( 20 ސެޕްޓެމްބަރ 2022 އާ ގުޅޭ )
"މައި... ރަނގަޅުތަ؟." ފާޚާނާ ތެރެއަށް ރަޒާ ބޯދިއްކޮށްލީ މައިރާ ހޮޑުލާ އަޑު އިވިގެންނެވެ. މައިރާ ޖަވާބެއް ނުދިނެވެ. ރަޒާ ވަދެގެން އައިސް މައިރާއާ ގާތްވެލިއެވެ. އަނބިމީހާގެ ބުރަކަށީގައި ރަޒާ ފިރުމާދޭން ފެށިއެވެ.
"ނުގުޅޭ އެއްޗެއް ކެވުނީހެން ހީވަނީ." އަނގަދޮވެލާފައި ފިރިމީހާ ކުރި ސުވާލަށް މައިރާ ޖަވާބު ދިނެވެ.
ފާޚާނާއިން ނުކުމެގެން އައިސް އެނދުގައި މައިރާ އޮށޯވެލިއެވެ. އޭނާގެ ކައިރީ ރަޒާ އިނެވެ. މަޑުމަޑުން މައިރާގެ ބޮލުގައި އޭނާ ފިރުމަމުން ދިޔައެވެ.
"މައި ސްޓްރެސްވަނީތަ؟." ވިސްނަން އިން ފަދަ ހިމޭންކަމެއްގައި އިނދެފަ ރަޒާ އަހާލިއެވެ. ކަމެއްވެއްޖެނަމަ މައިރާ އެކަމަކާމެދު މީހެއް ކައިރީ މަޝްވަރާ ކުރާނީ އަމިއްލައަށް އެތައް ވިސްނުމެއް ވިސްނާފައެވެ. އަނބިމީހާގެ އެ ސިފައަކީ ރަޒާއަށް އެނގޭ ކަމެކެވެ.
"ވިސްނޭ. އެކަމަކު އަމިއްލަ މީހާއަށް ގެއްލުންވާ ހިސާބަކަށް ފިކުރުތަކެއް ނުދޭ. ރަޒާ މިހާރު ތި ހާސްވަނީ." މައިރާ ހިނިތުންވުމެއް ދިނެވެ.
"މައިއަށް ކަމެއް ވެދާނެތީ ހާސްވާނެ ދޯ. މައި ނެތް ދުވަހެއް އަތުވެއްޖެނަމަ އަހަންނަށް ވާނީ ކިހިނެއްބާއޭ ހިތަށް އަރަނީ." ރަޒާ ބުންޏެވެ.
"ހާދަ ހިސާބަކަށް ތި ދިޔައީ. ހޮޑުލެވުނެއްކަމަކު އަދި ތިކަހަލަ އެއްޗެއް ހިތަށް އަރުވާކަށް ނުވާނެއެއްނު. މަރަކީ ޔަގީންވާ އެއްޗެއް. މަރުވާނީ ކިހިނެއްކަމެއް ވެސް ނޭނގޭ. އަހަރެމެންގެ ތެރެއިން ކުރީން ވަކިވެގެން ދާނީ ކާކު ކަމެއް ވެސް ނޭނގޭ. ރަޒާ... ދެން އެ ވާހަކަ ނުދައްކާ. އަހަރެން ބިރުގަނޭ." މައިރާއަށް ބުނެވުނެވެ.
ކޮންމެ މަރަކީ ވެސް ދިރިތިބީންނަށް ހަނދާންކޮށްދިނުމެކެވެ. ރީނާއާ މަރު އައިސް ބަދަލުކުރި ގޮތާމެދު މައިރާއަށް ވިސްނެއެވެ. އޭނާ ބިރުގަންނަނީ އެހެންވެއެވެ. އޭނާއާ މަރު އައިސް ބަދަލުކުރާނޭ ގޮތެއް ނޭނގޭތީއެވެ. އެ ޚިޔާލުތަކުން އޭނާ ހާސްވެ ކަންބޮޑުވާކަން ފިރިމީހާއަށް އެނގޭކަށް މައިރާ ނޭދެއެވެ. އަމިއްލަ ނަފްސާ މެދު ކުރީން ނުދެކޭ ނަޒަރަކުން މައިރާއަށް ބެލެންފެށިއްޖެއެވެ. އޭނާގެ ޢަމަލްތަކާމެދު ވިސްނެއެވެ. އޭނާއަށް އުޅެވޭ ގޮތާމެދު ވެސް މެއެވެ އޭނާ ނަމާދު ކުރެއެވެ. ޤަވައިދުން ކޮންމެ ދުވަހަކު ޤުރުއާން ނުކިޔެވިޔަސް އޭނާ ކިޔަވައެވެ. މައިންބަފައިންވަނީ ދީނުގެ މުހިންމު ރުކުންތައް އޭނާއަށް ދަސްކޮށްދީފައެވެ.
"ރަޒާ... އަހަރެން ބުރުގާ އަޅަން މިވިސްނަނީ." މައިރާ ނިންމާފައިވާ ކަމެއް ފިރިމީހާއާ ޚިއްޞާކޮށްލިއެވެ. ޙައިރާންކަން ލިބުނު ފަދައަކުން މައިރާއާ ނަޒަރު ސީދާކޮށްލައިގެން އިނދެ ރަޒާ ދެ ބުމަ ހިއްލާލިއެވެ.
"ސީރިއަސްކޮށްތަ." ރަޒާ އަހާލިއެވެ.
