ޑޮކްޓަރަކު ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާ ތަން ފެންނަ ވީޑީއޯ އަކަށް ސޯޝަލް މީޑީއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
މިއީ ތަންކޮޅެއް ކުރީގެ ވީޑީއޯއެއް ނަމަވެސް އޮންލައިންގައި ދައުރުވާން ފެށީ އިއްޔެ އެވެ.
މި ވީޑީއޯ އަކީ އިންޑިއާގެ އާގްރާގައި ހުންނަ ކޮމިއުނިޓީ ހެލްތު ސެންޓަރެއްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރަމުންދިޔަ ކުޅަދާނަ މަސައްކަތް ވަރަށް ރީތިކޮށް ފެންނަ ވީޑިއޯ އެކެވެ.
ވީޑިއޯ ޓުވިޓާގައި ޝެއާ ކޮށްފައިވަނީ އުއްތަރު ޕްރަދޭޝްގެ ޕޮލިސް އޮފިސަރެކެވެ.
ވީޑީއޯއިން ފެންނަނީ ޑރ. ސުލޭކާ ޗައުދަރީ އެވެ. އަލަށް އުފަންވީ މި ކުއްޖާއަށް ނޭވާ ނުލެވިގެން ޑޮކްޓަރު ސީޕީއާރް ދީގެން ކުއްޖާ އަށް ނޭވާ ލެވެން ފަށަ އެވެ.
ކުއްޖާ ވިހެއީ ނޯމަލްކޮށެވެ. ނަމަވެސް ވިހޭއްސުރެ ކުއްޖާއަށް ނޭވާލުމުގައި ދަތިތައް ދިމާވަމުން ދާތީ ޑޮކްޓަރު ވަނީ ހަތް ވަރަކަށް މިނިޓް ވަންދެން އަނގައިން އަނގަޔަށް ސީޕީއާރް ދީފަ އެވެ. އެއީ އޮކްސިޖަން ދީގެން ވެސް ނޭވާ ލެވޭ ގޮތް ނުވެގެންނެވެ.
ވީޑީއޯ ޝެއާކުރި ފުލުސް އޮފިސަރު ލިޔެފައިވާ ގޮތުގައި ކުއްޖާއަށް ރޮއި ގަނެވުނީ ހަތް މިނިޓް އަނގައިން އަނގަޔަށް ސީޕީއާރް ދިން ފަހުންނެވެ. އަދި ރޯން ފެށުމާއެކު ޑޮކްޓަރަށް ވެސް ބަޔާން ނުކުރެވޭ ވަރުގެ އުފަލެއް ލިބުނުތަން ފެނުނު ކަމަށް މި ޕޯސްޓުގައި ވެއެވެ.