ވާހަކަ

އިޙްސާސްވޭ

( 24 ސެޕްޓެމްބަރ 2022 އާ ގުޅޭ )

"އިޓްސް ނޮޓް އަ ކޮއިންސިޑެންސް... ނޫންތަ؟. އައި ވޯޒް ވިތް ޔޫ. އިޓް ވޯޒް މީ. ވީ ވާ ހިއާ." މާޔަލްގެ ހިތާއި ޟަމީރު އެއް އަޑަކުން ބުނަންފެށިއެވެ.

މާޔަލްގެ ހިމޭންކަން ދިގުލާން ފެށުމުން އައިރިކް ގޮވާލިއެވެ. ނަމަވެސް މާޔަލްއަށް ވާހަކައެއް ނުދެއްކުނެވެ. ބުނަންވީ ކީކޭކަމެއް ވެސް އޭނާއަށް ނުވިސްނެނީއެވެ. ފެންނަމުންދާ ކަންކަން ނަގައިގަންނަން އޭނާއަށް ވަގުތު ބޭނުންވާ ކަހަލައެވެ.

"ދާންވީތަ؟." އައިރިކް އަހާލިއެވެ.

"ނޫން. ޓެލް މީ... ޓެލް މީ މޯ އަބައުޓް ހާ." މާޔަލް ބުންޏެވެ.

އައިރިކްއާއެކީ މާޔަލް އެ ރެސްޓޯރެންޓަށް އައި ފުރަތަމަ ދުވަހުގެ ބައެއް ވާހަކަތައް އައިރިކް ކިޔާދިނެވެ. އޭނާ ވާހަކަދައްކަނީ ވަރަށް ވިސްނައިގެންނެވެ. މާޔަލް ސުވާލު ކުރާނޭ ކަމަކަށް އައިރިކް ހީކުރިއެވެ. ނަމަވެސް އޭނާ އަދިވެސް ފެންނަނީ ހިމޭންކަމެއްވާތީއެވެ. އެކަކަށްވެސް ނޭނގެނީ މާޔަލްގެ ހުރިހާ ސުވާލެއް ރައްދުކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސާ ކަމެވެ. އައިރިކްގެ މަތިން ހަނދާން ނުހުންނަންވީ ކީއްވެބާއޭ މާޔަލް އަމިއްލަ ނަފްސާ ސުވާލުކުރަނީއެވެ. އޭނާއާއި އައިރިކްއަކީ ދެ ލޯބިވެރީންބާއެވެ. އައިރިކް ލޯބިވެޔޭ އެބުނަނީ އެ ދެމެދުގައި އެފަދަ ގުޅުމެއް ބޭއްވިފައި އޮތީމަބާއެވެ. އެހެންވެއްޖެނަމަ އިވާންއާ ރައްޓެހިވެގެން އުޅެމުން މާޔަލް އިތުރު ލޯބިވެރިއެއް ނެގީ ހެއްޔެވެ. ކީއްވެ ހެއްޔެވެ. އިވާން ދެކެ ރުޅި އައިސްގެން ހެއްޔެވެ. އޭނާ ކައިރިން ބަދަލެއް ހިފަން ހެއްޔެވެ. މީ ހައްތަހާ ވެސް މާޔަލް ޖަވާބު ބޭނުންވާ ސުވާލު ތަކެވެ. އައިރިކްއާ އެ ސުވާލުތައް ކުރާން އޭނާ ފަސްޖެހެނީއެވެ. އިވާންއަކީ ކާކުކަމެއް އައިރިކްއަށް އެނގިފައިނެތްކަން އޭނާގެ ވާހަކަތަކުން އެނގޭތީއެވެ.

ޝަބްނަމް އިރުއިރުކޮޅުން އައިރިކް އުޅޭ ބަޔަށް އައިސް ބަލާލައެވެ. ދަރިފުޅު އެނބުރި ގެއަށް އަތުވެއްޖެތޯއެވެ. އައިރިކްއަށް ގުޅާފައި އަންނާނޭ އިރެއް އަހާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެހެންވިޔަސް ހިތް ނުތަނަވަސްވަނީ މާޔާއާއެކީ އައިރިކް ދިޔައިމައެވެ. އެ ދެ ޒުވާނުން އެ ދިޔައީ ކޮންތާކަށްކަން ޔަގީން ނުވާތީއެވެ. މާޔާއާއެކު ވަގުތު ހޭދަކުރާން އައިރިކް ފުރުޞަތެއް ހޯދީ ނޫންކަމެއް ނޭނގެއެވެ. ޝަބްނަމްގެ ސިކުނޑީގައި އެނބުރެނީ ރަނގަޅު ޚިޔާލުތަކެއް ނޫނެވެ. އައިރިކް ގެއިން ނުކުތުމުން އިސާކަށް ވެސް ޝަބްނަމް ގުޅިއެވެ. އޮފީހާ ބެހޭ ކަމެއްގައި ނޫންކަން އައިރިކް އެ ދިޔައީ ޝަބްނަމްއަށް ޔަގީންވީ އެހެންވެއެވެ.