"ހޫމް. މިހާރު ވަރަށް ބޭނުން ބުރުގާ އަޅަން. އެވެސް ދީނުގެ ބައެއްތާ. ހަމައެކަނި ނަމާދުކުރިޔަސް ނުފުދޭނެއެއްނު. އުޅުން ވެސް ރަނގަޅު ކުރަން އެބަޖެހޭ. މީހާ ހުންނަ ގޮތް ވެސް އިސްލާޙު ކުރަން ޖެހޭ. އަހަރެމެން މުސްލިމުންނަށްވާއިރު އެނގެއެއްނު މިއެއްނޫންކަން އޮތް ދުނިޔެއަކީ. މީ ދެން އޮތް ދުނިޔެއަށް ޓަކައި ތައްޔާރުވާންވީ ތަނެއްކަން." މައިރާ ބުންޏެވެ. ގިނަ ސުވާލުތަކެއް ނުކުރީ ނަމަވެސް އަނބިމީހާގެ ވިސްނުމަށް އައިސްގެން އުޅޭ ބަދަލުގެ ސަބަބު ރަޒާއަށް އެނގެއެވެ. އެމީހުންގެ ތެރެއިން އެކަކުވެސް ތިބީ އެފަދަ ކުއްލި މަރެއް އެމީހުންގެ ތެރެއިން އެހާ ގާތުން ފެނިދާނޭ ކަމަށް ތައްޔާރުވެގެންނެއްނޫނެވެ. ކުރީން މަރާ މެދު ނުވިސްނިޔަސް ކޮއްކޮ ވަކިވެގެން އެ ދިޔައީ އެމީހުންނަށް މަރާ މެދު އިންޒާރު ދީފައެވެ. ހަޤީޤަތް ނޭނގުނަސް އެ ވަކިވުން އިބްރަތަކަށް ފުދެއެވެ.
"ޖަންނަތު ބޭނުންނުވާނީ ކާކު؟. އައި މީން ޖަންނަތު ކިޔާ ކުއްޖެއްނޫން އިނގޭ... ޕެރެޑައިސް."
"ދެން ރަޒާ... އެކަމާ ވެސް ޖޯކުތަ ތިޖެހީ." ރަޒާގެ ބަނޑުގައި މައިރާ ވިކައިގަތެވެ. ތަދުވެގެން އުޅޭހެން ބަނޑުގައި ފިރުމާލިއިރު ރަޒާ ހެނީއެވެ. އޭނާ ބޭނުންވީ ދެމެދަށް ވެރިވެފައި އޮތް ސީރިއަސްކަމުގެ އަސަރު ފިލުވާލުމަށެވެ.
"ނޮޓް ޖޯކިން. ސީރިއަސްކޮށް... މައި ބުރުގާ އަޅަން ބޭނުންވާނަމަ ހަމަ އަޅަންވީ. އަހަރެން މިހުރީ ހޯދައިދޭން. އަނބިމީހާ ރަނގަޅު ޞާލިޙު ކަމެއް ކުރާން އުޅޭއިރު ކީއްކުރަން ހުއްޓުވަންވީ. އެކަމަކު ނަމެއްގަ ބުރުގާ ނާޅާތި. އެކަމެއް ކުރާން އޮންނަ ރަނގަޅު ގޮތަށް އެކަން ކުރާންވާނީ. ފައިދާ ކުރާނީ އޭރުން." ރަޒާ ބުންޏެވެ.
"ރަޒާ ވެސް މިހާރަށްވުރެ ބޮޑަށް ނަމާދަށް ފަރުވާތެރިވާތި. އޮފީހުގައި އުޅެންޏާ ތިހުންނަނީ ނަމާދުނުކޮށް. ގެއަށް އައިސް ވެސް ވަރުބަލިވެފަ ހުރިއްޔާ ނަމާދަށް ނާރާ ނިދަން އެބަ އޮށޯވޭ. އެހެން ހަދައިގެން ނުވާނެ. އަހަރެމެން ނިމުން ރަނގަޅު ކުރާނޭ ފުރުޞަތު އަދި އެބައޮތް. ވަގުތު ހިނގައިދާނެ ނިކަން އަވަހަށް. އެއްވެސް ފައިދާއެއްނެތް ގޮތުގައި ހާދަ ވަގުތެއް އަހަރެމެންނަށް ބޭކާރު ކުރެވިއްޖެއޭ. ފަރުވާތެރިވާންވީ އެހެންވެ." މައިރާ ލޯބިން އޭނާގެ ކައިރިއަށް އޮތް ރަޒާގެ ވައަތުގެ މުލައްދަނޑީގައި ފިރުމާލިއެވެ.
ދެމަފިރިންގެ ދެމެދުގައި ދެކެވެމުންދިޔައީ މީގެ ކުރީން ނުދެކެވޭ މައުޟޫޢުއެކެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހާއެއް ނޫނެވެ. ކަންކަން ދަސްކުރުމާއި އެކަމަށް ހޭނެން ވަގުތު ނަގާނެއެވެ. އެހެންވިޔަސް ރަނގަޅު މަގު ޚިޔާރުކުރުމަށް ﷲ އިރާދަކުރެއްވި އަޅަކަށް ނަސީބާއި ކާމިޔާބު ހުއްޓެވެ. ޔަގީނުން އެ ދެމަފިރިންނާއެކު ﷲ ގެ ރަޙުމަތްވާކަމުގެ ހެއްކަކަށް އެމީހުންގެ ހިތްތަކުގައި ދިއްލުނު އަލިކަން ފުދެއެވެ.
