ލައިފްސްޓައިލް

ދަރިވަރުން ލައްވާ ފާޚާނާ ސާފުކުރާތީ ރުޅިގަދަވެއްޖެ

އިންޑިއާގެ ރަށެއްގައި ހުރި ސަރުކާރުގެ ސްކޫލަކަށް ކިޔަވަންދާ އަންހެން ދަރިވަރުންތަކެއް ލައްވާ އެ ސްކޫލުގެ ފާޚާނާތަކެއް ސާފު ކުރުވާ މަންޒަރުގެ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވުމުން ގިނަ ބަޔަކު ރުޅިއަތުވެއްޖެ އެވެ.

މަދުޔަ ޕްރަދޭޝްގެ ގުނާ ޑިސްޓްރިކްޓްގެ ޗަކްދިއޯޕޫރު އަވަށުގައި ހުންނަ މި ސްކޫލް ކުދިން ކުނިކަހާ ފިހިގަނޑުތަކާއި ފާޚާނާ ސާފުކުރާ ބުރުހާއި ބާލިދީ ހިފައިގެން އެތަން ސާފުކުރަން ތިއްބާ މި ފޮޓޯތަކުން ފެނެ އެވެ.

އިންޑިއާގެ މީޑީއާ އިން ބުނިގޮތުގައި މިއީ ގްރޭޑް 5 އަދި 6 ގައި ކިޔަވާ ކުދިން ތަކެކެވެ.

މިކަން އާއްމުންނަށް އެނގި ރުޅިގަދަވުމުން ކަން ހިނގި ގޮތް ބަލަން ފަށާފައިވާ ކަމަށް އެ ސްޓޭޓްގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ކުދިން ފާޚާނާ ސާފު ނުކުރާ ކަމަށާއި ސްކޫލަށް އައި މަގުމަތީގައި ފަޔާއި ޔުނިފޯމްގައި ކިސަޑު ހޭކިގެން ހެދުން ސާފު ކުރީ ކަމަށް އެކުދިން ބުނި ކަމަށް މައްސަލަ ބަލަން ދިޔަ ޓީމުގެ އޮފިޝަލުން ކައިރީ އެ ކުދިން ބުނި ކަމަށް ވެއެވެ.

އެކަމަކު މިއީ ސްކޫލުގެ އިސްވެރިން އަންގައިގެން ކުދިން ދީފައިވާ ދޮގު ބަޔާންތަކެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. ސަބަބަކީ ފޮޓޯތަކުން ފެންނަނީ އެ ކުދިން ފާޚާނާ ސާފުކުރާ ބުރުހާއި ކުނިކަހާ އިލޮށި ފަދަ ތަކެތި ހިފައިގެން ފާޚާނާ ތެރެ ސާފުކުރަން ތިއްބާ ކަމަށް ވާތީ އެވެ.