މެންދުރު ފަޒްނާއާ ދެ މީހުން ކައިގެން ނުކުމެ މަތީ އުނދޯލީގައި ތިއްބެވެ. މާޔާއާ ބެހޭ ގޮތުން ފަޒްނާގެ ޚިޔާލެއް ޝަބްނަމް އަހާލިއެވެ. އޭނާއަށް އައިރިކްއާއި މާޔާ ވަރަށް ގާތްހެން ފާހަގަ ކުރެވިގެންނޭ ބުނެލިއެވެ.

"އަޅުގަނޑަށް ވެސް ތިހެން ހީވެފަ މިހުންނަނީ. ރަނގަޅު މަންޖެއެއްހެން ހީވޭ. ރިކް ލައްވާ ޔަގީނުން ވެސް ކަންކަން ކުރުވަން އެ މަންޖެ ދަނޭ. އެކަންތައްގަނޑަށްފަހު އަދިކިރިޔާ އެކުއްޖާ ހަމައަކަށް އެ އެޅެނީ. މިހާރު ފެންނައިރު ދެރަވެފައެއް ނުހުރޭ. އެކަމަކު އަދިވެސް ކޮންމެވެސް ކަމަކާ ވަރަށް ފިކުރު ކުރާހެން ހީވޭ. މާޔާ ވަރަށް ކެތްތެރި. ވެދާނެ އެ އަންހެންކުއްޖާގެ ސަބަބުން އައިރިކްއަށް ލޮލަށް ނުފެނުނަސް އުޅެވިދާނެކަން ވިސްނުނީހެން." ފަޒްނާ ބުންޏެވެ.

ފަޒްނާގެ ވާހަކަ އަޑު އަހަން އިންދާ ގޭގެ މައި ބޮޑު ގޭޓު ކެހިގެން ދިޔަ އަޑު އިވުނެވެ. އެ އަޑާއެކު ޝަބްނަމް އުނދޯލިން ފޭބި ގޮތަށް އެ ދިމާ ބެލްކަންޏަށް ނުކުތެވެ. ގޭޓުން އެތެރެއަށް ވަނީ އައިރިކްގެ ކާރުކަން ފެނުމާއެކު ޝަބްނަމްއަށް ހަމަޖެހުމުގެ ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭނާ އެނބުރުނު ގޮތަށް ސިޑިއާ ދިމާއަށް ހަލުވިކޮށް ދިޔައެވެ. ދަރިފުޅާ ބައްދަލުކުރާށެވެ.

"ކޮބާ މާޔާ." ބޮޑުކޮޓަރިއަށް ހަބީބުއާއެކީ ވަން އައިރިކް ފެނުމާއެކު ޝަބްނަމްއަށް އަހާލެވުނެވެ.

"ގެއަށް ދިޔައީ." އައިރިކް ބުންޏެވެ. އަދި ހަބީބު ކައިރީ ދާން ބުނެފައި އޭނާ އެތެރެއަށް ވަދެގެން އައެވެ. ގޭތެރޭގައި އޭނާއަށް މީހެއްގެ އެހީތެރިކަމެއް ބޭނުންނުވާނޭކަން ޝަބްނަމްއަށް ވެސް އެނގެއެވެ. އޭނާ ދަރިފުޅާއެކު އައެވެ.

"ކީއްވެ ރިކް ގޮވައިގެން ގެއަށް އައިސްފަ ނުދިޔައީ. މަސައްކަތް ނިމުނީތަ؟." ޝަބްނަމްއަށް ސުވާލުނުކޮށް ނުހުރެވުނެވެ.

"ބައްދަލުވުން ނިމުނީމަ މާޔާ ފޮނުވާލީ. މިއަދު ދެން މަސައްކަތެއް ކުރާހިތެއްނެތް." އައިރިކް ބުންޏެވެ.

