ފައިސަލް ނަސީމް

ސިޔާސަތުތައް ތަންފީޒުކުުރުމުގައި ސައުދި އަރަބިއްޔާއަކީ ނަމޫނާއެއް: ނައިބް ރައީސް

Sep 24, 2022
2

ތަރައްގީގެ ކަންކަން ހާސިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސައުދީ އަރަބިއްޔާއަކީ ނަމޫނާ ގައުމެއް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 92 ވަނަ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނު އެކުލަވާލެއްވި "ވިޝަން 2030" މަގުޗާޓަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

"މިއީ ދުރުވިސްނޭ ގާބިލު ލީޑަރެއްގެ ވިސްނުންފުޅާއި އަދި މަސައްކަތްތެރި ހީވާގި ރައްޔިތުންގެ މަސައްކަތާއެކު ސައުދީ އަރަބިއްޔާއަށް ހާސިލުކުރެވޭ ކަންތައްތައް،" ނައިބް ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި "ވިޝަން 2030" އިއުލާނުކުރުމަށްފަހު ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާވެރި މުސްތަގްބަލެއް ހޯދައިދިނުމަށާއި އަދި ގައުމުގެ އިގްތިސާދު އެކި ދާއިރާތަކަށް ފުޅާކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފި އެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖެއާ ސައުދީ އަރަބިއްޔާގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. ދެ ގައުމުގެ މި ގުޅުން ބިނާވެފައި ވަނީ، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި، ދެމުންގެންދާ އެއްބާރުލުމާ އަދި ދެ ގައުމުން ހިއްސާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ.

"އެގޮތުން މުސްލިމު ދެ ގައުމެއްގެ ހައިސިއްޔަތުން، ސައުދީ އަރަބިއްޔާއާ ދިވެހިރާއްޖެ އަކީ އިސްލާމީ ސަގާފަތާއި އަދި ތާރީހީ ގޮތުންވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ގައުމު،" ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުން އެމަނިފާނަށް އަދާކުރެއްވި މެހުމާންދާރީއާ ބެހެއްޓެވި ގާތްކަމާއި އަދި ދިވެހި ހައްޖާޖީންނަށް ދިން އަހައްމިއްޔަތު ކަމަކީ ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ފައިސަލްގެ ވާހަކަފުޅުގައި ސައުދީ ސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ދީފައިވާ ދީލަތި އެހީތަކާއި ފަހިކޮށްދީފައިވާ ފުރުސަތުތައް ދިވެހި ސަރުކާރާއި ރައްޔިތުން ބަލައިގަންނަ ކަމުގައި ވިދާޅުވި އެވެ. އަދި ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މުހިއްމު ބައިވެރިއެއް ކަންވެސް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސްގެ ވާހަަކަފުޅުގައި ވަނީ އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމުގައި ސައުދީ އަރަބިއްޔާއިން އަދާކުރަމުންދާ މުހިއްމު ދައުރުވެސް ފާހަގަކުރައްވާފަ އެވެ.