* * * * *
އެހެންޏާ ނުދޭ ސަމާލުކަމެއް އައިރިކްއާއި މާޔަލްއަށް އިސާކު ދެމުންދާކަން އޭނާގެ އަވަސް ބެލުންތަކުން ދޭހަވެއެވެ. ޝަބްނަމްގެ ހާލަކީ ވެސް އެއީއެވެ. އެންމެންނަށް ވެސް ޔަގީންވަނީ މާޔަލްގެ ބަހަށް އައިރިކް ކިޔަމަންވާކަމެވެ. އެ އަންހެންކުއްޖާ އެދޭ ކަންކަމާ އައިރިކް ޖަދަލެއް ނުކުރެއެވެ. ޚާއްޞަ ގުޅުމެއް އެ ދެމެދުގައި ނުވާނަމަ އެ ފެންނަ ބަދަލުގެ އަސްލަކީ ކޮބާބާއެވެ. މާޔަލްއާ މުޚާޠަބު ކުރުމުގައި ވެސް އައިރިކްގެ ގެންގުޅޭތީ ފެންނަނީ މަޑުމައިތިރިކަމެވެ.
ހެނދުނުގެ ނާސްތާ ނިންމާފައި އައިރިކްއާއެކު މާޔަލް ކާކޮޓަރިން ނުކުތެވެ. ޝަބްނަމްއާއި އިސާކާއެކު އައިތަން މަޑުކޮށްލީއެވެ. އޭނާގެ މައިންބަފައިން ރިއާގެ ވާހަކަ ދައްކަން ބޭނުންވަނީއެވެ. ބަލިވެއިންކަން އެނގުމުން ވެސް ރިއާ ގޮވައިގެން އެ ޢާއިލާގެ ގާތަށް އައިތަން ނާންނާތީ އެކަމާ ވެސް ސުވާލު ކުރާން އެމީހުން ތިބީ ބޭނުންވެފައެވެ.
ސޯފާގައި މާޔަލް އިށީނެވެ. ކޮފީމޭޒުމަތީގައި އޮތް ލެޕްޓޮޕް ނަގަން އޭނާ ގުދުވެލިއެވެ. އެވަގުތު އޭނާއަށް އައިރިކް ގޮވާލިއެވެ. ބިއްދޮށުގައި އޮންނަ މަސްފެންގަނޑާ ދިމާއަށް ނުކުމެވެން ހުރި ދޮރުކައިރީ އައިރިކް ހުއްޓެވެ.
"މަސައްކަތް ފަށާކަށް އަދި ނުވޭ. މިތާ މަޑުކޮށްލަން އާދެބަލަ." ފަޓުލޫނުގެ ދެ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން މާޔަލްއާ ދިމާއަށް އެނބުރި ހުރެ އައިރިކް ބުންޏެވެ. އެއާއެކު މާޔަލް އެފަދަ އިން ކަންތައް ކުރިއެވެ.
މަސްފެންގަނޑު ކައިރީ ހުރި ދަގަނޑު ބެންޗުގައި އައިރިކްއާއެކު މާޔަލް އިނެވެ. އައިރިކް އެއްޗެކޭ ނުބުނުމުން އެ މޫނަށް ދެ ފަހަރަކު މާޔަލް ބަލާލިއެވެ. އޭނާ އިސްވެ ވާހަކަދައްކަންވީއ މާޔަލް ހިތަށް އެރިއެވެ. އައިރިކްއާއެކު ފެންނަ ހުވަފެންތަކުގެ ހަޤީޤަތް އޮޅުންފިލާނީ އެކަމާ މާޔަލް ސުވާލު ކުރީމައެވެ. ފުންނޭވާއެއް މާޔަލް ދޫކޮށްލިއެވެ. ދައްކަން ގަސްދުކުރާ ވާހަކައިގެ ސަބަބުން އެކަމަށް އޭނާގެ ނަފްސު ތައްޔާރު ކުރީއެވެ.
"ރިކް..."
"މާޔާ. އަހަރެން..."
ކުއްލިއަކަށް ދެ މީހުންނަށް ވެސް ވާހަކަ ދެއްކުނީ އެކުއެކީއެވެ. ދެ މީހުން ވެސް އެކަކުއަނެކަކާ ޚިއްޞާ ކުރަން ބޭނުންވާ ވާހަކަތަކެއް އެބަހުރިކަން ދެ މީހުންނަށް ވެސް ދޭހަވިއެވެ. އައިރިކް ގާތު ވާހަކަދެއްކުމަށް މާޔަލް އެދުނެވެ.
"އަހަންނަށް ލޯބިވެވުނީ ކިހިނެއްކަން ކިޔާދޭން ބޭނުން. މާޔާ ދެކެ ލޯބިވެވުނީ ކީއްވެކަން އޭރުން އެނގިދާނެ." އައިރިކް ބުންޏެވެ.
"ރިކްއަށް އަހަރެން އެނގޭ. އެކަމަކު އެނގެނީ ކިހިނެއްކަމެއް ބުނާން ނޭނގެނީ. އަހަންނަށް ހުވަފެނުން ރިކް ފެނޭ. ޤަބޫލުކުރާން އުނދަގޫ. އެހެންވާންވީ ސަބަބެއް ނޭނގޭތީ. މި އިޙްސާސް ތަކަށް ދޭންވީ ކޮންނަމެއްކަން ޔަގީނެއްނުވޭ. އެކަމަކު އެއީ ހަމައެކަނި ހުވަފެނެއްނޫންކަން މިހާރު އެނގޭ. އެއީ އަހަރެންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ހިނގާފައި އޮތްކަމެއްކަން ޔަގީން... އަހަރެން މިދައްކާ ވާހަކަ ރިކްއަށް އެނގޭނަމަ އަހަންނަށް ކިޔާދީބަލަ. އަހަންނަކީ ކާކުކަން ބުނެދީބަލަ. ނޭނގުމެއްގައި ހުރެ ހަޔާތުން ދުވަސްތަކެއް ބޭކާރުކޮށްލަން އެދޭނީ ކާކު." މާޔަލް ބުންޏެވެ.
