އެމްޓީސީސީ

ޒަމާނީ ބަދަލުތަކާއިއެކު ވިލިމާލެ ޓާމިނަލް ތަރައްގީކުރާނަން: އެމްޓީސީސީ

ޒަމާނީ ބަދަލުތަކާއި ގިނަ ވަސީލަތްތަކަކާއިއެކު ވިލިމާލެ ފެރީ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ވިލިމާލެ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ ގޮތުން ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. ޕްލޭން އެކުލަވައިލެވުނުހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ވިލިމާލެ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ ގޮތުން އަޅުގަނޑުމެން މިދަނީ ދިރާސާތަކެއް ކުރަމުން. ޕްލޭނިން ޕްރޮސެސް ނިމުމާއެކު މަސައްކަތް ފަށާނަން،" އާޒިމް ވިދާޅުވި އެވެ.

މިހާރު ވިލިމާލެ ފެރީ ޓާމިނަލް ހުންނަ ބިން ޓާމިނަލުގެ އިތުރުން އެމްޓީސީސީގެ އެކި ބޭނުންތަކަށް ބޭނުންކުރެއެވެ. އަދި އުޅަނދުތައް ޕާކް ކުރުމަށް ވެސް ބޮޑު ސަރަހައްދެއް ވަނީ ދީފަ އެވެ. ނަމަވެސް އެ ބިމަކީ ޕާކިން ޒޯނެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ޓާމިނަލް ބިމަކީ އެއްގޮތަކަށް ވެސް ޕާކިން ޒޯނެއް ނޫން. އެތަން އަޅުގަނޑުމެން ޑިވެލޮޕްކުރާނަން،" އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ވިލިމާލެ ފެރީ ޓާމިނަލް އަލުން އިމާރާތްކޮށް ތަރައްގީކުރަން ކޮންޓްރެކްޓްގައި ސޮއި ވެސް ކުރިއެވެ. މިގޮތުން 12 ބުރީގެ އިމާރާތެއް އެޅުމަށް ނިންމައި އެ އިމާރާތުގެ ބްލޫ ޕްރިންޓަށް 500،000 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އެ މަޝްރޫއުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އެމްޓީސީސީއަށް 17 މިލިއަން ރުފިޔާ ދީފައިވެ އެވެ.

މީގެ އިތުރުން އެ އެއްބަސްވުމާ ގުޅިގެން އެމްޓީސީސީން ފުރަތަމަ ޓާމިނަލް ހުރި ބިން ހުސްކޮށް ވަގުތީ ޓާމިނަލެއް ހެދިއެވެ. މިހާރު ބޭނުންކުރަމުން އެދަނީ އެ ވަގުތީ ޓާމިނަލެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމާއިއެކު އެ ކޮންސްޓްރަކްޝަން ޕްލޭން ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.