ގައުމީ ފުޓްބޯޅަ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ގިނަ މެޗުތައް ކުޅެން ލިބުމުގެ މުހިއްމުކަން އެބަ ފެންނަ ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ފީފާގެ ކަލަންޑަރާ އެއްގޮތަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ގައުމީ ޓީމު މިހާރު ތިބީ ބްރޫނާއީ ގަ އެވެ. އެ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 3-0 އިން ބްރޫނާއީ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި މިއަދު މެންދުރު ނުކުންނާނީ ލާއޯސްއާ ދެކޮޅަށެވެ.
އެކުވެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ކޯޗު ވަނީ ހިމަނާފާ އެވެ. އޭގެތެރޭގައި ޓީމުން އަލަށް ފުރުސަތުދިން ހަތަރު ކުޅުންތެރިން ހިމެނެ އެވެ. ގައުމީ ކޯޗުގެ އެންމެ ބޮޑު އަމާޒަކީ ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތައްދީ އެ ކުޅުންތެރިން ސީނިއާ ޓީމަށް ހޭނުމެވެ.
"ޒުވާން ކުޅުންތެރިންނަށް މީގެ މެޗުތައް ލިބެންޖެހޭ. އެކަމުގެ މުހިއްމުކަން އެބަފެނޭ. އަހަރެމެން ކުރަން ބޭނުންވާ ކަންތައް ވިސްނައިދޭން މި މެޗުތައް މުހިއްމު" މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އިޓަލީގެ މޮރިއޭރޯ ބުންޏެވެ.
ކޯޗު ބުނީ ފުރަތަމަ މެޗުގައި ދެއްކި ކުޅުމުން ހިތްހަމަޖެހުން ލިބުނު ކަމަށާއި، އެކަން އިތުރަށް ފުރިހަމަ ކުރުމަށް ލާއޯސް މެޗު ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށެވެ.
މިއަދުގެ މެޗަކީ ގައުމީ ޓީމު މި އަހަރު ކުޅޭ އެކުވެރިކަމުގެ ތިން ވަނަ މެޗެވެ. އަހަރުގެ ކުރީކޮޅު މާލޭގައި ބަންގްލަދޭޝްއާ ވާދަކުރި މެޗުން މޮޅުވީ 0-2 އިންނެވެ. ދެ ވަނަ މެޗުގައި ބްރޫނާއީ ބަލިކުރިއިރު މިއަދުގެ މެޗުން މޮޅުވެއްޖެ ނަމަ އެއީ ރާއްޖެ އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ގައުމީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) ބުނީ ދިގު ދަތުރަކާއި މަދު ޕްރެކްޓިސްތަކާ އެކު ނުކުމެ ބްރޫނާއީ މެޗުގެ ފުރަތަމަ ހާފުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އިތުރަށް އަކޫ ބުނީ ޓީމުގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިން ކަމަށާއި މުހިއްމީ އެކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއްދީ ކުރިއަށް އޮތް ތަނަށް އެ ކުޅުންތެރިން ތައްޔާރުކުރުން ކަމަށެވެ.
"އެފްއޭ އާއި ކޯޗާ އެހެން އެންމެން ގުޅިގެން ކުރަމުން މިދަނީ ޓީމު ޒުވާން ކުރުމުގެ މަސައްކަތް. އެކަމަށް ބަލާއިރު މި މެޗުތަކަކީ ލިބުނު ރަނގަޅު ފުރުސަތެއް" ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމުގައި ފާހަގަކޮށްލެވޭ އަކޫ ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް ނުކުންނާ ލާއޯސް ދުނިޔޭގެ ރޭންކިންގެ 183 ވަނައިގައި އޮތްއިރު ރާއްޖެ އޮތީ 156 ވަނައިގަ އެވެ. ރާއްޖޭން ވަނީ މީގެ ކުރިން ލާއޯސްއާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. 2016 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅުނު މެޗުން 0-4 އިން މޮޅުވިއިރު ދެ ވަނަ މެޗުގައި ލާއޯސްގެ ދަނޑުގައި 1-1 އިން ވީ އެއްވަރެވެ.
ރާއްޖެ އާއި ލާއޯސް ކުޅޭ މެޗު ފަށާނީ މިއަދު މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.