އައިރިކް އުޅޭ ބައިގެ ދޮރާ ހަމައަށް ޝަބްނަމް އައެވެ. މަންމަ ކަމެއް ބޭނުންވީތޯ އައިރިކް ސުވާލު ކުރީ އެހިސާބުންނެވެ. މެންދުރުގެ ކެއުން ފޮނުވަންވީތޯ ޝަބްނަމް އަހާލިއެވެ. ކައިގެންކަން އައީ އައިރިކް ބުންޏެވެ. ޝަބްނަމް އިތުރު ވާހަކައެއް ނުދެއްކުމުން އައިރިކް އައިސް ވަނީ ނިދާކޮޓަރިއަށެވެ. ކޮށްފައި ހުރި ބެގީ ނައްޓާލުމާއެކު ގަމީހުގެ މަތިން ދެތިން ގޮށް ނައްޓާލިއެވެ. ލޮލުގައިވި ކަޅު އައިނު ނަގައި އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ބާއްވާލިއެވެ. ދެން އެނދުގައި އޭނާ އޮށޯވެލައިފިއެވެ.

މާޔަލްއާ މެދު އައިރިކް ޚިޔާލުކުރަން ފެށިއެވެ. ގެއަށްދާން މާޔަލް އެދުމުން އޭނާ ހުއްޓުވަން އައިރިކް ހިތަށް އެރިއެވެ. އެފަދައިން ކަންތައް ނުކުރީ މާޔަލްއާ މެދު ވިސްނާލާފައެވެ. އައިރިކް ހުރިހާކަމެއް ހާމަނުކުރާއިރު ވެސް މާޔަލްއަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަގީނެވެ. އެއްފަހަރާ ހުރިހާ ހަގީގަތެއް މާޔަލްގެ އުނގަށް ބަންޑުންކޮށްލައިފިނަމަ އެ އަންހެންކުއްޖާއަށް ލިބޭ ސިހުން ބޮޑުވާނޭކަން އައިރިކްއަށް ޤަބޫލުކުރެވެއެވެ. ދުރުދުރުން ކަންކަން ކިޔާދޭން އައިރިކް ބޭނުންވީ އެހެންވެއެވެ. ފިނިނޭވާއެއް އައިރިކް ބޭރުކޮށްލިއެވެ. ފަޓުލޫނުގެ އަރިމަތީ ޖީބުން އޭނާގެ ފޯނު ނެގިއެވެ. މާޔަލްއަށް މެސެޖެއް ލިޔެ ފޮނުވާލިއެވެ. އޭނާއާ މެދު އައިރިކްއަށް ވިސްނޭކަން ހާމަކޮށްފައެވެ. މާޔަލްއަށް ކަމެއްވެއްޖެނަމަ އައިރިކް ގާތުގައި ބުނާނަންތޯ ވެސް އަހައިފައެވެ.

"އޭރު އަހަންނަށް ފާހަގަވި އުފާވެރިކަމެއް މިހާރު ނެތް. އަހަރެން މާޔާގެ ދިރިއުޅުމަކުން ދުރަކަށް ނުދަން. އަހަންނާ ދުރަށް ގޮސްގެން ތިއުޅެނީ މާޔާ އަމިއްލައަށް. އަހަރެން ވެސް އެނގެން ބޭނުން... މާޔާ ކީއްވެ އަހަރެންގެ މަތިން ހަނދާންނައްތާލީ. އެ ސުވާލު ކޮށްފިނަމަ މާޔާ ޖަވާބު ދޭނަންތަ؟. ނޫން... އެނގޭ ނުދެވޭނެކަން... ތީ އޭރުގެ މާޔާއެއް ވެސް ނޫން. އައި ވޯންޓް ހާ ބެކް." އައިރިކް ދެ ލޯ މަރާލިއެވެ. މާޔަލްގެ ސޫރަ ލޯ ކުރިމަތިން ކުރެހިގެން އައެވެ.

* * * * *

ގެއަށް ވަން މާޔަލް ފެނުމާއެކު ސިޓިންރޫމު ސޯފާގައި ތިބި އާމާލްއާއި މައިރާއަށް ލިބުނީ ހައިރާންކަމެވެ. އެ ގަޑިއަކީ މާޔަލް އޮފީހުގައި އުޅޭނެ ގަޑިއަށްވާތިއެވެ. މިލައިފާވާ މޫނުމަތިން ހިނިތުންވުމެއް ވަގުތުން މާޔަލް ކުރަހާލައިފިއެވެ. އަވަސް އަރުވާލާފައި އައިސް ސޯފާގައި އިން މައިރާގެ ގާތުގައި އިށީނދެ ދައްތަގެ ގައިގާ އޭނާ ބައްދާލިއެވެ.