"އިހަށް އަހަރެން ދައްކަން އުޅޭ ވާހަކަ އަޑު އަހާ. މާޔާގެ ސުވާލުތަކަށް އަހަރެން ޖަވާބު ދޭނަން. އަހަރެން މާޔާގެ ތި ވާހަކަތައް ދޮގެއް ނުކުރާނަން. އަހަރެން މި ދައްކާ ވާހަކަ ކަނުލާ އަޑުއަހާ." އައިރިކް މަޑުމަޑުން މާޔަލްއާ ކައިރިއަށް ޖެހިލިއެވެ.
"އެހެންވީރު ކިޔާދީ. އަޑުއަހަން މީނީ." ނިކަން އަވަހަށް މާޔަލް ބުންޏެވެ. އޭނާގެ ހުންނަ ކެތްތެރިކަން ކުޑަ ސިފަ ކުރީން ވެސް އައިރިކްއަށް ފެނިފައި ވެއެވެ.
އައިރިކްގެ މޫނު އަނބުރާލީ މަސްފެންޑުން އޮހޭ ފެންތަކުގެ އަޑާ ދިމާއަށެވެ. ތިރީތުންފަތުގައި ދޫ ހިންގާލައި ތެތްމާލިއެވެ. އޭނާއާއި މާޔާގެ ފަލްސަފާ ލިޔެފައިވާ ސަފުޙާތައް ހުޅުވާލިއެވެ. އައިރިކް ކިޔާދޭން ފެށީ އެންމެ ފުރަތަމަ އެކަކުއަނެކަކަށް ފެނުނު ހިނދުން ފެށިގެންނެވެ. ކައިވެނީގެ ޙަފުލާއިނެވެ. ރަތް ހެދުމުގައި ހަރަކާތްތެރިވާ އެތައް އަންހެންކުދީންނަކާ އެކަހެރިކޮށް ހުރި އަންހެންކުއްޖާގެ ވާހަކައެވެ. ވެއްޓުނު ފިނިފެންމަލެވެ. އައިރިކްގެ ސަމާލުކަން ހުއްޓުނު ގޮތެވެ. އަމިއްލަ އިޚްތިޔާރު ގެއްލުމުން ލިބުނު ހައިރާންކަމުގެ ވާހަކައެވެ. މި ވާހަކަތަކުން އައިރިކްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވިއެވެ. އެއީ އުފާވެރިކަމާއި ހިތްހަމަޖެހުންވީ ފޮނި ހަނދާންތަކެކެވެ. ދާއިމަށް ފުހެވިގެން ނުދާނޭހެން އޭނާގެ ހިތުގެ އެންމެ ފުނުން ފެޅި ލޯބީގެ ނިރެވެ. ހަޔާތުން ލޯބީގެ ބާބު ފެށުނީ އެ ދުވަހުއެވެ. އެ އަންހެންކުއްޖާއާ ބައްދަލުވީ ހިސާބުންނެވެ.
"ޒުހޫރުބެއާއި ޚަދީޖައްތަގެ ހަގު ދަރިފުޅުގެ ކައިވެނި އެއީ. އަހަރެމެންގެ ފެމެލީ މީހެއްހާ ގާތް ބައެއް އެއީ. އާންމުކޮށް އެކަހަލަ ޙަފުލާތަކަށް ދާން އަހަރެން ފޫހިވިޔަސް އެރޭ ދެވުނުކަން އެއީ ނަސީބެއް. އެހެންނޫންނަމަ އޭނާއާ ބައްދަލެއްނުވީސް. އެ ވެޑިންނަށްފަހު އޭނާ ހޯދަން އަހަރެން މަސައްކަތް ކުރީން... ޒުހޫރުބެ ހީކޮށްފާނޭ އެއްޗަކާމެދު ވިސްނުމަށްވުރެ އެއީ ކޮންއަންހެންކުއްޖެއްތޯ ހޯދުން މުހިންމުވި. އެހެންވެ ސުވާލު ވެސް ކުރީން. އަހަރެން ހީކުރިވަރަށްވުރެ އުނދަގޫ ކަމަކަށް އެކަންވީ." އައިރިކް ކިޔާދެމުން ދިޔައެވެ.
"ރިކް މަޑުކޮށްބަލަ!. ޒުހޫރުބެއާއި ޚަދީޖާއޭ ތިކިޔަނީ... އެއީ... ޒިލް... އެއީ ޒިލްގެ ވެޑިންތަ؟." މާޔަލް ކުއްލިއަކަށް އައިރިކްގެ އަތުގައި ހިފެހެއްޓިއެވެ. ސުވާލެއްނުކޮށް ނީނދެވުނީ ޒުހޫރާއި ޚަދީޖާގެ ނަންއިވި އެމީހުންގެ ދަރިފުޅުގެ ކައިވެނީގެ ވަލީމާގެ ވާހަކައިން އައިރިކް ފެށީމައެވެ. ޒިލްމާގެ ކައިވެނި ޙަފުލާ މާޔަލް ހަނދާން އެބަހުއްޓެވެ. އެރޭ ކަންތައްވީގޮތް ވެސް ހަނދާން އެބަހުއްޓެވެ. ނަމަވެސް ހަނދާނުގައި ނެތީ އެރޭ ހިނގިކަމަށް އައިރިކް އެބުނާ ކަންކަމެވެ.
