މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވިހެއުމުން ދޭ ޗުއްޓީ އެމްޕީއެލްގައި ވެސް ދޭން ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިހެއުމާ ގުޅިގެން މައިންނަށް ދިނުމަށް ހަމަޖެހިފައިވާ ހަމަސް ދުވަހުގެ މަޓާނިޓީ ލީވް އަދި ބައްޕައިންނަށް ދިނުމަށް ހަމަޖެހިފައިވާ އެެއް އެއް މަސްދުވަހުގެ ޗުއްޓީ ދިނުމަށް މިއަދުން ފެށިގެން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މިކަން އެކުންފުނިން އަންގާފައިވަނީ އަންހެނުން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ސިޓްރޯން ބައި ލެމަންގްރާސް ގައި ބޭއްވި ހަފްލާއެއްގައިގައި އެކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު (ސީއީއޯ) ޝާހިދު އަލީ އެވެ. މި ހަފްލާގައި އެކުންފުނީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒިފުން ބައިވެރިވެފައިވާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ޝާހިދު އަލީ ވިދާޅިވީ، މާބަނޑު ދުވަސްވަރު މުވައްޒިފުންނަށް މަސައްކަތުގެ މާހައުލުގައި ދަތި ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުން ފްލެކްސިބަލް ގަޑިތަކެއް ހަމަޖެއްސުމުގެ މަޝްވަރާތަށް ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް މަޝްވަރާތަށް ނިމި ފްލެކްސިބަލް ގަޑިތަށް ހަމަޖެހިގެންދާނެ ކަމަށްވެސް ޝަހީދު އަލީ ވަނީ ވިދާޅުވެފަ އެވެ.

އެކުންފުނިން މައުލޫމާތުދޭ ގޮތުގައި ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ، ޗުއްޓީގައި ތިބޭ މުވައްޒިފުންނަށްވެސް ހަމަޖެހޭނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވިހެއުމާ ގުޅިގެން ޗުއްޓީ ދިނުމުގެ ވައުދު އިފްތިތާހު ކޮށްދީފައިވަނީ ކ. މާފުށީގައި އަންހެނުނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން އޮފީސްތަކާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރުވަނީ ވިހެއުމާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ ޗުއްޓީ ދިނުމަށް ފަށައިފަ އެވެ.