"މައްޔު. ކާންތަ ތިއައީ؟." އާމާލް އަހާލިއެވެ.

"ކުޑަކޮށް ބޮލުގަ ރިއްސާތީ މިއައީ." މާޔަލް ބުންޏެވެ.

"މާބުރައީތަ؟." މައިރާ އަހާލިއެވެ.

"ބުރަބުރައެއް ނޫން. ބޮލުގަ ރިއްސާ ވާހަކަ ބުނާއިރަށް ސުވާލު ގިނަނުކޮށް ބޮސް ނިކަން ފަސޭހައިން އޯކޭ ދީފި، އެހެންވެ އަވަހަށް މިއައީ. ރެސްޓްކޮށްލަންވެގެން." މާޔަލްގެ ވާހަކައިން އޭނާއަށް ކަމެއްވެފައި އިންކަމެއް ނޭނގެއެވެ.

"ދޮންތި ކޮންދަތުރެއް؟. އަހަރެންގެ ފިހާރަ އެބަހުރިތަ؟." މާޔަލް ވާހަކަ ބަދަލުކޮށްލިއެވެ.

"މައިރް ވެސް އެ އައީ ޑަކްޓަރަށް ގޮސްފަ." އާމާލް ބުންޏެވެ. އެއާއެކު ކިހިނެއްތޯވީ މާޔަލް އަހާލީ ހާސްކަމާއެކުއެވެ.

"ޕްރެގްތޯ ޓެސްޓްކޮށްލީ." ލަދުރަކި ހިނިތުންވުމަކާއެކު މައިރާ ބުންޏެވެ.

"ވަޓް... އިންޝާﷲ، ރަނގަޅުވާނެ. ޕޮޒިޓިވްވާނެ... ދޯ މަންމާ." ފުޅާ ހިނިތުންވުމަކާއެކު މިފަހަރު މާޔަލްގެ މޫނުން ހަޤީޤީ އުފާވެރިކަން ފާޅުވެލައިފިއެވެ.

"މާއްކޮގެ ފިހާރަ އެބަހުރި، ސޭލްސް އެކަހަލަ ގޮތެއް. ދަށަކަށްނުދޭ." މައިރާ ބުންޏެވެ.

"މަލަކް ވެސް ނިމިގެން މިހާރު އަންނަން އުޅޭނެ. އެ ދަރި ގެއަށް ވަނީމަ އަޑު ހުންނަނީ. މި ހަފްތާގަ ކޮންމެވެސް ދަތުރެއް ދާން އުޅޭ ވާހަކައެއް އޮތީ ދައްކާފަ. މަންމައަށް ވަރަށް ހީވޭ މަލް އަނެއްކާވެސް ކަމެއް އެބަކުރާހެން. ބޭރަށް ދިއުން ތަންކޮޅެއް ގިނަވެއްޖެ." އާމާލް ބުންޏެވެ.

"އަދި ނުދައްކާ ތިކަހަލަ ވާހަކައެއް." މައިރާ އިނދެފައި ބުންޏެވެ.

"ކަމުދާ ކުއްޖަކު ހުރެގެން އެ ވާހަކަ ދެއްކި. އެކަމަކު ފަހުން ޚަބަރެއްނުވޭ. ބަހައްޓާ!... ނުހުރެވޭނެ ނުބުނެއެއް. ސީރިއަސްވެއްޖެއްޔާ އެ ވާހަކަ ދައްކާނެ. ދޯ ދޮންތި." މާޔަލް ބުނެލިއެވެ.

"މައްޔުއަށް ފަހު ދެން ހުރީ އެ ދަރި. ހިތަށް އަރާ އަވަހަކަށް މީހަކާ އިންނާނެބާއޭ. ދުވަހަކު ރަނގަޅު ކުއްޖަކާ ދިމާވާ ކަމަކަށް ނުވޭ." އާމާލްއަށް ވެސް ހަގު ދަރިފުޅުގެ ގޮތް އެނގެއެވެ. ވިޔާނުދާވެގެން ނުދިޔަޔަސް މަލަކްގެ ރަނގަޅު ކުރަން ޖެހޭ ސިފަތަކެއް އެބަހުރިކަން އޭނާ ވެސް ޤަބޫލުކުރެއެވެ.

