ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅިފަޅު ބަނދަރާ އެކު ދިވެހިންގެ އަތްމަތި ތަނަވަސްވާނެ: ރައީސް

Sep 24, 2022
1

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރަށް ހަލުވިވެ ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 36 ވަނަ އަހަރީ ޖަލްސާގައި ރައީސް ސޯލިހް ވަނީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުން އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ.

ރައީސް ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގުޅިފަޅުގައި ބަނދަރަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.

"ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ހަރަކާތްތައް ހަލުވިވެ، ހިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަހައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްގީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ހަރަކާތްތަކަށްވެސް ޖާގަ ލިބޭ ވަރަށް" އެމަނިކުފާނު ވިދާޅުވި އެވެ.

ހެންވޭރު ބޯޅަދަނޑުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސް ވިދާޅުވީ ވިޔަފާރި ބަނދަރުތަކަކީ ގައުމެއްގެ އިގްތިސާދީ އެންމެހައި ހަރަކާތްތަކުގެ މައިބަދަ ކަމަށެވެ. އަދި ވިޔަފާރި ބަނދަރުތައް ތަރައްގީކޮށް އިގްތިސާދީ ދުވެލި ބާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ރައީސް ވާހަކަދެއްކެވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގައި ތަރައްގީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ ކަމަށެވެ. އަދި ގދ. ތިނަދޫގައިވެސް ސަރަހައްދީ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.

ތިލަފުށީގައި މިހާރު ތަރައްގީކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫއު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ތައްޔާރުވަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށާއި އާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

އެމްޕީއެލްގެ ބަނދަރުތައް ތަރައްގީކޮށް ނިމުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ސިނާއީ ބޮޑެތި ހަރަކާތްތައް އޭރުން މަދުވާނެ ކަމަށެވެ.

"ތަރައްގީގެ މަޝްރޫއުތައް ނިމުމުން މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ހިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އެމްޕީލް އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ބަނދަރުގެ މޮޑެލްއެއް ވެދުމަށް އަރުވާފަ އެވެ. މީގެ އިތުރުން މި ޖަލްސާގައި ޕޯޓް ކޮމިއުނިޓީ ފަންޑް އިފްތިތާހްކުރުމާއި، ޖޮބް ޕޯޓަލް، ސްޓާފް މޯބައިލް އެޕްލިކޭޝަން އިފްތިތާހްކުރުމާއި، އެމްޕީއެލް އިން ދޭ ސްކޮލާޝިޕް ވެސް ހަވާލުކޮށްފައިވެ އެވެ.