"ޒިލް..." އައިރިކްއަށް ބުނެވުނެވެ.
"ޒިލްމާ. އަހަރެންގެ އެންމެ ގިނަ ދުވަސްވީ އެކުވެރީންގެ ތެރެއިން އެކަކު. ޒިލްމެންގެއަށް އަހަރެން ގޮސް އުޅުމުގައި ޒިލްގެ ޕޭރެންޓްސްއާ ދިމާވެފަ ހުރީ. އޭނާގެ ބައްޕައަށް ކިޔާނީ ޒުހޫރު. މަންމައަށް ކިޔަނީ ޚަދީޖާ. އެ ފެމެލީގަ ތިބެނީ ޓޫ ގާލްސް. ޒިލްއާއި އޭނާގެ ބޮޑަށް ހުންނަ ސިސްޓާ، ޒީނިޔާ." މާޔަލް ވާހަކަދެއްކީ ނޭވާ ވެސް ނުލައެވެ. އަވަސްއަރުވާލާފައެވެ. ކިތަންމެ ފަހަރަކު ފޯނު ނަގައި ޒިލްމާގެ ފޮޓޯ ދައްކަން މާޔަލް ހިތަށް އެރިއެވެ. ނަމަވެސް އެހެން ހިތަށް އެރުމާއެކު އައިރިކްގެ ލޮލަށް ނުފެންނަކަން އޭނާގެ ޟަމީރު ހަނދާންކޮށްދެއެވެ.
"އަހަންނާއި ޒުހޫރުބެގެ ދަރީންނާ ރައްޓެހިކަމެއް ނޯވޭ. އެކަމަކު ތިބުނާހެން ޒުހޫރުބެގެ ތިބެނީ ދެ އަންހެންކުދީން. ދުންފުނި އެގެއަށް ކިޔާނީ. މާފަންނުގަ ހުންނަނީ. އެގެއަކީ ޚަދީޖައްތައަށް ބަހައިގެން ލިބުނު ތަންކޮޅުކަމަށްވަނީ." އައިރިކް ބުންޏެވެ. ކުންފުނީގައި އުޅުނު މުވައްޒަފުންގެ ވަނަވަރު ހިމެނޭ ފައިލްތަކުން ޒުހޫރުގެ ފައިލް އޭނާވަނީ ބަލާފައެވެ. މާޔަލްގެ މަޢުލޫމާތު ހޯދުމުގެ ނިޔަތުގައެވެ. ހަނދާންހުރީ އެހެންވެއެވެ.
"ކިހިނެއް އެހެންވާނީ..." ކުއްލިއަކަށް މާޔަލް ތެދުވިއެވެ. އައިރިކްއާ ދުރަށް އޭނާ ދެތިންފިޔަވަޅު އަޅާލިއެވެ. ހުއްޓުމާއެކު އެނބުރި އައިރިކްއަށް ބަލާލިއެވެ. ޒިލްމާގެ ކައިވެނި ޙަފުލާ ހަނދާން ހުރިއިރު އައިރިކްއާ ބައްދަލުވީކަން ހަނދާންނެތެންވީ ކީއްވެ ހެއްޔެވެ. މާޔަލްގެ މޫނުން ފެންނަނީ އަޖައިބުވެފައިވާ ކަމުގެ އަސަރެވެ.
"މާޔާ..." އައިރިކް ކަންބޮޑުވިއެވެ.
"ދެޓް ރެޑް ޑްރެސް." މަޑުމަޑުން މާޔަލްއަށް ބުނެވުނެވެ. ކައިވެނީގެ ޙަފުލާއިން މާޔަލް ހަނދާންހުރި ކަންތައްތަކާއި އޭނާއަށް ހުވަފެނުން އައިރިކްއާއެކު އެ ރަތް ހެދުމުގައި ހުރެވުނު ގޮތުގެ މަންޒަރުތައް ޚިޔާލުގައި ކުރެހެމުންދިޔައެވެ. އަތްފުނާ އަޅައިގެން އޭނާ އެ ހަނދާންތަކުން އައިރިކް ހޯދަން ފެށިއެވެ. އެއާއެކު މަޑު އާހެއް އޭނާގެ އަނގައިން ނުކުތެވެ. ނިތްކުރީގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހީވީ ކަންފަތުން ލާފައި ސިކުނޑީގެ ތެރެއަށް ތޫނު ކައްޓެއް ހެރިގެންދިޔައީ ހެންނެވެ. ތޫނު ތަދެއްގެ އިޙްސާސް މާޔަލްއަށް ކުރެވުނީއެވެ. ދެ ލޯ ތަގުޅުކޮށްލެވުމާއެކު އޭނާގެ އަނގަ ހުޅުވިގެން ދިޔައެވެ. އެހިނދު ކުއްލިއަކަށް އައިރިކްގެ ދެއަތް އޭނާ ވަށާލައިފިކަމުގެ އިޙްސާސް ކުރެވުނެވެ.
"މާޔާ..." ހާސްކަމާއެކު އައިރިކް ގޮވިއެވެ.
"އައި އޭމް އޯކޭ." މާޔަލް ގަދަކުން ބުނެލިއެވެ.
"އާ ޔޫ ޝުއަރ." އައިރިކް އަހާލިއެވެ. މާޔަލްގެ ކޯތާފަތުގައި ކަނާއަތުން އޭނާ ހިފަހައްޓާލައިގެން ހުއްޓެވެ. ބޯޖަހާލަމުން މާޔަލް އާނއެކޭ ބުނެ ޔަގީންކަން ދިނެވެ. އެހެންވިޔަސް އޭނާގެ ހާލަތު ރަނގަޅެއްނޫނެވެ. އޭނާގެ ސިކުނޑި ފޮރުވާފައިވާ ސިއްރުތައް ހޯދަން އޭނާ އެ ސިކުނޑިއަށް މަޖުބޫރުކުރަނީއެވެ.
