އެމްޓީސީސީ

މަޑިފުށީގެ ތޮއްޓާއި ވިލިނގިލީ ބަނދަރު ހަދަން އެމްޓީސީސީއަށް

ތ. މަޑިފުށީގެ ތޮށުލުމާއި ގއ. ވިލިނގިލީގައި ބަނދަރު ހެދުމުގެ މަސައްކަތް 71 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޑިފުށީގެ ބިން ހިއްކުމުގެ މަސައްކަތް ބާރުސްޕީޑެއްގައި ކުރިޔަށްދާ ކަމަށާއި ނަމަވެސް ހިއްކަމުންދާ އިރު ގިނަ ދުވަސް ތަކެއް ވަނދެއް ރިވެޓްމަންޓް ނުޖަހައިފި ނަމަ ހިއްކައިބައި ގިރައިލާނެ ކަމަށެވެ.

"އެހެންވެ ވީހާވެސް އަވަހަކަށް މިމަސައްކަތް ފެށުމަށް ޓަކައި 46 މިލިއަން ރުފިޔާ ގެ މިޕްރޮޖެކްޓު މި ހަވާލުކުރީ އެމްޓީސީސީއާ. މިމަސައްކަތް ކޮށް ނިމުމުން އިރާދަކުރެއްވިއްޔާ މުޅި ރަށަށް ބޮޑުތަރައްގީ އެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދެން އެމްޓީސީސީއާ ހަވާލު ކުރީ ވިލިނގިލީގައި ދެވަނަ ބަނދަރެއްގެ މަސައްކަތް ކުރުމަށެވެ. މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރުމަށް 25 މިލިއަން ރިފުޔާ ހަރަދުވާ ކަމަށާއި އަހަރެއް ތެރޭގައި މި ދެ މަސައްކަތް ވެސް ނިންމަން ޖެހޭ ކަމަށެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ވެނީ މި ދެ މަޝްރޫއުގެ އިތުރުން މާލޭ ހުޅަނގު ސަރަހައްދުގައި ހިއްކައި ބިމުގެ ތޮށިލުމުގެ މަސައްކަތް ކުރުމަށް ވެސް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.