* * * * *

ދޮރުން ނުކުންނަމުން އަދިވެސް އެއްފަހަރު ކޮޓަރި ތެރެއަށް މިއުވާނު ބަލާލިއެވެ. ކޮންމެ އެއްޗެއް ހުރީ އެ ހުންނަންވާ ގޮތައްތޯ އޭނާ ޔަގީން ކުރީއެވެ. ދެން އޭނާ ނުކުމެ ދޮރު ލައްޕާލިއެވެ. އެވަގުތު ސިޑިން އަރައިގެން އައި ދާނިއުއަށް މިއުވާން ފެނުނެވެ.

"ޔާނުބެ އަތުވެއްޖެތަ؟." ދާނިއު އަހާލިއެވެ.

"ނާދޭ." މިއުވާން މިހެން ބުނެ އަވަހަށް ބެލީ އެތަނުން ދެވޭތޯއެވެ.

ހަލުވިކޮށް އައިސް އޭނާ ކޮޓަރިއަށް ވަނެވެ. ދޮރު ތަޅުލުމަށްފަހު އޭނާ އައިސް ކަބަޑު މަތިން ލެޕްޓޮޕް ނެގިއެވެ. އެ ހިފައިގެން އައިސް އެނދުގައި އިށީނެވެ. ދެން އޭނާގެ މުށު ތެރޭގައި އޮތް ކާޑު ލެޕްޓޮޕާ ގުޅައިފިއެވެ. އޭގައި ރިކޯޑްވެފައި ހުރި އެއްޗެއް އޭނާ ބަލަންފެށިއެވެ. ލަސް ހަރަކާތެއް ފަދައިން އެއްމިޔަކަނުން މިއުވާނު ހީނލިއެވެ.

އޭނާ އެ ވީޑިއޯ ޕެންޑްރައިވަކަށް އެޅިއެވެ. އަދި ކާޑު ނައްޓާލުމާއެކު އެ ގެނެސް އަލަމާރިން ނެގި ފޮށްޓެއްގެ ތެރެއަށް ލައިފިއެވެ. އެއިން އޭނާ ހިފަން ބޭނުންކުރާ ގަސްދު ވަރަށް ސާފެވެ. އަދި އެ ފޮށީގެ ތެރޭ އޮތް ފޯނު ނަގާފައި އެ ހުރި ތަނަށް ލައިފިއެވެ. އަލަމާރި ލައްޕާލާފައި މިއުވާނު އައިސް ނެގީ ޕެންޑްރައިވް އެވެ. ދެން ލެޕްޓޮޕް ވެސް ލައްޕާލައިފިއެވެ.

މަގުމައްޗަށް ނުކުމެ މިއުވާނު ވަށައިގެން ބަލާލިއެވެ. ހަވީރުގެ ވަގުތެވެ. އެހެންނަމަވެސް އެ ގެ ހުރި ހިސާބުގެ ގޮތުން މަގުމަތިން މީހުންތަކެއް ނުފެނެއެވެ. ހެނދުނު އޮތީ އަވިދިއްލާލާފައެވެ. ނަމަވެސް މިހާރު ފެންނަނީ ފުސްވިލާތަކުން އުޑުމަތި ބައްދަމުން އަންނަ ތަނެވެ. މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލު ކައިރިއަށް މިއުވާނު އައެވެ. ސައިކަލަށް އެރުމުގެ ކުރީން އޭގެ މަޑިދަށުގައި ވިއްސާރަކޯޓު އޮތްތޯ އޭނާ ބަލާލިއެވެ. އެއަށްފަހު ސައިކަލު އިސްޓާޓުކޮށް ދުއްވާލައިފިއެވެ.

ދައްޔާނަށް އޮފީހުން ގެއަށް އާދެވުނީ އެހެން ދުވަސްދުވަހަށްވުރެ ލަހުންނެވެ. ވަރުބަލިވެފައި ހުރުމުން ފުރަތަމަ ވެސް އޭނާ ނިދީއެވެ. ހޭލެވުނު އިރު އޮއްސި އަނދިރިވެއްޖެއެވެ. ދެ ލޯ ހުޅުވުމާއެކު ފުރަތަމަ ވެސް އޭނާ ބަލާލީ ފޯނެވެ. މަލަކްގެ މެސެޖު އައިސްފަ ހުންނާނޭކަން އެނގޭތީއެވެ. ފެންވަރާލައިގެން ނުކުމެ ރޭގަނޑު ކެއުމުގައި ދައްޔާނު ބައިވެރިވިއެވެ. އޭނާ މަލަކްއަށް ގުޅީ އޭގެ ފަހުންނެވެ.

