އެސްޓީއޯ

އައިޓީއެފްސީ އިން އެސްޓީއޯއަށް 189 މިލިއަން ޑޮލަރު

Sep 25, 2022

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން އެސްޓީއޯ އަށް 189 މިލިއަން ޑޮލަރު -- 2.9 ބިލިއަން ރުފިޔާގެ ފައިނޭންސިން ސްކީމެއް ހަމައްސައިދީފި އެވެ.

މިއީ އިސްލާމިކް ފައިނޭންސިން މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުން ހަަމަޖައްސާފައިވާ ސްކީމް އެކެވެ.

އެސްޓީއޯގެ ފަރާތުން މިއަދު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެެވެ. މިކަމާ ގުޅޭ އިތުރު އެއްބަސްވުމެއްގައި މިފްކޯއާ އެކު ވެސް އައިޓީއެފްސީން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އައިޓީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ ހާނީ ސާލެމް އެވެ.

މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިނޭންސިން ސްކީމުގެ ދަށުން އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލާއި، ބޭހާއި، ކާޑާއި އަދި ސިއްހީ ދާއިރާއަށް ބޭނުންވާ އާލާތްތައް ގަންނާނެ އެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް ސޮއި ކުުރުމުގެ ރަސްމިއްޔާތަށް ފަހު އަމުރު ވިދާޅުވީ ސްކީމުގެ ދަށުން މިފްކޯއަށް ފަސޭހަތަކެއް ލިބި މަސްވެރިންނަށް ކުރާ މަންފާ އިތުރުކުރެވޭނެ ކަމަށެވެ. އަދި އަސާސީ މުދާ ލިބޭނެ ކަމުގެ ޔަގީންކަން ހޯދޭނެ ކަމަށެވެ.

"މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް މިވަގުތު ލިބުނު ވަރަށް ބޮޑު އެހީއެއް،" އަމުރު ވިދާޅުވި އެވެ.

އައިޓީއެފްސީން މީގެ ކުރިންވެސް އިސްލާމިކް ފައިނޭންސިން މޮޑެލްގެ ދަށުން އެހީތައް ހަމަޖައްސައިދީފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް، 2019 ވަނަ އަހަރު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސް ސްކީމެއް އަދި 2020 ވަނަ އަހަރު ލޯނެއް ހަމަޖައްސައިދިނެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިއަހަރު މެއި 24 ވަނަ ދުވަހު އެވެ. އައިޓީއެފްސީގެ ރަސްމީ މެންބަރަކަށް ރާއްޖެއަށް ހަމަޖެއްސީ އުޒްބަކިސްތާނުގައި މިމަހު ކުރިއަށް ދިޔަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ އަހަރީ އާއްމު ޖަލްސާގަ އެވެ.