އެމްއެންޕީ ކޮންގްރެސް 2022

އެމްއެންޕީގެ އާންމު ސިޔާސަތުތައް ފާސްކޮށްފި

Sep 24, 2022

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާންމު ސިޔާސަތުތައް ފާސްކޮށްފި އެވެ.

ތާޖުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި މިއަދު ފާސްކުރި އާންމު ސިޔާސަތުތަކަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނަޑައެޅި ސިޔާސަތުތަކެކެވެ.

ސިޔާސަތުތައް ފާސްކުރީ އެކަންކަމާ މެދު މެންބަރުންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ބައެއް އިސްލާހުތަކާ އެކު އެވެ.

މައިގަނޑު ނުވަ ދާއިރާއަކަށް ކަނޑައަޅާފައިވާ އާންމު ސިޔާސަތުތަކަށް ހުށަހެޅުނު 58 ހުށަހެޅުމާ އެކު ސިޔާސަތުތައް ފާސްކުރީ ކޮންގްރެސްގައި ތިއްބެވި 270 އެއްހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ނުވަ ދާއިރާ

  • ދީނާއި ގައުމިއްޔަތު
  • ހެޔޮ ވެރިކަން
  • ޖިސްމާނީ އާއި ނަފުސާނީ ދުޅަހެޔޮ ކަން
  • ފުންދުންތެރި ދިވެއްސެއް
  • އިގުތިސާދާއި ދަތުރުފަތުރު
  • އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން
  • ހައްގުތަކާއި ހިޔާވަހިކަން
  • ވެށީގެ ރައްކާތެރިކަން
  • ގައުމީ އުފެއްދުންތެރިކަމާއި ތަރައްގީ

ފާސްކުރި މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ ރަށްވެހިކަން އާންމުކޮށް ހުރިހާ ރަށަކަށްވެސް ހުޅުވާލުމާއި، ފުރިހަމަ ރިޔާސީ ނިޒާމަކަށް ގައުމު ބައްޓަންކުރުމާއި، ޖިންސީ ގޯނާއާއި އަންހެނުންނާ ދެކޮޅަށް ގުރޫޕް ހަދައިގެން ހިންގާ ޖިނާއީ ކުށްތަކުގައި އަދަބު ލިބޭ މީހުންނަށް މައާފު ނުދިނުމާއި، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމާއި، ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރުމާއި، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.

އެމްއެންޕީގެ ކޮންގްރެސްގައި އިސްލާހުތަކަކާ އެކު އެ ޕާޓީގެ އަސާސީ ގަވައިދުވެސް ފާސްކުރާނެ އެވެ.

ރަސްމީކޮށް ރޭ ފެށި ކޮންގްރެސް މިރޭ ރަސްމީކޮށް ނިންމާލުމަށް ހަމަޖެހިފައިވެ އެވެ.