އިބްރާހިމް އަމީރު

ހަނީމާދޫ އެއާޕޯޓުން އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ: އަމީރު

Sep 24, 2022
4

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައި މިވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށް އެކަމުގެ ރަސްމީ އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ.

މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީހުގައިވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ޖޭއެމްސީއާ ހަވާލުކުރުމަށް ނިންމާ ދިވެހި ސަރުކާރުން އެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާ އަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ތެރެއިން ކަމަށްވާތީ މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ފުރުސަތު ދީފައިވަނީ އެގްޒިމް ބޭންކުން ޝޯޓްލިސްޓް ކޮށްފައިވާ އިންޑިއާގެ ވަކި ކުންފުނިތަކަކަށެވެ.

ބިޑް ހުށަހެޅުމަށް ދިން މުއްދަތު މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަވިއިރު ޖޭއެމްސީއާ އެކު ހަތަރު ކުންފުންޏަކުން ކުރިމަތިލި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިއަހަރު ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު 2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ އެވެ.

ހަނިމާދޫ އެއާޕޯޓަށް އަންނަ ބަދަލުތައް

  • އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
  • އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާކުރުން
  • ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
  • ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
  • އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ވަނީ ފަރުމާކުރުން
  • ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކަށް ސީދާ ދަތުރުތައް ހަނިމާދޫއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.