"ހިނގާ އެތެރެއަށް." މާޔަލްގެ އަތްތިލައިގަ ހިފާލަމުން އައިރިކް ބުންޏެވެ.
ދެ ޒުވާނުން ވަދެގެން އައިސް ސޯފާގައި އިށީނެވެ. ފެންފޮދެއް ބޭނުންތޯ އައިރިކް އަހާލިއެވެ. މާޔަލް އަމިއްލައަށް ކޮފީމޭޒުމަތީ ހުރި ތަބަކުގެ ތެރޭ ހުރި ބިއްލޫރި ފެންފުޅި ނެގިއެވެ. އަދި އޭގައި ހުރި ތަށްޓަށް ފެންފޮދެއް އަޅައި އެތިފޮދެއް ބޯލިއެވެ. ދެއަތުން ތަށީގައި ހިފަހައްޓާލައިގެން އޭނާ އިނެވެ. އޭނާގެ ސިކުނޑިގައިވީ އެރޭގެ ކައިވެނި ޙަފުލާއެވެ.
ޒިލްމާގެ ކައިވެނި ޙަފުލާގައި ބައިވެރިވާން އެރޭ މާޔަލް ދިޔައީ އެކަންޏެވެ. އިވާންއާ މައްސަލަޖެހުނަސް އޭނާ އުންމީދުކޮށްގެން ހުރީ އެރޭ އެ ޙަފުލާގައި ބައިވެރިވާން އަންނާނޭ ކަމަށެވެ. ޒިލްމާއަކީ ކާކުކަން އިވާންއަށް ވެސް އެނގޭނެއެވެ. އޮފީހުން ކުރިޔަށް ގެންދާ ކޮންމެކަމެއްގައި އިވާން ބައިވެރިވެއެވެ. އެއީ މާޔަލްއަށް މައްސަލައެއް ވެސް ނޫނެވެ. އެރޭ އޮފީސް ނިންމާފައި ޙަފުލާ ނިމޭ ގަޑިއަށް ވިޔަސް އިވާން އައުމަށް މާޔަލް އޮތީ ބުނެފައެވެ. ލަސްވެގެން އިވާން ނާންނަނީއޭ ހީވެ އިވާނަށް މާޔަލް ގުޅަން ވެސް ގުޅިއެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއެވެ. ޙަފުލާ ނިމުމުން ވެސް އޭނާ އިވާނަށް ގުޅިއެވެ. ބަލާ އަންނާނެތޯ އަހާށެވެ. ގެއަށް ދަމުން އިވާން ކައިރީ ނުބުންޏަސް އެކަން މައްސަލައަކަށް ވާނޭކަން އެނގޭތީއެވެ. އެރޭ އެއްގޮތަކަށް ވެސް އިވާންގެ ޚަބަރެއް މާޔަލްއަށް ނުވާކަން އޭނާ ހަނދާން ހުއްޓެވެ.
"ރިކް." މާޔަލް ކުޑަކޮށް އެނބުރިލިއެވެ. އައިރިކްއަށް ބަލާލިއެވެ.
"ޔެސް ލަވް." އައިރިކްގެ ހުރިހާ ސަމާލުކަމެއް މާޔަލްއާއެކު ވެޔޭ ބުނާ ފަދަ އަސަރެއް އެ އަޑުގައި ވިއެވެ.
"ދެން ކިހިނެއްވީ؟. ކިހިނެއް އޭނާ ހޯދީ... އެރޭ... އެރޭ ތި ދެމީހުން ދެއްކީ ކޮންވާހަކައެއް." މާޔަލް ސުވާލުކުރިއެވެ.
އައިރިކް ފަސްޖެހޭ ގޮތްވިއެވެ. ހަޤީޤަތް ހޯދުމަށް ޓަކައި މާޔަލް ވޭން ތަޙައްމުލުކުރާން ވެސް ހުރި ކަހަލައެވެ. މާޔަލް ހާސްވެގެން އުޅޭ ގޮތް އައިރިކްއަށް އިޙްސާސްވެއެވެ. މަންޒަރުތައް ގުޅުވަން މާޔަލް ކުރާ މަސައްކަތް ވެސް މެއެވެ. އެހެންވިޔަސް އައިރިކްއަށް މި ނޫން ގޮތެއް ނެތެވެ. މާޔަލް ހަނދާންވާނޭކަމަށް ދޫކޮށްލައިގެން ހުއްޓާ އޭނާއަށް ލޯބިވެރިޔާ ގެއްލިދާނެ ކަމުގެ ބިރު ހިތުގައި މާ ބޮޑެވެ. ހޭ ހުއްޓާ މާޔަލްއާ ވަކިވުމުގެ ޚިޔާލަކީ ކެތްކުރެވޭނޭ ކަމަކަށް އައިރިކްއަށް ނުވެއެވެ.
"މާޔާ." ކަންބޮޑުވުން އެކުލެވިފައިވާ ރާގެއްގައި އައިރިކްއަށް ގޮވާލިއެވެ.
