކުރި ސަރުކާރުތަކުން މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި މިރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަމަށް ހައްލު ނުގެނެވުމުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ އެތައް މައްސަލައެއް ގައުމުގައި އުފެދިގެން ގޮސްފައިވާ ކަމަށެވެ.

"[ބޯހިޔާވަހިކަން] މި މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބަދަލުގައި މިހާތަނަށް މަސައްކަތް ކުރެވިފައިވަނީ ވަގުތީ ސިޔާސީ މަންފާ އިސްކޮށް މިކަމަށް ފުރިހަމަ ހައްލެއް ނުހޯދޭނެ ގޮތަށް،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި -- އާރްސީސީ ހިންގުމުގައިވެސް އިސްކޮށް ހުންނެވި ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ސިޔާސަތު ބައްޓަންކުރާނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދޭ ގޮތަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް އިންތިޒާމު ކުރަމުންދާ ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެ މައުލޫމާތު ވަރަށް އަވަހަށް އެމްއެންޕީން ހާމަކުރާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ގެނެވޭ ހައްލަކީ ހަމައެކަނި މާލޭ ރައްޔިތުންނަށް ހާއްސަކޮށް ގެނެވޭ ހައްލަކަށް ވެގެން ނުވާނެ ކަމުގައިވެސް ނާޒިމު ވިދާޅުވި އެވެ. ރަށްވެހިކަމަކީ ވަޒީރުކަން ލިބުމުން ހިތުހުރި ގޮތަކަށް ބޭނުންއިރަކު ބަދަލުކުރެވޭ ސިޔާސަތަކަށް ހަދައިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ފުދުންތެރިކަން އިތުރުކުރަން އެކަށީގެންވާ ގޮތްތަކެއް ނެތުމަކީވެސް ދިވެހިންނަށް މިއަދު ދިމާވެފައި އޮތް ބޮޑު މައްސަލައެއް. އާމްދަނީ ހޯދޭނެ އެކަށީގެންވާ ގޮތްތަކެއް ނެތް،" ނާޒިމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގިނަ ރަށްރަަށަށް ތަރައްގީ ގެނެވިފައި ނުވާ ކަމަށާއި ސިޓީ ތަކުގައިވެސް އަޅުވާލެވިފައިވަނީ ނަން ބޯޑް އެކަނި ކަމަށެވެ. ތަރައްގީ ގެންނަން މަސައްކަތްކުރަނީ ވެރިރަށް މާލެއަށް އެކަނި ކަމަށް ވިދާޅުވެ ނާޒިމް ވިދާޅުވީ ކަންކަން ރޭވިފައި އޮތީ ވެސް ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު މާލެ އަންނަންޖެހޭ އުސޫލަށް ކަމަށެވެ.