ކުޅިވަރު

ގައުމީ ފުޓްބޯޅަ ޓީމުން ލާއޯސް ވެސް ބަލިކޮށްފި

ފީފާގެ ރޭންކިންގައި ގުނާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ ވަނަ މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިއަދު ލާއޯސް 3-1 އިން ބަލިކޮށްފި އެވެ.

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ބްރޫނާއީ އަތުން ރާއްޖެ މޮޅުވީ 0-3 އިންނެވެ. ދެ މެޗުން ރާއްޖެ މޮޅުވިއިރު ދެ މެޗުގައި ވެސް ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ.

ބްރޫނާއީގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ޖެހީ މިއަދު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އަރިމަތިން ހުރަސްވި ބޯޅަ ލާއޯސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ހަންނަ އަށް ލިބުމުން ފަސޭހަކަމާ އެކު ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. ހަންނަ މިވަނީ މިއަހަރު ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. މީގެ ކުރިން ހަންނަ ގޯލު ޖެހީ މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗާއި މި ހަފްތާ ބްރޫނާއީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލާއޯސް އިން ނަތީޖާ ހަމަހަމަކުރީ ކެޕްޓަން ބޯންފަޗަން ބޯންކޯންގް ޖަހައިދިން ގޯލުންނެވެ. އޭރިޔާ ތެރޭގައި ހުހަށް ހުއްޓައި ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލީ އެއް ފަހަރުން ޖަހަ އެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އަށް އަނިޔާވުމުން ބަދަލުގައި މުހައްމަދު އިރުފާން (އިރޭ) ވަނީ ކުޅެން އަރުވާފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ރާއްޖޭން ދިޔައީ ލާއޯސްގެ ޑިފެންސަށް ބާރުބޮޑު ކުރަމުންނެވެ. ރާއްޖޭން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 59 މިނެޓުގައި ހުސައިން ނިހާން (ނިހާޓް) ޖެހި ގޯލުންނެވެ. އިބްރާހީމް ވަހީދު ހަސަން (އިއްބެ) ޖައްސާލި ބޯޅަ އޭރިޔާ ބޭރުގައި ހުރެފައި ނިހާޓް ތިރިތިރިން ފޮނުވާލީ ގޯލުގެ ކަނަށެވެ.

ރާއްޖޭގެ ފަހު ގޯލު 67 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. ލާއޯސްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަނެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅަ ހޯދުމަށް ފަހު އިއްބެ ވަނީ ހާސްކަމެއް ނެތި ގޯލަށް ވައްދާލާފަ އެވެ. އޭގެފަހުން ހަމްޕު ފޮނުވާލީ އިތުރު ހަމަލާއެއް ގޯލުގެ ދަނޑިއާ އަމާޒުވި އެވެ.

މެޗުގެ ފަހުކޮޅު ރާއްޖޭން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ދެ ގޯލުގެ ފަހަތުގައި އޮތުމުން ލާއޯސް ޓީމުން ކުރިއަށް ޖެހި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރި އެވެ. އެއް ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ރާއްޖޭގެ ގޯލު ބެލެހެއްޓި ހުސައިން ޝަރީފް ވަނީ ލާއޯސް އިން ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުމެއް ގޯލުގެ މަތީ ކަނަށް އަމާޒުވަނިކޮށް މަތަކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ މިހާތަނަށް ވަނީ ރަސްމީ ނުވަ މެޗު ކުޅެފަ އެވެ. އެ މެޗުތަކުގެ ތެރެއިން ރާއްޖޭން މިވަނީ ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ.

ގައުމީ ކޯޗާއި އެފްއޭއެމްގެ އަމާޒަކީ ގައުމީ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައި އެ ކުޅުންތެރިން ތަރައްގީ ކުރުމެވެ. އެ ވިސްނުމާ އެއްގޮތަށް މިފަހަރު ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ދިނެވެ.