"ރިކް ޕްލީޒް. އައި އޭމް ވެއިޓިން." އައިރިކްގެ މޫނުގައި މާޔަލްގެ ކަނާއަތްތިލަ ގެނެސް ޖައްސާލިއެވެ. މޫނާއި މޫނު ކައިރިކޮށްލިއިރު މާޔަލްގެ ނޭވާ ވެސް އައިރިކްއަށް އިޙްސާސް ކުރެވުނެވެ. އައިރިކް މަޑުމަޑުން ބޯޖަހާލިއެވެ. އަދި އޭނާ މާޔާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ކައިވެނި ޙަފުލާގައި ދެމެދުގައި ދެކެވުނު ވާހަކަތަކެވެ. އެ ޙަފުލާއިން ދެ މީހުން ވަކިވުމަށްފަހު އެ ހަނދާންތަކުގައި އެއް މަސް ވަންދެން އައިރިކް އުޅުނު ގޮތެވެ. ނާއުންމީދުވެ މާޔޫސްވީ ވަރު ހާމަކުރިއެވެ. އެކަމަކު އެ ހުރިހާ ނުތަނަވަސްކަމެއް މާޔާގެ ސޫރަ ދެވަނަ ފަހަރަށް ފެނުމާއެކު ފިލައިގެން ދިޔައީ ޚުދު އައިރިކް ވެސް ހީނުކުރާހާ އަވަހަށެވެ. އަންހެނުންގެ ދުވަހު އައިރިކްގެ ކުރިމަތިން އޭނާގެ ހިތުގެ މަލަކާ ފާޅުވީ ގޮތް އައިރިކް ކިޔާދިނެވެ. މެންދުރުގެ ވަގުތަށް ވުމުން މެންދުރުގެ ކެއުމަށް އެ އަންހެންކުއްޖާއަށް އައިރިކް ދަޢުވަތު ދިނީ އެކުގައި ވަގުތު ހޭދަކުރާން ގަސްދުކޮށްގެން ކަން އޭނާ ކިޔާދިނެވެ.
"ލެޓްސް ގޯ އައުޓް." ކުއްލިއަކަށް އައިރިކް ބުންޏެވެ.
"ކޮންތާކަށް." މާޔަލް ސުވާލުކުރިއެވެ.
"އެ ރެސްޓޯރެންޓަށް. މާޔާއެކީ އެތަނަށްދާން ބޭނުން. އައި ވޯންޓް ޓޫ ޝޯ ޔޫ. އަހަރެން އޭނާއެކު އެންމެ ފުރަތަމަ ދިޔަ ރެސްޓޯރެންޓް." އައިރިކް ބުންޏެވެ.
"ރިކްއަށް ދެވޭނެތަ." މިފަހަރު މާޔަލް ސުވާލު އުފެދުނެވެ. އައިރިކް އެ ދައްކަނީ އޭނާގެ ލޮލަށް ފެނުނުއިރުގެ ވާހަކަތަކެވެ. މިހާރު އޭގެ ފަހުން އެތައް ކަމެއް ބަދަލުވެއްޖެ ވިއްޔާއެވެ.
"މާޔާ ހުންނާނެމެންނު. ޔޫ އާ އިންފް ފޯ މީ." އައިރިކް ބުންޏެވެ.
"ހިނގާ ދާން." މާޔަލް ބުންޏެވެ. އައިރިކް އެބުނާ އަންހެންކުއްޖަކީ އޭނާ ނަމަ، އެ އަންހެންކުއްޖާ ދިޔަ ކޮންމެ ތާކަށް މާޔަލް ދާން ތައްޔާރެވެ. އެކަމުގެ ސަބަބުން އޭނާގެ ހަނދާނަށް ހެޔޮ ބަދަލެއް އަތުވެދާނޭކަމުގެ އުންމީދު މާޔަލްއަށް އެބައޮތެވެ.
"ވެއިޓް، ހަބީބަށް ގުޅާފަ މިބުނަނީ އަންނާށޭ." އައިރިކް ފަޓުލޫނު ޖީބުން ފޯނު ނެގިއެވެ. އެ ފޯނުގައި މާޔަލްއަށް ދައްކަން ބޭނުންވާ ކިތަންމެ އެއްޗެއް އެބަހުއްޓެވެ. ނަމަވެސް އައިރިކް އިހަށް ގަސްދުކުރީ ހުރިހާ ކަމެއް މާޔަލްއަށް ކިޔާދޭށެވެ. އޭގެ ފަހުގައި އޭނާ ދެއްކި ވާހަކަތަކަށް އެ ފޯނުގައިވާ އެއްޗެއް ހެކިދޭނެކަން ޔަގީނެވެ. މާޔަލްއަށް ޤަބޫލުކުރާން ފަސޭހަވާނީ އޭރުންނޭ އައިރިކްގެ ހިތާއި ޟަމީރު ބުނެއެވެ.
އައިރިކްއާއި މާޔާ ގޭގެ މައިދޮރުން ނުކުންނާތީ ޝަބްނަމްއަށް ފެނުނެވެ. ހަލުވިކޮށް އައިސް އޭނާ ދޮރުމައްޗަށް އެރިއެވެ. ޕޯޓިކޯގެ ހަރުފަތްތަކުން ފައިބަން ދިޔަ ދެ ޒުވާނުންނަށް ޝަބްނަމް ގޮވާލިއެވެ.
"ކޮންތާކަށް." ޝަބްނަމް އަހާލިއެވެ.
"މީހަކާ ބައްދަލުކުރަން. ލަހެއްނުވެ އަންނާނަން." އައިރިކް ނިކަން އަވަހަށް ޖަބާވު ދިނެވެ.
