ސަރުކާރަށް ޑިވިޑެންޑް ދައްކަން ބާރު އެޅުމުގެ ގޮތުން، ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނި ތަކުގެ އަހަރީ ބޯނަސް ދިނުމުގެ އުސޫލަށް ފިނޭންސް މިނިސްޓްރީން ބޮޑު ބަދަލެއް ގެނެސްފި އެވެ.
ފިނޭންސް މިނިސްޓްރީން އަލަށް އަމަލު ކުރަން ފެށި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯނަސް ދިނުމުގެ އުސޫލުގައިވާ ގޮތުން އެ އުސޫލުގެ ބޭނުމަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމެވެ. އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދޭއިރު ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށް ފަހު ދޭ ބޯނަސްއެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
ކުންފުނީގެ ހިންގުން ހަރުދަނާވެ، ކުންފުނީގެ މަގްސަދުތައް ހާސިލް ކުރުމަށް ހުރިހާ ފަރާތްތަކަކުން އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ބާރު އެޅުމަކީ ވެސް މި އުސޫލުގެ އެއް ބޭނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސް ދިނުމަށް އަހަރީ އާންމު ޖަލްސާގައި ފާސް ކުރުމަށް ފަހު ބޯނަސް ދެވޭނީ، އެ ޑިވިޑެންޑް މިނިސްޓްރީ އޮފް ފިނޭންސް އަށް ދެއްކުމަށް ފަހު ނުވަތަ ޑިވިޑެންޑް ދެއްކާނެ ގޮތަކާއި ގުޅޭ ގޮތުން އެ މިނިސްޓްރީއާއެކު އެއްބަސްވުމަކަށް ދިއުމަށްފަހު އެވެ.
ހިއްސާދާރަށް ސަރުކާރަށް ޑިވިޑެންޑް ދެއްކުމަށް ނުވަތަ ހިއްސާދާރުގެ ފަރާތުން ކުންފުންޏަށް ފައިސާއެއް ދައްކަން ޖެހޭ ނަމަ އެ އަދަދަކާއި ޑިވިޑެންޑާއި "ސެޓް - އޮފް" ކުރުމަށް އެއްބަސްވެވިދާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
ބޯނަސް ދޭ އުސޫލަށް އައި ބަދަލު ކުރުކޮށް
- ބޯޑުން ނިންމައި އޭޖީއެމްއިން ފާސް ކުރަންޖެހޭ
- ބޯނަސް ދެވޭނީ ސަރުކާރަށް ޑިވިޑެންޑް ދައްކާފައި
- ބޯނަސް ދެވޭނީ ކަނޑައަޅާ ޑިވިޑެންޑުގެ ތިން ޕަސެންޓް
- ސަރުކާރަށް ޑިވިޑެންޑް ނުދައްކާނަމަ އެ އަހަރު ބޯނަސް ނުބެހޭނެ
- މިހާރު ބޯނަސް ދޭއިރު ކުންފުނިތަކުން އަމަލު ކުރަން ޖެހޭނީ އެއް އުސޫލަަކަށް
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭން ވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާންމު ޖަލްސާ އިން ފާސް ކޮށްގެނެވެ.
ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެ އަހަރަށް ޑިކްލެއާ ކުރާ ޑިވިޑެންޑްގެ ތިން ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވެ އެވެ. އަދި ޑިވިޑެންޑް ޑިކްލެއަ ނުކުރާ ކުންފުނި ތަކުން އަހަރީ ބޯނަސް އެ އަހަރަކު ނުދިނުމަކީ ވެސް އުސޫލްގެ ބޭނުމެކެވެ.
މި އުސޫލްގައިވާ ގޮތުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް ދޭ ބޯނަސް މާނަ ކުރުމުގައި ބައެއް އިނާޔަތްތަކާއި މުސާރައާއި އެލަވެންސް ނުހިމަނާނެ އެވެ. އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް ދޭ ބޯނަސް މާނަކުރުމުގައި ތިރީގައިވާ އިނާޔަތްތަކާއި މުސާރަ އާއި އެލަވަންސް ނުހިމެނޭނެ އެވެ.
ބޯނަސްގެ ތެރޭގައި ނުހިމެނޭ ބައިތައް
- ކުންފުންޏެއްގެ މުވައްޒަފުންނަށް ޤާނޫނަކުން ދޭންޖެހޭ އިނާޔަތެއް ކަމުގައި ބަޔާންކުރާ އިނާޔަތްތައް
- ކޮންމެ މަހަކު މުވައްޒަފުންނަށް ދޭ މުސާރައާއި އެލަވެންސްތައް
- މުވައްޒަފުންނަށްދޭ އެކިއެކި ރިކޮގްނިޝަން އެވޯޑްތައް އަދި އެވޯޑްތަކާއި ގުޅިގެންދެވޭ އިނާމްތައް
- ވެލްފެއާ އާއި ގުޅޭގޮތުން ކުންފުނީގައި ގާއިމުކުރެވިފައިވާ އެކިއެކި ވެލްފެއާ ފަންޑް އަދި ސްޓާފް ލޯން
- ސްކީމް އަދި މުވައްޒަފުންނަށް ދޫކުރެވޭ ކްރެޑިޓް ސްކީމްތަކާއި ފެސިލިޓީތަށް
ބޯނަސް ދެވޭނެ އުސޫލު
ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވޭނީ އެ އަހަރަކަށް ޑިވިޑެންޑްގެ ގޮތުގައި ޑިކްލެއާ ކުރާ މިންވަރުގެ ތިން ޕަސެންޓަށް ވުރެ ބޮޑު ނުވާނެ މިންވަރެކެވެ.
އެހެން ކަމުން ކުންފުންޏަކުން ޑިވިޑެންޑުގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅައިފި ކަމުގައިވާ ނަމަ އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވޭނެ މިންވަރު ވެސް ބޮޑު ވެގެން ދާނެ އެވެ.
ކުންފުންޏަކުން އެ އަހަރަކު ޑިވިޑެންޑް ޑިކްލެއާ ނުކުރާ ކަމުގައިވާ ނަމަ އެ އަހަރަކު އެ ކުންފުންޏަކުން ބޯނަސް ނުދެވޭނެ އެވެ. އަދި ކުންފުނީގެ ކުރީ އަހަރުތަކުގެ "ރިޓެއިންޑް އާނިން" ހިމެނޭ ގޮތަށް ޑިވިޑެންޓް ޑިކްލެއާ ކުރާ ކަމުގައިވާ ނަމަ ބޯނަސްގެ ތިން ޕަސެންޓް ގުނުމުގައި ބަލާނީ އެ އަހަރުގެ ޖުމްލަ ފައިދާ އަށެވެ. އަދި ކުންފުނީގެ "ރިޓެއިންޑް އާނިން" އިން ޑިކްލެއާ ކުރާ ޑިވިޑެންޑް އިން މުވައްޒަފުންނަށް ބޯނަސް ނުދެވޭނެ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންނެވެ. މިގޮތުން ބައެއް ކުންފުނިތަކުން އަހަރީ ބޯނަސްގެ ގޮތުގައި މީގެ ކުރިން މުވައްޒަފުންނަށް ބޮޑު އަދަދެއް ދީފައިއެބަހުއްޓެވެ.