ކޮފީއެއް ބޯލައިގެން މަލަކް ގޮވައިގެން ދައްޔާނު ނުކުތީ ދުއްވާލާށެވެ. ހުޅުމާލޭގެ މަގުތަކުން ދުއްވަމުން ދިޔައިރު އެ ދެ ޒުވާނުން އެކުގައި މީހަކަށް ފެނިދާނެތީ ކަންބޮޑެއް ނުވެއެވެ.

"ގެއަށް ދާނަންތަ؟." ދައްޔާނު އަހާލިއެވެ.

"މަލްމެން ގެއަށް ދާން ހިނގާ." މަލަކް އިނދެފައި ބުންޏެވެ.

"އަހަރެންނާއެކު ދާން ބޭނުންނޫނީތަ؟." ދައްޔާނު ބުންޏެވެ.

"އަހަރެންގެ ފެމެލީއާ ކޮންއިރަކުން މީޓުކުރާނީ. ޔާނުގެ މަންމައަށް އެނގޭހެން އަހަރެން ވެސް ބޭނުން މަންމައަށް ޔާނު އިންޓްރޮޑިއުސް ކޮށްދޭން." މަލަކް ބުންޏެވެ.

"ދެން މިރެއަކުނޫން ދޯ." ދައްޔާނު ބުންޏެވެ.

ދުއްވަމުން އައިސް ދައްޔާނު މަޑުކުރީ އޭނާގެ ގޭ ކައިރިއަށެވެ. އެއާއެކު ގެއަށްތޯ މިއައީ މަލަކްއަށް އަހާލެވުނެވެ. ދައްޔާނު ހަމައެކަނި ލައްވާލީ ހޫނއެކެވެ. ސައިކަލުން ފައިބަން މަލަކް ގާތުގައި އޭނާ ބުންޏެވެ. ހިތްނުތަވަސްވެފައި ހުރިހެން މަލަކް ސައިލުން ފޭބިއެވެ. ދައްޔާނު އައިސް އޭނާގެ އަތުގައި ހިފާލިއެވެ. ލޯބިވެތި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި މަލަކް ގޮވައިގެން އޭނާ ހިނގައިގަތީ ގެއަށް ވަންނާށެވެ.

"ކޮޓަރިއަށް ނުވަދެ މިތާ ތިބެމާ." ފާޑަކަށް ހިތްބިރުގަނެއްފައި ހުރެ މަލަކްއަށް ބުނެވުނެވެ.

އެ ގެއަށް ވަންއިރު ކުރީން ދެ ފަހަރުހެން އެއްވެސް މީހަކު ނުފެނެއެވެ. ދައްޔާނުގެ މިސްރާބު ހުރީ މަލަކް ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. އެކަމަކު މަލަކްއަށް އެގޮތް ކަމުދާހެން ހިޔެއްނުވެއެވެ. ދައްޔާނު އާދޭސްކޮށްލިއެވެ. އިރުކޮޅަކުން ބައްޕަ ޓީވީ ބަލަން ނުކުންނާނެކަން ބުންޏެވެ. ބައްޕަގެ ކުރިމަތީ ދެ މީހުން ސޯފާގައި ތިއްބަސް ހަމަޖެހިލައިގެން ވާހަކައެއް ނުދެއްކޭނެކަން ދައްޔާނު ބުންޏެވެ. އެކަހަލަ އެތައް ބަހަނާއެއް ދައްކަމުން މަލަކްގެ އަތުގައި ހިފައިގެން ހުރެ ސިޑިން އަރަންފެށިއެވެ.

"މަލް..." މަލަކް ހުއްޓުމުން ދައްޔާނު ގޮވާލިއެވެ.

"ކޮޓަރިއަށް ވަނީމަ ވާގޮތް އެނގޭ." މަލަކް ބުނެލީ ދައްޔާނާ ނަޒަރު ސީދާކޮށްލަން ނުކެރި ހުރެއެވެ. އެއާއެކު ދައްޔާނު ހީނލީއެވެ.
(ނުނިމޭ)