ޝަބްނަމް ބަލަން ހުއްޓާ އޭގެ ދެ ޒުވާނުން ގޮސް ކާރުގެ ފަހަތު ސީޓަށް އަރައިފިއެވެ. ކެހިގެން ދިޔަ ގޭޓުން މަގުމައްޗަށް ކާރު ނުކުތެވެ. ދާންވީ ކޮންތާކަށްކަން ހަބީބަށް އައިރިކް ކިޔާދިނެވެ.
މާޔަލްގެ އަތުގައި ހިފައި ނުހަނު ގާތްކޮށްލައިގެން ހުރެ ރެސްޓޯރެންޓުގެ ތެރެއަށް ވަނެވެ. މައްޗަށް ނަގާފައިވާ ޑެކަށް އަރަން ހުރި ސިޑިއާ ދިމާއަށް ދިއުމަށް އައިރިކް އެދުނެވެ. އެ ސިޑިން ދެ ޒުވާނުން އެރީ ނުހަނު ބަލައިގެންނެވެ. ތިރީގައި ހުރި ގިނަ މޭޒުތައް ފުރިފައި ހުއްޓެއް ކަމަކު މައްޗަށް އެރުމުން އެތަނުގެ މޭޒުތައް ވަނީ ހުސްކޮށެވެ. އައިރިކް ބުނުމުގެ ކުރީން މާޔަލް މޭޒެއް ޚިޔާރުކުރިއެވެ. އެ މޭޒުގެ ދޮށުގައި ދެ ޒުވާނުން އިށީންއިރު އައިރިކްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
"މާޔާ މިތަނަށް އައިންތަ؟." އައިރިކް އަހާލިއެވެ.
"ރިކް އަހަރެން ގޮވައިގެންތަ އައީ؟." މާޔަލް ސުވާލުކުރިއެވެ. އެހިނދު އައިރިކްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލިއެވެ. މާޔަލްއަށް ވަރަށް ބޮޑަށް ޔަގީންކުރެވެއެވެ. އެހެންވިޔަސް އައިރިކް އެއްބަސްނުވަނީ ކީއްވެކަމެއް މާޔަލްއަށް ނުވިސްނެއެވެ.
"ޓޫ އައިސްޓީ." ވެއިޓަރަކު އައިސް ހުއްޓުނު ވަގުތު އައިރިކް ބުންޏެވެ. ހައިރާންކަމާއެކު އައިރިކްއަށް ބަލާލާފައި މާޔަލް ބޯޖަހާލީ ވެއިޓަރަށެވެ. އެ އޯޑަރު ނަގައިގެން ވެއިޓަރު ދުރަށް ހިނގައިގަތް ހިނދު މާޔަލް ވާހަކަދެއްކިއެވެ.
"ޔޫ ނިއު... ޑޯންޓް ޔޫ. އެހެންނޫންނަމަ އައިސްޓީކަން އަހަރެން ނަގާނީ ބުނާކަށް ނޭނގޭނެ." މާޔަލް ބުންޏެވެ.
"މާޔާ، އަހަރެމެން މިތިބީ ކޮންމޭޒަކު؟. މިބުނީ ސިޑިން އަރައިގެން އަންނައިރު ކިހާ ހިސާބަކު ހުރި މޭޒެއްގަ." މާޔަލްގެ ސުވާލަށް ޖަވާބެއްނުދީ އައިރިކް ވެސް ކުރިމަތިކުރުވީ ސުވާލެކެވެ. މާޔަލް ވަށައިގެން ބަލާލިއެވެ. އެމީހުން ތިބި ހިސާބު އައިރިކްއަށް ސިފަކޮށްދޭނެ ގޮތަކާމެދު އޭނާ ވިސްނާލިއެވެ.
"އެ ދުވަހު ލަންޗަށް އައީ މިތަނަށް. އަހަރެމެންނަށް މޭޒެއް ޚިޔާރުކޮށްދިނީ މިތަނުގައި އެވަގުތު އުޅުނު ވެއިޓަރެއް. އަހަރެމެން ތިބީ މަގުމައްޗަށްވާ ފަޅީގައި. ލަކުނޑި ރެއިލިންގ ދޮށުގައި ހުރި ހަތަރު މޭޒުންކުރެ، މިތާ ހައްދާފައި ހުރި ބޮޑު ގަހުގެ ހިޔާ އެޅިފައި ހުރި ފަރާތުން ދެވަނަ މޭޒުގައި." އައިރިކް ބުންޏެވެ. މާޔަލްގެ ނަޒަރު މައްޗަށް ހުއްޓުނެވެ. އެއްފަރާތުގައި ހެދިފައި ހުރި ބޮޑު ގަހުގެ އޮފިތައް އޭނާގެ ބޯމަތިން އެހެރީ ފެންނާށެވެ. އެ މޭޒަށް އެ އޮފިތަކުގައިވާ ފަތްތަކުން ވަނީ ހިޔާ އެޅިފައެވެ. މާޔަލްއަށް އައިރިކްއަށް ބަލާލެވުނެވެ. އެ މޭޒު ޚިޔާރު ކުރީ މާޔަލް އަމިއްލައަށެވެ. އެތަނަށް އައުމުގެ ކުރީން އައިރިކް އެ ރެސްޓޯރެންޓުގައި ހިނގި އެއްވެސް ކަމެއް މާޔަލްއަށް ކިޔާދީފައެއް ނުވެއެވެ.
"އިޓްސް ނޮޓް އަ ކޮއިންސިޑެންސް... ނޫންތަ؟. އައި ވޯޒް ވިތް ޔޫ. އިޓް ވޯޒް މީ. ވީ ވާ ހިއާ." މާޔަލްގެ ހިތާއި ޟަމީރު އެއް އަޑަކުން ބުނަންފެށިއެވެ.
(ނުނިމޭ)